މޯލްޑިވިއަން އައިޑޮލްއާ އެކީގައި ހަމައެކަނި މުޅި ރަށާއި ގޭގޭ ތެރެއަށާއި ކެފޭތަކާއި ރެސްޓޯރެންޓުތައް ފުރާލީކީ ނޫނެވެ. އެ ޝޯއެއް ދިވެހިންގެ ތެރެއަށް ވެރިވެގަތުމަށްފަހު ހިތްތަކަށް ވާސިލުވީ ވެސް ނިކަން ގިނަ ކަންކަމާއެކު އެވެ. ހަމައެކަނި މިއުޒިކީ ދާއިރާއަށް އަލަށް ނުކުންނަން ބޭނުންވެފައި ތިބި އެތައް ޒުވާނުން އުދުއްސައި ދިނީއެއް ނޫނެވެ. އެ ޒުވާނުންތަކުގެ މުޅި ދިިރިއުޅުންވެސް ބަދަލުކޮށްލީ އެވެ.
ޝޯ ގެނެސްދޭ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މަސައްކަތް ނުނިމެ އެވެ. ޝޯއާ އެކީ މުޖުތަމައުގެ ތެރެއަށް ބައިވެރިންތައް ދޫކޮށްލީ ބައިވެރިންގެ އަހުލާގުވެސް ކުރިއަށް ވުރެ އެތައްތަނެއް ރަނގަޅުކޮށް ކުރިއަރުވާފަ އެވެ. އެ ބައިވެރިންގެ އަމިއްލަ ނަފްސު އެތައް ގުނައެއް ތަރައްގީކޮށްފަ އެވެ. ތަހުޒީބުވެފައިވާ މި ދުނިޔެއަށް ރަނގަޅަށް ލޯ ހުޅުވައިދީފަ އެވެ. އަހުލާގު ރަނގަޅު ހަރުދަނާ ބަޔަކަށްވެސް ހަދާފަ އެވެ.
ޝޯ އާ އެކު ބައިވެރިންގެ އުޅުމަށް އައި ހެޔޮ ބަދަލުތަކަކީ ހަމައެކަނި އެ ބައިވެރިންގެ އާއިލާ އަދި ރައްޓެހިން ދެއްކި ވާހަކައެއް ނޫނެވެ. މުޅި ރާއްޖެ އެވާހަކައެއް ދެއްކި ވާހަކަ އެކެވެ. އޮޑިޝަނުން ފުރާނަލައިގެން ގޯލްޑެން ޓިކެޓް ލިބި ޝޯއިން ޖާގަ ލިބުމަށްފަހު ތިއޭޓާ ރައުންޑުން ގާލާ ރައުންޑަށް ކޮލިފައިވި 16 ބައިވެރިން ތަމްރީނުކުރީ ޕީއެސްއެމް އިން ކަނޑައަޅާފައިވާ ހާއްސަ ޓީމަކުންނެވެ.
ކުދިންގެ އެންމެ ފުރިހަަމަވެފައިވާ އަހުލާގުގެ ފަހަތުގައި މިތިބީ ކޮން ބައެއް ހެއްޔެވެ؟ އެތައް ބައެއްގެ ދުލު ކުރީގައި މި ޓީމަށް ޝުކުރާއު ތައުރީފް ނޫން އެއްޗެއް ނެތެވެ. މި ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ތިން މީހުންނަކީ ޑރ. މަރިޔަމް ވަސީމާ، މުހައްމަދު ޝަފީގު އަދި އާދަމް ނަސީރު (އެޑަމް) އެވެ.
މި ޓީމުގެ ހިމެނޭ ތިން ބޭފުޅުންނަކީ ވެސް މީހުން ބިނާކޮށް ތަމްރީނު ކުރުމުގައި 10 ވަރަކަށް އަހަރު ހޭދަކޮށްފައިވާ މީހުންނެވެ. ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ކުއަލިފައިޑް މީހުންނެވެ.
