ފިނިޕޭޖް

ހުވަފެންތައް ހާސިލްކުރުމުގައި ބޮޑުބެއަކީ ނަމޫނާއެއް

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ އެންމެގެ އެންމެ ބޮޑު ފޭވަރިޓަކީ އިބްރާހިމް ވަހީދު (ބޮޑުބެ) ކަމާ މެދަކު ޝައްކެއްނެތެވެ. ބޮޑުބެގެ އަޑާއި ނެށުމިގެ ހުނަރު އަދި ސަކަ މިޒާޖު މިއީ ގިނަ ހިތްތަކެއް އޭނާ ފަތަހަކުރި ސަބަބެވެ. ގަދަ ފަހަކާއި ހިސާބުން ބޮޑުބެ ޝޯ އާ ވަކިވާން ޖެހުނީ އެވެ. ފިނާލޭގައި ވާދަކުރުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ބޮޑުބެ ހުރީ އުފަލުންނެވެ.

ދެހާސް ތޭރަ ވަނަ އަހަރު ށ. މިލަންދޫއަށް ކިޔަވަން ދިއުމުގެ ކުރިން މިއުޒިކް ދާއިރާއަށް ނުކުތުމުގެ ޝައުގުވެރިކަމެއް ނެތެވެ. ނަމަވެސް ލަވަކިޔުމަކީ ނިކަން ބޮޑަށް ކުރަން ބޭނުންވެފައި ހުރި ކަމެކެވެ. ފުރަތަމަ ބޮޑުބެ ލަވަކިޔަން ފެށީ 2013 ވަނަ އަހަރެވެ. ހުރިހާ ޝުކުރެއް ބޮޑުބެ އެ ދާއިރާއަށް ނެރެދިން އަހުމަދު ޝިމާލް އަށެވެ.

ޝިމާލް ހޯދައިދިން ފުރުސަތުތަކުގައި ލަވަ ކިޔުމަށްފަހު ރަށުގައި ބާއްވާ އީދު ޝޯތަކުގައިވެސް ބޮޑުބެގެ ލަވަތައް އަޑުއިވެން ފެށި އެވެ.

"ކުޑައިރުވެސް އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް އެއީ ރާއްޖޭގެ ވަރަށް މޮޅު ލަވަކިޔުންތެރިއަކަށް ވުން. އެހެންވެ އަޅުގަނޑު ހިތަށްއެރީ ވަރަށް ރަނގަޅު ޕްލެޓްފޯމެކޭ އައިޑޮލް އަކީ. ކުރިއަށްދާން އެޅޭ ހަމަ ފައުންޑޭޝަނެއް މީކީ." ށ. ކޮމަންޑޫއަށް އުފަން ބޮޑުބެ ބުންޏެވެ.

ކުޑައިރުން ފެށިގެން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހަދަން ބޮޑުބެ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައިވެސް ބައިވެރިވި އެވެ. ނަމަވެސް ޓެލެންޓު ރައުންޑާ ހިސާބުން ވަކިވާން ޖެހުނީ ޖަޖުންނާ ހިސާބަށްވެސް ނާދެވި އެެވެ. އެކަމަކު އޭނާ މާޔޫސްއެއް ނުވި އެވެ.

ބޮޑުބެގެ އުންމީދަކީ ގަދަ ތިނަކުން ޖާގަ ހޯދުން ކަމަށްވިޔަސް ގަދަ ފަހަކާއި ހިސާބުން ޝޯ އާ ވަކިވުމަކީ ބޮޑުބެ އެއްވެސް ވަރަކަށް ދެރަވާ ކަމެއް ނޫނެވެ. އެއީ މުބާރާތުގައި ބައިވެރިވިއިރު އުންމީދަކީ ޓޮޕް 16 އިން ޖާގައެއް ހޯދުން ކަމަށްވާތީ އެވެ. އެ އުންމީދު އޭނާ ނިކަން ރަނގަޅަށް ވެސް ހާސިލްކޮށްފި އެވެ.

"ފުރަތަމަ ސީޒަނުގައި އޮޑިޝަނަށް ދިޔައީ ރިސޯޓުގައި ވަޒީފާގައި ހުރެފައި. ދެން މިފަހަރު އައީ ރިސޯޓުން ކެނޑިގެން އައިސް ހަމަ އެއްކޮށް މިއުޒިކް ކުޅެން ހުރީ އައިޑޮލް އަށް." ބޮޑުބެ ބުންޏެވެ. "ސަޕޯޓަރުންނަށް ބުނެލަން އޮތް ވާހަކައަކީ އަޅުގަނޑު މި ދާއިރާއިން ފެންނާނޭ އަބަދުވެސް. މިދާއިރާއިން ކުރިއަށް ދާނަމޭ. އެއީ އުންމީދަކީ. މިސާލަކަށް އަރުޖީތު. އޭނަ އިންޑިއަން އައިޑޮލްގެ ޓޮޕް ސިކްސް އިން ވަކިވެގެން ދިޔައީ، އެކަމަކު މިހާރު އިންޑިއާގައި ހުރި އެންމެ މޮޅު ލަވަކިޔުންތެރިޔާ މިހާރު އެއީ، އަޅުގަނޑު އޭނަ މި ނެގީ މިސާލަކަށް، އިރާދަކުރެއްވިއްޔާ ޓޮޕް ފައިވް އިން ކެޓިޔަސް ކުރިއަށް އޮތްތާނގައި ވާނަމޭ ރާއްޖޭގައި ހުރި އެންމެ މޮޅު ލަވަކިޔުންތެރިޔާ އަށް،"

