ހަބަރު

ނަޝީދު މިނިވަން ކުރަން ސިޓީއެއް ނުފޮނުވާނަން: މައުމޫން

May 2, 2017
12

ކަންކަން އިސްލާހު ކުރުމަށް ވަރަށް ގިނަ ސިޓީތަކެއް މީގެ ކުރިން ސަރުކާރަށް ފޮނުވާފައިވާނެ ކަމަށާއި އެހެން ކަމުން ނަޝީދު މިނިވަން ކުރަން އިތުރު ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނަޝީދު މިނިވަން ކުރުމަށް ލީޑަރުން ވަކިވަކިން ސިޓީ ފޮނުއްވައިފި ނަމަ، އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވިދާޅުވި ވާހަކައަށް ރައްދުދެއްވައި މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންނަށް އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އެގޮތުގެ މަތިން ކޮންމެ މީހަކަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މުހިންމުކަމެއްކަމާއި ސިޔާސީ ވެރިންނާ ދެކޮޅަށް ދައުވާ ކުރުމާއި އެ ފަރާތްތައް ހައްޔަރުކުރުން ފަދަ ކަންތައްތައް ނުކުރުމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ރައީސްއަށް އިލްތިމާސްކޮށްފައި ވާނެ ކަމަށެވެ. އަދި އެ ސިޓީތަކަށް ޖަވާބެއް ލިބިފައި ނެތް އިރު، އިތުރަށް ކަންކަމަށް އެދި ރައީސްގެ އަރިހުގައި "އާދޭސްކޮށް" ސިޓީ ފޮނުވަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

މައުމޫން ވިދާޅުވީ އެމަނިކުފާނުގެ އަބަދުވެސް ގޮވާލަނީ ޑިމޮކްރަސީއާ ހިލާފު ނާއިންސާފު އަމަލުތަކުން ދުރުވުމަށް ކަމަށާއި އެކަމަށް ބާރު އެޅުމަށް މަސައްކަތްތަކެއް އަބަދުވެސް ކުރައްވާފައިވާނެ ކަމަށެވެ.

"... ވަކި ބޭފުޅަކު މިނިވަން ކުރުމަށް ނުވަތަ ބަދަލު ހިފުމުގެ ރޫހުގައި ވަކި ބޭފުޅަކާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހުއްޓުމަކަށް ގެނެއުމަށް އެދި ވަކިފަރާތަކަށް ސިޓީ ލިޔަން ޖެހޭނެ ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ،" މައުމޫންގެ ބަޔާނުގައިވެ އެވެ. "ކޮންމެ ފަރާތަކުން އެދިވަޑައިގަތަކަސް އެއްވެސް ކަމަކާބެހޭގޮތުން އެ ފަރާތަށް އިތުރު ސިޓީއެއް ފޮނުވަން އަޅުގަނޑު ގަސްތު ނުކުރާ ވާހަކަ ދެންނެވީމެވެ،"

މިދިޔަ ހަފްތާގެ ތެރޭގައި ޕީޕީއެމްއަށް ގިނަ ބަޔަކު ސޮއި ކުރުމަށް ބޭއްވި ހަފްލާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވޭ ގޮތަށް އެމަނިކުފާނު މިނިވަން ކުރުމަކީ މިހާރު ގާނޫނުތައް ހުރި ގޮތުން ރައީސްއަށް ކުރެވެން އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް ރައީސް ވިދާޅުވީ ސިޔާސީ އެންމެން ވެގެން ގާނޫނުތަކަށް ބަދަލު ގެނެސްގެން ނަޝީދަށް ވާދަކުރެވޭ ގޮތް ހެދިދާނެ އެވެ. އަދި ބައެއް ކުށްތަށް ކޮށްގެން ދެވޭ އަދަބު ތަކަކީ ވަކި ބަޔަކު އިސްތިސްނާ ވާކަންކަމުގައި ގޮތުގައި ގާނޫނުގައި ލިޔެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ނަޝީދު ވެސް މިނިވަންކުރަން ބޭނުމިއްޔާ، އަޅުގަނޑަށް އިދިކޮޅުގައި ތިއްބެވި ހުރިހާ ލީޑަރުން ވަކިވަކިން ސިޓީ ފޮނުއްވާ. ރައީސް މައުމޫން ވެސް ފޮނުއްވައި ދެއްވާ، އިމްރާން ވެސް ފޮނުއްވައިދެއްވާ، ރައީސް ނަޝީދު ވެސް ފޮނުއްވައިދެއްވާ، އަދި ގާސިމް އިބްރާހީމް ވެސް ވަކިން ޕާޓީ ނަމުގައި ސިޓީއެއް ފޮނުއްވައިދެއްވާ، ސޮއިކުރައްވާފައި. ތިމަންނަމެން ކޮންމެ މީހަކު ބޭނުމޭ ރައީސް ނަޝީދު މިނިވަންވާން. އަދި މިކަން ކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދޭށޭ،" ރައީސް ވިދާޅުވި އެވެ. "އޭރަށް އަޅުގަނޑު، އަޅުގަނޑުގެ ޕީޖީ ލީޑަރަށް ހުށަހަޅައިގެން މަޖިލިސްގެ ތެރެއިން ކިހާވަރެއްގެ ރުހުމެއްތޯ މިއަށް ހޯދޭނީ ކުރިއަށް ގެންދާނަން. އެހެންވީމަ މި މަގު ވެސް އެބަ އޮތް،"

ރައީސް ޔާމީންގެ މި ގޮވާލެއްވުމަށް އިތުރު ސިޔާސީ ލީޑަރަކު އަދި ވާހަކަ ދައްކަވާފައެއް ނުވެ އެވެ.