އެންމެ ފުރަތަމަ ޝަފީގުގެ ވާހަކައިން ފަށާނަމެވެ. އޭނާ އަކީ ޕާސަނަލް ޑިވެލޮޕްމަންޓާާއި ލީޑާ ޝިޕް އާއި ގުޅޭ ގިނަ ވޯކްޝޮޕްތަކެއް ހިންގާފައިވާ ފަރާތެކެވެ. މިހާރުވެސް އޭނާ އަކީ ޔުނިވާސިޓީގެ އަންޑަ ގްރެޖުއޭޓް އިން ފެށިގެން ޕޯސްޓް ގްރެޖުއޭޓް ކޯސްތަކުގައި ކިޔަވައިދޭ ލެކްޗަރާ އެކެވެ. މީގެ އިތުރުން ޝަފީގަކީ އޮކްސްފޯޑް ބްރްކްސް ޔުނިވާސިޓީގެ އެޕްރޫވްޑް މެންޓާ އެކެވެ. ކުންފުނިތަކުގެ ޑިރެކްޓަރުންނަށް ވެސް ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވާ ތަޖުރިބާ ކާރެކެވެ. ނިއުރޮލޮޖިސްޓިކްގެ ޕްރޮގްރާމް ހިންގުމުގެ ތަޖުރިބާ ވެސް އެބަހުއްޓެވެ.
އެޑަމް އަކީވެސް މީހުން ބިނާ ކުރުމުގެ އެތައް އަހަރެއްގެ ތަޖުރިބާ ހުރި ފަރާތެކެވެ. ޕާސަނަލް ޑިވެލޮޕްމަންޓާާއި ލީޑާ ޝިޕް އާއި ގުޅޭ ގިނަ ވޯކްޝޮޕްތަކެއް ވަނީ ހިންގާފަ އެވެ. އަދި އޭނާއަކީ ސެޓިފައިޑް ލައިފް ކޯޗެކެވެ. ކިޔަވައިދިނުމުގެ ތިން އަހަރުވެފައިވާއިރު ކިޔަވައިދެމުންދަނީ ޕޯސްޓް ގްރެޖުއޭޓްގެ ކޯސްތަކަށެވެ. މި ޓީމުގައި ތިން ވަނަ މޫނަކީ ވެސް އާ މޫނެއް ނޫނެވެ. ޑރ. ވަސީ އަކީވެސް މި ދާއިރާގައި ތަޖުރިބާހުރި ކުޅަދާނަ ފަރާތެކެވެ.
މި ޓީމުން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ކުދިންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި، ލީޑަޝިޕް ވަރުގަދަކޮށް، ގުޅިގެން މަސައްކަތް ކުރުމާއި އަހުލާގީ ހުރިހާ ދާއިރާއެއް ވެސް ހިމަނައިގެންނެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައި މި ތަމްރީނުތައް ދޭން ފެށީ ގަދަ ހަތަކާއި ހިސާބުންނެވެ. ނަމަވެސް މި ސީޒަނުގައި ގަދަ 16 އާއި ހިސާބުން މި ތަމްރީނުތައް ފެށީ ގިނަ ބަޔަކަށް މި ތަމްރީނުތަކުން ފައިދާ ހޯދައިދިނުމުގެ ބޭނުމުގަ އެވެ. މިދިޔަ ސީޒަންގައި ކުރިއަށް ގެންދިޔަ ޓްރޭނިންތަކާއި މި ސީޒަންގައި ކުރިއަށް ގެންދިޔަ ޓްރޭނިންތައްވެސް ކުރިއަށް ގެންދިޔައީ ތަޖުރިބާއަށް ބަލާފައި ތަފާތު ތަކެއް ހިމަނައިގެންނެވެ.
