ކުޅިވަރު

ރޮނާލްޑޯގެ ހެޓްރިކުން އެތުލެޓިކޯއަށް އަނެއްކާވެސް ހިތްދަތިކަން

May 3, 2017

ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު، 3-0ން ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ކާމިޔާބު ހޯދައި، އެންމެ ފަހުން ޗެމްޕިއަން ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގް ފައިނަލާ ގާތަށް ޖެހިލާފަ އެވެ.

ރެއާލްގެ ސްންޓިއާގޯ ބެރުނަބެއު ސްޓޭޑިއަމްގައި ފުރަތަމަ ލެގް މެޗަށް، ނިކުތުމުގެ ކުރިން، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، އެތުލެޓިކޯ އާއި ރެއާލްއަކީ އެއް ޓީމު އަނެއް ޓީމު ވަރަށް ރަނގަޅަށް އެނގޭ ދެ ޓީމު ކަމަށާއި، އެހެންވެ މެޗުގައި، އޭނާ ކުޅުވަނީ އާ ސްޓައިލަކަށް ކަމަށެވެ.

މެޗަށް ޒިދާން ނިކުތީ، ރެއާލްގައި އޭނާ އާންމު ކޮށް ބޭނުން ކުރާ 4-3-3 ފޯމޭޝަނަށް ބަދަލު ގެނެސް ގެން ނެވެ. ތިން ފޯވަޑުންގެ ބަދަލުގައި، ޒިދާން ނެރުނީ ދެ ފޯވަޑުން ނެވެ. ރޮނާލްޑޯ އާއި ބެންޒެމާގެ ފަހަތުން، އިސްކޯ ބަހައްޓައިގެން، ޒިދާން ފޯމޭޝަން އަތުރާލީ 4-3-1-2 ގެ ފޯމޭޝަނަށެވެ.

މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު، މެޗުގެ 10 ވަނަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބު ކުރީ، ޕެނަލްޓީ އޭރިއާ ތެރެއިން ކެސެމީރޯ ނެގި ހުރަހެއްގައި، ބޮލުން ކާމިޔާބު ކުރި ލަނޑުން ނެވެ.

މެޗުގައި، އެންމެ ފުރަތަމަ އެތުލެޓިކޯ ކުޅެން ފެށި ގޮތުން، އެޓީމުން ރެއާލްގެ ފަހަތަށް ބާރު ބޮޑު ކުރާނެ ކަމަށް ހީކުރެވުނެވެ. ނަމަވެސް ފަހުން ރެއާލްގެ ކުޅުންތެރިން ވަނީ ގިނައިރު ރެއާލްގެ އަތުގައި ބޯޅަ ބާއްވައި އެ ފުރުސަތު އެތުލެޓިކޯ އަށް ހަނިކޮށްފަ އެވެ.

މެޗުގައި އެތުލެޓިކޯއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ، ކެވިން ގެމޭރޯ އަށެވެ. އޭނާ އަށް ލިބުނު ބޯޅަ އަށް ރެއާލްގެ ކީޕަރު ކޭލޯ ނާވަސް، ކުރިއަށް ނުކުމެ، ޑައިވްކޮށް ބޯޅާ ދިފާއު ކުރުމުން އޭނާ އަށް ބޯޅަ ގެއްލުނީ އެވެ.

ދެ ވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ 73 ވަނަ މިނެޓްގަ އެވެ. މާސެލޯ، ބެންޒެމާއަށް ދިން ބޯޅަ، އެތުލެޓިކޯގެ ކުޅުންތެރިޔެއްގެ ކައިރިން ނައްޓާލުމަށް ފަހު، ބެންޒެމާ ބޯޅަ، ދިނީ ރޮނާލްޑޯ އަށެވެ. ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް އެތުލެޓިކޯގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު، ރޮނާލްޑޯ ބޯޅަ ފޮނުވާލީ އުންޑައެއް ހެން ނެވެ.

ތިން ވަނަ ލަނޑު ޖެހީ 86 ވަނަ މިނެޓްގަ އެވެ. ރޮނާލްޑޯ އަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމުގެ ކުރިން، އޭނާ ދިނީ ޕެނަލްޓީ އޭރިއާ ބޭރުން އަރި މަތީގައި ހުރި ލޫކަސް ވަޒްކޭޒް އަށެވެ. ވަޒްކޭޒްއަށް ބޯޅަ ދިނުމަށް ފަހު، ރޮނާލްޑޯ ޕެަނަލްޓީ އޭރިއާ ތެރެއަށް ވަދެ، ވަޒްކޭޒް ދިން ބޯޅައިން، ލަނޑު ކާމިޔާބު ކުރި އެވެ.

މިއީ މިސީޒަންގައި، އެތުލެޓިކޯއާ ދެކޮޅަށް، ރޮނާލްޑޯ ހެދި، ދެ ވަނަ ހެޓްރިކެވެ. ސްޕެނިޝް ލީގްގައި މިދިޔަ އަހަރު ނޮވެމްބަރު މަހު، އެތުލެޓިކޯ އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުންވެސް ރެއާލް މޮޅުވީ ރޮނާލްޑޯ ކާމިޔާބު ކުރި ތިން ލަނޑުން ނެވެ. އަދި މިއީ ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި ރޮނާލްޑޯ ކާމިޔާބު ކުރި 103 ވަނަ ލަނޑެވެ.

މި ދެޓީމު ކުޅޭ ދެ ވަނަ ލެގް މެޗު އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ، އެތުލެޓިކޯގެ ވިންސެންޓޭ ކެލްޑްރޯން ސްޓޭޑިއަމްގަ އެވެ.