ބޮލީވުޑް

ދޮންވާ ކްރީމް އިޝްތިހާރު ކުރެވުނީތީ ޕްރިޔަންކާ ދެރަވޭ

May 4, 2017

މީގެ ދުވަސްކޮޅެއް ކުރިން އެކްޓަރު އަބޭ ޑިއޯލް ވަނީ ބޮލީވުޑްގެ މަޝްހޫރު ގިނަތަރިން ދޮންވާ ކްރީމް އިޝްތިހާރުކުރާ ކަމަށް ބުނެ ފާޑުކިޔާފަ އެވެ.

ސުޕަސްޓާ ޝާހްރުކް ޚާން އާއި ސޯނަމް ކަޕޫރު ޖޯން އަބްރަހަމް އާއި ޝާހިދު ކަޕޫރު އަދި ޔާމީ ގޯތަމްގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާ ފަދަ ތަރިންނަކީ ދޮންވާ ކްރީމްތަކުގެ އިޝްތިހާރު ކުޅެފައިވާ ތަރިންނެވެ.

ހޮލީވުޑްގައި ވެސް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ބަތަލާ ޕްރިޔަންކާ ޗޯޕްޅާއަކީ ދޮންވާން ފަރުވާ ހޯދި ކަމަށް ބުނެ އެތައް ބަޔަކު އޭނާއަށް ފާޑުކިޔާ ތަރިއެކެވެ. ޕްރިޔަންކާ ފިލްމީ ދާއިރާ އަށް ނިކުތް އިރު އޭނާގެ ގައިގެ ކުލަ ހުރި ގޮތާއި މިހާރު އޭނާގެ ގައިގަ ހުންނަ ކުލަ އަޅާކިޔައި، އޭނާ ދޮންވާން ފަރުވާ ހޯދާފައިވާ ކަމަށް ބުނާއިރު ޕްރިޔަންކާ މިވަނީ އޭނާ ދޮންވާ ކްރީމްތައް އިޝްތިހާރު ކުޅެފައިވާތީ އެކަމާ މިހާރު ދެރަވާ ކަމަށް ބުނެފަ އެވެ.

މިފަހުން މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ އޭނާގެ ހަމުގެ ކުލަ އާއި ދޮންވާ ކްރީމް އިޝްތިހާރު ކުޅެވުނީތީ އެކަމާ ފަހުން ދެރަވި ކަމަށް ބުނެ ވާހަކަދައްކާފަ އެވެ.

ޕްރިޔަންކާ ވަނީ އޭނާ އަކީ ހަމުގެ ކުލަ މާ އަލި ނޫން މީހަކަށް ވުމުން ފުރާވަރު އުމުރުގައި އޭނާ އަށް އެކި ކަހަލަ ފުރައްސާރަތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލުނު ކަމަށެވެ.

"އިންޑީއާގައި އަންހެނަކު ރީތި ކަމަށް ވަނީ ވަރަށް ދޮން މީހަކަށް ވަންޏާ" ޕްރިޔަންކާ ބުނެފައިވެ އެވެ.

ހަމުގެ ކުލަ ދޮން ނޫން މީހަކާ ދިމާލަށް ތިޔައީ ކަޅު މީހެކޭ ނުވަތަ އޭނާ ކަޅުވުމުން އުޅެން ހާދަ އުނދަގޫ ވާނެ އޭ ބުނުމުން ހިތަށް އަރާ އެއްޗެއް އެހެން މީހުންނަށް ނޭނގޭނެ ކަމަށެވެ. އަދި އިންޑިއާ އަކީ ދޮންވާ ކްރީމް އިޝްތިހާރުކުރާ ގައުމެއް ކަމަށް ބުނަމުން ޕްރިޔަންކާ ވަނީ އެފަދަ ކްރީމްތައް އިޝްތިހާރުކުރާ އިރު އެ ބޭނުން ކުރުމުން ހަފްތާއެއްގެ ތެރޭގައި ހަމުގެ ކުލަ އަލިވާނެ ކަމަށް ބުނެފައި އޮންނާތީ މީހުން އެ ބޭނުންކުރާ ކަމަށް ބުނެފަ އެވެ.

"ފުރާވަރު އުމުރުގައި އަހަރެންގެ ހަމުގެ ކުލަ ވެސް ދޮންނުވުމުން ދޮންވާ ކްރީމް އުނގުޅިން. އޭގެފަހުން ފިލްމު ކުޅެން ފެށިތަނާ ދޮންވާ ކްރީމެއްގެ އިޝްތިހާރު ކުޅެން ފުރުސަތެއް ލިބިގެން އެ އިޝްހިތާރު ކުޅުނީ. ފަހުން އެ އިޝްތިހާރު ފެނުނީމަ ހިތަށް އެރި އަހަންނަށް ކޮންކަހަލަ ކަމެއްބާ އޭ މިކުރެވުނީ" ޕްރިޔަންކާ ބުނެފައިވެ އެވެ.

"މިހާރު އަހަރެން ފަރުހުވެރިކަމާ އެކު ބުނަން އަހަންނަކީ ދޮން މީހެއް ނޫނޭ" ޕްރިޔަންކާ އިތުރަށް ބުނެފައިވެ އެވެ.