"މި ޓްރެއިނިން ޕްރޮގްރާމްތައް އަޅުގަނޑުމެން ކުރިއަށް ގެންދިޔައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ހުރިހާ ހިސާބަކަށް ބަލައިލައިގެން. ސޮސައިޓަލް ލީޑަޝިޕް އާއި އިންޑިވިޖުއަލް ކުދިންގެ ޕާސަނަލަޓީ ޑިވެލޮޕް ކުރުމާއި ދެން ކޮމްޕެޓިޝަނާއި ހެދި އަންނަ ޕްރެޝާސް ތަކާއި ސްޓްރެސްތައް މެނޭޖްކުރާނެ ގޮތާއި އަދި ދެން އައިޑޮލް ނިންމާފައި ދާއިރުގައި އެ ލިބޭ ފޭމް މެނޭޖުކުރާނެ ގޮތާއި މި ހުރިހާ އެއްޗެއް ގެންދާނީ ކިހިނެއްތޯ؟ މިއަށް ބޭސް ކޮށްގެން މި ޓްރޭނިންތައް އަޅުގަނޑުމެން އެރޭންޖްކުރީ." ޓްރޭނިންތަކާއި ބެހޭގޮތުން އަވަސް އާ ވާހަކަ ދައްކަމުން ޝަފިއްޓެ ވިދާޅުވި އެވެ.
މި ޓްރެއިނިންތައް ކުރިއަށް ގެންގޮސްފައިވަނީ ހަފްތާގެ ފަސް ދުވަހަށް ބަހާލައިގެންނެވެ. ކޮންމެ ރެއެއްގެ ވެސް ޓްރޭނިންތައް ކުރިއަށް ގެންދިޔަ ދޮޅު ގަޑިއެއްހާ އިރުވީ ކުދިން އެންމެ އިންތިޒާރު ކުރި ވަގުތަށެވެ. ކްލާސްރޫމް އުސޫލަށް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި މި ޓްރޭނިންތައް ކުރިއަށް ގެންގޮސްފައިވަނީ ކުދިންގެ ބައިވެރިވުންތަކާއި އެކީގަ އެވެ. އިންސްޕިރޭޝަނަލް ވާހަކަތަކާއި ވީޑިއޯތައް ވަރަށް ބޮޑަށް ކަމު ދިޔަ އެވެ. މި ޓްރޭނިންތައް އަދިވެސް ކުރިއަށް ގެންދެ އެވެ. ނަމަވެސް ކުދިންގެ ބިޒީ ޝެޑިއުލްގެ ސަބަބުން ކުރިއަށް ގެންދެވޭ ވަގުތުތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
"މި ޓްރޭނިންގައި ގާތްގަނޑަކަށް ހުރިހާ ކަމަކަށް ވާނީ ބަލައިލާފައި. މިސާލަކަށް ޓީމް ވޯކަށް ބަލާއިރު ފާހަގަވި ހަމަ ބަދަލުތައް ޓްރެއިނިން ދޭން ފެށިފަހުން. ޝޯ ބަލާއިރު ވެސް ފާހަގަވާނެ ބެންޗު ތެރޭގައި އެއް ކުއްޖަކު އަނެއް ކުއްޖަކާ އޮންނަ ގުޅުން. ލަވަ ކިޔަން ދާ އިރުވެސް ހުރިހާ ކުދިން އަތުގައި ޖަހާލާ، ޝޯއިން ކުއްޖަކު ވަކި ވިޔަސް ކަޓާ ކުއްޖާއަށްވުރެ ގިނައިން އެހެން ކުދިންވެސް ރޯނެ. އެއީ ކުދިންގެ މެދުގައި އޮތް ގުޅުން ރަނގަޅުވެފައި ހުރިވަރު،" ޑރ. ވަސީ ވިދާޅުވި އެވެ.
"މީގެއިތުން ކުދިންނަށް ހުރިހާ މެނާސްތައްވެސް ހަމަ ދަސްކޮށްދިނިން. މި ބުނީ އެކުދިންނަށް މެނާސްތައް ނޭނގެއެކޭ ނޫން. އެކަމަކު އޮފިޝިއަލް ޑިނާތަކަށްގޮސް ކާނެ ގޮތާއި ޓޭބަލް ރޫލްސް އާ ހުރިހާ އެއްޗެއް ހަމަ ކިޔައިދީފަ ހުންނާނީ. އަޅުގަނޑުމެންނަށް ނޭނގެންޏާ ބޭރުން މީހުން ގެނެސްގެންވެސް ހުންނާނެ ޕްރޮގްރާމްތައް ހިންގާފައި"
މި ހުރިހާ ޓްރޭނިން ތަކަށް ކުދިންވަނީ 100 އަށް ވުރެ ގިނަ ގަޑިއިރު ހޭދަކޮށްފަ އެވެ. ފޫހިކަމެއް ނެތި ޝައުގުވެރި ކަމާ އެކީގަ އެވެ.
