ދުނިޔެ

އެމެރިކާގެ އެންމެ ބޮޑު އޮއިލް ރިފައިނަރީ ސައުދީއިން ގަނެފި

May 2, 2017

އެމެރިކާގައިވާ ތެޔޮސާފުކުރާ އެންމެ ބޮޑު ކާރުހާނާގެ 100 ޕަސެންޓް ހިއްސާ ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި ސައުދީ އަރަމްކޯ އިން ގަނެފި އެވެ.

އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ، ޕޯޓް އާރްތޫރްގައިވާ ތެޔޮ ސާފުކުރާ ކާރުހާނާއަކީ ދުވާލަކު 600،000 ފީފާގެ ތެޔޮ ސާފުކުރާ ތަނެކެވެ. އެތަން ކުރިން ހިންގަމުން އައީ ސައުދީ އަރަމްކޯގެ ސަބްސިޑަޔަރީ ކުންފުންޏެއްކަމަށްވާ ސައުދީ ރިފައިނިން އިންކް އާއި ރޯޔަލް ޑަޗްޝެލް (ޝެލް ކުންފުނި) ގުޅިގެން އުފެއްދި މޯޓިވާ އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.

މޯޓިވާ އެންޓަޕަޕްރައިޒަސްގައިވާ ޝެލް ކުންފުނީގެ 50 ޕަސެންޓް ހިއްސާ ދޫކޮށްލައި ރިފައިނަރީގެ މުޅި މިލްކުވެރިކަން ސައުދީ އަރަމްކޯއަށް ލިބުނުކަން ޝެލް ކުންފުނިން އިއުލާންކުރީ އިއްޔެ އެކުންފުނިން ނެރުނު ބަޔާނެއްގަ އެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި ކުންފުނީގެ ހުރިހާ ހިއްސާއެއް އަރަމްކޯއަށް ދިނުމަށް ދެ ކުންފުނިން އެއްބަސްވީ ފާއިތުވި އަހަރެއްހާ ދުވަހު ކުރި މަޝްވަރާތަކަކަށް ފަހުގަ އެވެ. އެއްބަސްވުމުގެ ދަށުން އަރަމްކޯއަށް ލިބިފައި ވަނީ ޕޯޓް އާތްތޫރު ރިފައިނަރީއާއި 24 ޑިސްޓްރިބިއުޝަން ޓާމިނަލް އެވެ. އަދި ޝެލްގެ ބްރޭންޑް ނޭމް ބޭނުންކޮށްގެން ތެޔޮ ވިއްކުމުގެ ހައްގު ޖޯޖިޔާ، ނޯތު ކެރޮލީނާ، ސައުތު ކެރޮލީނާ، ވާޖީނިއާ، އަދި މެރީލޭންޑް ގައި އޮންނާނީ ހަމަ އެކަނި އަރަމްކޯއަށެވެ. އޭގެ އިތިރުން ޓެކްސަސްގެ ބަޔަކާއި ވޮޝިންޓަން ޑީސީގައި ވެސް ޝެލް ބްރޭންޑްގެ ދަށުން ތެޔޮ ވިއްކާނީ އެކުންފުނިންނެވެ.

ތެލުގެ މި ބޮޑު ޑީލް ނިންމާލާފައި މިވަނީ ސައުދީ އަރަބިއްޔާގެ ނުފޫޒު ގަދަ ޑެޕިއުޓީ ކްރައުން ޕްރިންސް އަދި އެގައުމުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ބިން ސަލްމާން އެމެރިކާއަށް ވަޑައިގެން އެގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާ ބައްދަލުކުރެއްވިތާ ދެމަސްދުވަސް ފަހުންނެވެ.