މިއީ ބޮޑުބެ އޭނާގެ ސަޕޯޓަރުންނަށް ދިން އުފާވެރި ހަބަރެކެވެ. ބޮޑުބެ މި ދާއިރާއަކުން ނުގެއްލޭނެ އެވެ. ރާއްޖޭގެ އެންމެ މޮޅު ލަވަކިޔުންތެރިޔާއަށް ވުމަކީ ބޮޑުބެގެ އަމާޒެކެވެ. ބޮޑުބެއަކީ ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލްކުރަން ފަސް ނުޖެހި ކުރިއަށްދާނެ މީހެކެވެ. މޯލްޑިވިއަން އައިޑޮލްގެ މިދަތުރު އެކަމަށް ހެކިދެ އެވެ.

އަނެއްކާވެސް އުފާވެރި އެހެން ހަބަރެކެވެ. ރާއްޖޭގެ އެންމެ ގިނަ ސަޕޯޓަރުންނެއް ތިބި ހަބޭސް ބޮޑުބެރު ގްރޫޕްގެ ދަށުން ހިންގާ ހަބޭސް ފިއުޝަން އިން ބޮޑުބެ މިވަނީ ޖާގަ ހޯދާފަ އެވެ. ބޮޑުބެ އާ އެކު މި ސީޒަންގެ ގަދަ 16 އިން ވަކިވި އަހްމަދު ސައްޔާހުވެސް އެ ބޭންޑުގައި ލަވަ ކިޔާނެ އެވެ. ބޮޑުބެގެ އަމިއްލަ ސޯލޯ އަލްބަމެއް ހެދުންވެސް އެބަ އޮތެވެ. ނަމަވެސް އޭގެ މަސައްކަތް ފަށާނީ ވޯކަލް ޓްރޭނިން ހެދުމަށްފަހު އެވެ.

ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ބޮޑުބެގެ މަދަހައެއްވެސް އިވޭނެ އެވެ.

"އައިޑޮލް ޖާނީގައި ވަރަށް ގިނަ ކަންތައް ދަސްވެއްޖެ. ވަރަށް ބޮޑު ފެށުމެއް އަނެއްހެން ބުނަންޏާ، މީގަ އެންމެބޮޑު ޝުކުރެއް އަދާކުރަން ޖެހޭނީ ޕީއެސްއެމްއަށް. އެއީ ރާއްޖޭގައި މިހާބޮޑު ޕްލެޓްފޯމެއް ބާއްވާ މިކަހަލަ ފުރުސަތުތަކެއް ތަނަވަސް ކޮށްދިނީތީ، މުޅި ޕީއެސްއެމްއަށް ޝުކުުރ ދަންނަވަން. ޖަޖުން، ބޭންޑު އަދި ކޯޗަށްވެސް. ޖަޖުން ކޮންމެ ދުވަހަކު ފާހަގަކުރާ މިސްޓޭކްސް ތަކާއި ދޭ އިރުޝާދުތަކަކީ ދާއިރާއިން ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް" ބޮޑުބެ ބުންޏެވެ.

މިއުޒިކީ ދާއިރާއެކޭ އެއްގޮތަށް އައިޑޮލުން ބޮޑުބެއަށް މީހާ މީހަކަށްވާނެ ގޮތްތައް އެނގިގެން ދިޔަ އެވެ. ބޭރަށް ނުކުމެ މީހާ އުޅޭނެ ގޮތް ކަހަލަ އަހުލާގީ ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަ އެވެ.

"އައިޑޮލްގެ މިދަތުރުގައި ގިނަ ކަންތައްތަކަކީ ހަނދާނުން ނުފޮހެވޭނެ ކަންތައްތައް. ހަމަގައިމުވެސް ބޮބް އެއް މަ ހިތަކުން ނުފިލާނެ. މިހާރު ބެސްޓް ފްރެންޑްސް މީ. ޕީއެސްއެމް މުޅި އެތަން. އަސްލު ރަށަށް ދިޔަސް ދާހިތްވަނީ ޓީވީއެމް އެތަނަށް، ރަށަށްވެސް ދާހިތެއް ނުވޭ އެތާ އުޅޭ ހިތްވަނީ،" ބޮޑުބެ ބުންޏެވެ.

ބޮޑުބެގެ ޝުކުުރުގެ ލިސްޓުގައި އެންމެ ކުރީގައި އުޅޭނީ އާއިލާ އާއި ރައްޓެހިން، އެވަރުގެ އާއިލާއެއް ނުލިބޭނެ،" ބޮޑުބެ ބުންޏެވެ.

މިހާރު ގަދަ ތިނެއްގައި ތިބި ތިން ބައިވެރިންކުރެ ކޮންމެ ބައިވެރިއަކަށް މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއް ކާމިޔާބު ކުރެވުނަސް ބޮޑުބެ ވަރަށް އުފާވާނެ އެވެ. މިހާރުވެސް މިއޮތް އެކުވެރިކަން އޮންނާނެ އެވެ.