"އަސްލު 16 ކުދިންނަށް މި ޕްރޮގްރާމް ކުރިއަށް ގެންދާއިރު 16 ފެމިލީ ދޯ އެއީ. އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ބޭނުމަކީ މި ޓްރޭނިންތަކުގެ ޕޮޒިޓިވް އިމްޕެކްޓް ވީހާވެސް ގިނަ ބަޔަކަށް ކުރުން." ޝަފީގް ވިދާޅުވި އެވެ.
ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔައިރު ބައިވެރިންނަށް ކްލޭރިޓީއެއް ދިނުމަށާއި، ކުއްޖާގެ ގައިގައި ޑިވެލޮޕް ކުރަންޖެހޭ އެތިކްސް އަދި ޕްރޮފެޝަނަލިޒަމް މެއިންޓެއިން ކުރުމަށްވެސް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވެ އެވެ.
ކިތަންމެ ފުރިހަމަކޮށް މި ޕްރޮގްރާމް ކުރިއަށް ގެންދެވުނު ނަމަވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަކުރީ ބައިވެރިންނަކީ އެކި ހިސާބުތަކުން ހޮވިގެން އައިސްފައިވާ ތަފާތު ކުދިންތަކަކަށް ވުމެވެ. ތައުލީމީ ގޮތުން ތަފާތު ފެންވަރުގެ ކުދިންތަކަކަށް ވުމުން ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ހުރިހާ ކުދިންނަށްވެސް އެންމެ ފަސޭހަވާނެ ފެންވަރެއްގަ އެވެ.
"ވަރަށް ބޮޑަށް އެޗީވްވެސް ވެއްޖެ ޓްރެއިނިންގަ ކިޔަވައިދިން ކަންކަން. ކުދިން ބުނޭ މިހާރުވެސް އޭގެ ބޭނުން ހިފަމޭ. މިސާލަކަށް ފެށިއިރު އެންމެ ލެސް ކޮންފިޑެންސް އާ އެކު ލަވަ ކީ ކުދިން މިހާރު އެންމެ ކޮންފިޑެންސް އާ އެކު އެބަ ލަވަ ކިޔާ. ވަރަށް ބޮޑު އެޗީވްމަންޓެއް އެއީ. އެކުދިންގެ އުޅުމާ ގުޅުމާ ވާހަކަ ދެއްކުމަށްވެސް ވަރަށް ބޮޑު ބަދަލެއް އައިސް ޕޮޒިޓިވް އިމްޕެކްޓެއް އައިސްފައި ހުރިއްޔާ އެ އަޅުގަނޑުމެންގެ މަގުސަދު ހާސިލުވީ" އެޑަމް ވިދާޅުވި އެވެ.
މޯލްޑިވިއަން އައިޑޮލް އިން ވަކިވެގެންދާ ބައިވެރިން އަދި މިހާރު ތިބި ބައިވެރިންނާއި ބައިވެރިންގެ މައިންބަފައިނާ ވާހަކަ ދައްކާލުމުން ޕީއެސްއެމްގެ މަގްސަދު ހާސިލުވިކަން ވަރަށް ރަނގަޅަށް ފާހަގަވެ އެވެ. ގިނަ ބައިވެރިންގެ އާއިލާތަކުން ވަނީ އަހުލާގީ ގޮތުން އެ ބައިވެރިންގެ އުޅުމަށް އައިސްފަ ހުރި ހެޔޮ ބަދަލުތައް ފާހަގަކޮށްފަ އެވެ.