ބޮލީވުޑް

އާލިއާ ވެސް ފިލްމު ޕްރޮޑިއުސްކުރަން ފަށަނީ

May 3, 2017

އުމުރުން 24 އަހަރުގެ ބަތަލާ އާލިއާ ބަޓް ވަނީ އޭނާގެ ފިލްމީ ކުރު ހަޔާތުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. ވޭތުވެދިޔަ އަހަރަކީ އާލިއާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ އަހަރެކެވެ. އޭނާގެ ލީޑްރޯލުން ފެނިގެންދިޔަ ދެ ފިލްމު "އުޅްތާ ޕަންޖާބް" އާއި "ޑިއާ ޒިންދަގީ" އިން އޭނާ އަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބިގެން ގޮސްފަ އެވެ.

އާލިއާ ބޮލީވުޑަށް ނިކުތްތާ މިވީ ފަސް އަހަރުގެ ތެރޭގައި އޭނާ އަށް އެންމެ އުހަށް ދެވި ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ލިސްޓުގައި ގުނާލެވޭއިރު، އާލިއާ މިވަނީ އޭނާގެ ކާމިޔާބީގެ ލިސްޓަށް ބޮޅެއް އިތުރުކުރަން ތައްޔާރުވެފަ އެވެ.

ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އަނުޝްކާ ޝަރްމާ ގޮތަށް އާލިއާ ވެސް މިވަނީ ފިލްމު ޕްރޮޑިއުސްކުރަން ނިންމާފަ އެވެ. އާލިއާ އާ ގާތް ފަރާތްތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ފިލްމު ޕްރޮޑިއުސްކުރަން އާލިއާ ހުރީ ތައްޔާރަށެވެ. މުޅިން އާ ކަންކަން ތަޖުރިބާ ކުރުމަކީ އުމުރުގެ ގޮތުން ހަނގު ވިޔަސް ނުކުރެވޭނެ ކަމެއް ނޫން ކަމަށް އާލިއާ ބުނެފައިވާ ކަމަށްވެ އެވެ.

އެގޮތުން އާލިއާ އޭނާގެ ކެރިއަރުގެ މިހާ ކުރީކޮޅު ފިލްމު ޕްރޮޑިއުސްކުރަން ނިންމީ ޕްރިޔަންކާ އާއި އަނުޝްކާގެ މަސައްކަތުން ހިތްވަރު ލިބިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ފިލްމުތައް ޕްރޮޑިއުސްކުރުމުގައި އާލިއާ އެންމެ ބޮޑު އެހީއެއް ހޯދުމަށް ނިންމާފައިވަނީ ޕްރޮޑިއުސަރު ބައްޕަ ކައިރިންނެވެ.

ޕްރިޔަންކާ ޕްރޮޑިއުސްކުރި މަރާޓީ ފިލްމު "ވެންޓިލޭޓަރު" އަށް ވަނީ ނެޝަނަލް އެވޯޑް ލިބިފަ އެވެ. އަދި އަނުޝްކާ ޕްރޮޑިއުސްކުރި "އެންއެޗް 10" އާއި "ފިލޯރީ" އަށް ވަނީ ރަނގަޅު ކާމިޔާބީއެއް ލިބިފަ އެވެ.