ބޮލީވުޑް

"އާޝިގީ 3" ޑައިރެކްޓްކުރަނީ ޝަޝަންކް

May 3, 2017

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައިވާ ދެ ތަރިން ކަމަށްވާ ސިދާތް މަލްހޯތުރާ އާއި އާލިއާ ބަޓް އެކުގައި ފެނިގެންދާ އާ ލޯބީގެ ފިލްމު "އާޝިގީ 3" އުފައްދަން ތައްޔާރުވަމުން އަންނަ ވާހަކަ ދެކެވޭތަ ވަރަށް ދުވަސް ވެއްޖެ އެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވި މި ޒުވާން ދެތަރިން މަޝްހޫރު ލޯބީގެ ސިލްސިލާ ފިލްމު "އާޝިގީ 3"ގެ ލީޑް ތަރިންނަށް ހަމަޖައްސާފައިވާއިރު، މި ފިލްމު ޑައިރެކްޓްކުރަން "ބަދްރިނާތްކީ ދުލްހަނިޔާ" ގެ ޑައިރެކްޓަރު ޝަޝަންކް ކައިތާން ހަމަޖައްސާފައިވާ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

އާލިއާގެ ބައްޕަ މަހޭޝް ބަޓް އާއި ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރަން ޝަޝަންކް އާ ހަވާލުކޮށްފައިވާ ކަމަށްވާއިރު، ކުރިން މި ފިލްމު ވެސް ޑައިރެކްޓްކުރާ ގޮތަށް ހަމަޖެހިފައި އޮތީ "އާޝިގީ 2" ގެ ޑައިރެކްޓަރު މޯހިތު ސުރީ އެވެ.

ބުނެވޭ ގޮތުގައި މަހޭޝް އާއި ކަރަން މި ފިލްމު ޑައިރެކްޓްކުރަން ޝަޝަންކް އާ ހަވާލުކުރަން ނިންމީ އޭނާ އެންމެފަހުން ޑައިރެކްޓްކުރި ދެ ފިލްމު، "ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ" އާއި "ބަދްރިނާތްކީ ދުލްހަނިޔާ" ގައި އާލިއާ އާއި ވަރުން ދަވަންގެ ކެމިސްޓްރީ ފުރިހަމަ ކަމުންނެވެ.

ސިދާތް އާއި އާލިއާ އެންމެފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް ފިލްމު "ކަޕޫރް އެންޑް ސަންސް" އިންނެވެ.

މިދެތަރިން "އާޝިގީ 3" އިން ފެނިގެންދާކަން ޔަގީންކޮށްދެމުން ސިދާތް މިދިޔަ އަހަރު ވަނީ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބުނެފަ އެވެ.