ދުނިޔެ

ކެންޔާގެ ކޮލެޖަކަށް ހަމަލާދީ 147 މީހުން މަރާލައިފި

Apr 2, 2015

އަލްގާއިދާއާ ގުޅުން އޮންނަ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ކެންޔާގެ ކޮލެޖަކަށް ވަދެ ކްރިސްޓިއަނުންނަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކެއްގަައި ބުރާސްފަތި ދުވަހު 147 މީހަކު މަރާލައިފި އެވެ.

ގެރީސާ ޔުނިވަސިޓީ ކޮލެޖްގައި ގިނަ އަދަދެއްގެ ބަޔަކު މަރާލާފައި ވަނީ އަވަށްޓެރި ސޯމާލިއާގައި އުޅޭ ޝަބާބް ހަނގުރާމަވެރި ޖަމާއަތުގެ ހާއްސަ ޔުނިޓަކަށް ނިސްބަތްވާ ހަތަރު މީހަކު ދިން ހަމަލާތަކުގަ އެވެ. މޫނު ނިވާކޮށްގެން ވަދެ ހަމަލާ ދެމުން ދިޔަ އެ ހަތަރު މީހުން ވެސް މަރާލައި ސަލާމަތީ ބާރުތަކުގެ ކޮންޓްރޯލްގެ ދަށަށް ގެންދެވުނީ ހަމަލާ ދޭން ފެށިތާ 16 ގަޑިއިރު ފަހުންނެވެ.

މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި ކޮލެޖް ތެރޭގައި މީހުންނަށް ހަމަލާދީ މަރަމުން ދިޔައީ ވަކި ހަމައެއް ބަލައިގެންނެއް ނޫނެވެ. ބޮމާއި ބަޑީގެ އަޑު ކޮލެޖު ތެރެއިން އިވުނުު ކަމަށާއި ގިނަ އަދަދެއްގެ ދަރިވަރުން ރަހީނު ވެސް ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮލެޖް ތެރޭގައި ހަމަލާ ދޭން ފެށިއިރު އެތަނުގައި 815 ދަރިވަރުން ތިބޭނެ ކަމަށާއި މިހާތަނަށް 280 ދަރިވަރަކަށް ވީގޮތެއް ނޭނގޭ ކަމަށް އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.