ދުނިޔެ

ކަންތައްގަނޑު ހައްލުކުރަން ސަރުކާރު ހުއްޓުމަކަށް ގެންނަން ޖެހޭ: ޓްރަމްޕް

May 3, 2017

އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް އެމެރިކާ ސަރުކާރު ހިގަން ބޭނުންވާ ބަޖެޓް ފާސްކުރުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ސެނެޓް މެމްބަރުންނާ މަޝްވަރާކޮށްގެން އެއްބަސްވުމަކަށް އަންނަން ޖެހުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ކޯފާ ވެއްޖެއެވެ.

އެކަމާ ގުޅިގެން އޭނާ ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު މަހު " ސަރުކާރު ހުއްޓުމަކަށް ގެންނަން ޖެހޭ" ކަމަށެވެ. ޓްރަމްޕްގެ އެ ވާހަކަފުޅުގެ މުރާދަކީ ބަޖެޓް ފާސް ނުކުރެވިގެން ސަރުކާރު ހުއްޓުމަކަށް އަޔަސް ޑިމޮކްރެޓިކް ޕާޓީއާ މަޝްވަރާ ނުކުރުން ކަމަށް ބެލެވެއެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓްގައި ވިދާޅުވެގައި ވަނީ ޕްލޭނަކާ މެދު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނާ މަޝްވަރާ ކުރަން ޖެހުނު ސަބަބަކީ ސެނެޓްގައި 60 ވޯޓް ހޯދަން ޖެހޭ އިރު އެ އަދަދަށް ވޯޓް ލިބެން ނެތުމެވެ. އެކަމުގެ ހައްލެއް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރު ރިޕަބްލިކަން ޕާޓީން މިހާރަށް ވުރެ ގިނަ މެމްބަރުން ސެނެޓަށް ހޮވުމެވެ. ނުވަތަ ގަވައިދު( ސެނެޓް މަރުތަޅުން ސަލާމަތް ކުރުމުގެ ގަވައިދު) ބަދަލުކޮށް، އެކަމަށް ބޭންވާ ވޯޓް 51 ޕަސެންޓަށް ތިރިކުރުމެވެ. ދެން ވިދާޅުވެފައި ވަނީ " ކަންތައް ގަނޑު ހައްލުކުރަން އަހަރެމެންގެ ގައުމަށް ރަނގަޅު ހުއްޓުމެއް ބޭނުންވާ" ކަމަށެވެ.

ޓްރަމްޕް އެހެން ވިދާޅުވުމުން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މެމްބަރުން ވަނީ އޭނާއަށް ފާޑުވިދާޅުވެފައެވެ. އެބޭފުޅުން ވިދާޅުވެފައި ވަނީ ސަރުކާރު ހުއްޓުމަކަށް ގެނައުމަށް ގޮވައިލެއްުވުމަކީ އެމެރިކާގެ އެހެން އެއްވެސް ރައީސަކު ކުރައްވާފައި ނުވާ ކަމެއް ކަމަށެވެ.

އެމެރިކާ ކޮންގްރެސްގައި ހިމެނޭ ސަރުކާރަށް ތާއީދުކުރާ ރިޕަބްލިކަން ޕާޓީގެ ލީޑަރުންނާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުން އާދީއްތަ ދުވަހު އިއުލާން ކޮށްފައި ވަނީ ސެޕްޓެމްބަރުމަހާ ހަމައަށް ސަރުކާރު ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދެވޭނެ ގޮތަކާއި މެދު ( ބަޖެޓް ފާސްކުރެވޭނެ ގޮތަކާއި މެދު) އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ބަޖެޓް ފާސްކުރާނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޓްރަމްޕް ވެވަޑައިގެންފައިވާ ބައެއް ވައުދުތައް ފުއްދެވުމަށް ބޭނުންވާ ފައިސާ ނުހިމަނައެވެ. އޭގެ ތެރޭގައި މެކްސިކޯއާއި އެމެރިކާއާ ދެމެދު ލައްވާނެ ކަމަށް ޓްރަމްޕް ވައުދުވެވަޑައިގެންފައިވާ ފާރުވެސް ހިމެނެއެވެ. އެކަހަލަ ޑީލެއް ހަދަން ޖެހުނީ ބަޖެޓް ފާސް ކުރުން ހުއްޓުވަން ޑިމޮކްރެޓިކް ޕާޓީން އަޅުވާފައިވާ މަރުތަޅުން ސެނެޓް ސަލާމަތް ކުރުމަށް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ވޯޓް ބޭނުންވާތީއެވެ.

އެމެރިކާގެ ސެނެޓްގައި މަރުތަޅެއް އެޅިއްޖެ ނަމަ އެކަން ނިމުމަކަށް ގެންނަން 60 ވޯޓް ބޭނުންވެއެވެ. ބެލެވޭ ގޮތުގައި އަންނަ ސެޕްޓެމްބަރު މަހު ޓްރަމްޕް ސަރުކާރުން އަނެއްކާވެސް ބަޖެޓް ފޮނުވުމުން ޑިމޮކްރެޓިކް ޕާޓީން ކަންތައް ކުރާނީ ހަމަ އެގޮތަށެވެ. މަރުތަޅު ފިލުވަން ވޯޓް ބޭނުންވާ އަދަދު 51 އަކަށް ތިރިކުރަން ޓްރަމްޕް ގޮވައިލެއްވީ އެހެންވެއެވެ. އެމެރިކާގެ ސުޕްރީމްކޯޓްގެ ބެންޗުން މަދުވެފައިވާ ފަނޑިޔާރު އައްޔަން ކުރުމަށް ޓަކައި ސެނެޓްގެ ގަވައިދަށް އެގޮތަށް ބަދަލު ގެނައެވެ. އެފަހަރު ޑިމޮކްރެޓިކް ޕާޓީން އެޅުވި މަރުތަޅު ނައްތަލައިލަން ގަވައިދު ބަދަލުކުރީ ޝަރުއީ ދާއިރާއާ ގުޅޭ ކަމެއްގައި އެޅޭ މަރުތަޅު ނައްތައިލަން 51 ޕަސެންޓުން ފުދޭ ގޮތަށް ގަވައިދު ވަނީ ބަދަލުކޮށްފައެވެ.-- ސީއެންއެން