ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔާން ޚާން ފިލްމު ކުޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން ދެކުވުނު ވާހަކަތައް ޝާހް ވަނީ އެކިފަހަރު މަތިން ދޮގުކޮށްފަ އެވެ.
އުމުރުން 17 އަހަރުގެ އާރްޔަން އަދި ފިލްމުކުޅެން ބޭނުންނުވާ ކަމަށާއި، އޭނާ މިވަގުތު އުޅެނީ ކިޔެވުމުގެ މަސައްކަތުގައި ވަރަށް ބިޒީކޮށްކަމަށް މިއަހަރުގެ ޖެނުއަރީ މަހު ޝާހްރުކް ޚާން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް މިހާރު ޝާހް އަންނަނީ އާރްޔާން ބޮލީވުޑަށް ނެރުމުގެ މަސައްކަތް ކުރަމުން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އޮސްކާ ލިބިފައިވާ ފިލްމް “ބޯއިހުޑް"ގެ ހިންދީ ރިމޭކް ހެދުމަށް ތައްޔާރުވަމުންދާ ވާހަކަތައް ދެކެެވެން ފެށުމާއެކު، ޝާހްވަނީ މިފިލްމުގެ ޑައިރެކްޓަރު ރިޗަޑް ލިންކްލޭޓާ އާއި މިފިލްމު އުފެއްދި ފަރާތުން މި ފިލްމުގެ ހިންދީ ރީމޭކް އެއް ހެދުމަށް ހުއްދައަށް އެދިފަ އެވެ.
ބުނެވޭ ގޮތުގައި މިއީ އާރިޔާން ބޮލީވުޑަށް ނެރުމަށް އެންމެ އެކަށޭނެ ފިލްމްކަމަށް ޝާހްއަށް ގަބޫލުކުރެވޭތީ އޭނާ މިފިލްމުގެ ހިންދީ ރިމޭކް ޕްރޮޑިއުސްކުރުމަށް މި ފިލްމުގެ ޑައިރެކްޓަރު ލިންކްލޭޓާ މަޝްވަރާކުރީ އެވެ.
މިފިލްމަކީ 2014ވަނަ އަހަރުގެ ޖުލައި މަހު ރިލީޒްކުރި ފިލްމެކެވެ. އަދި ލަންޑަންގައި މިހާރު ކިޔަވަމުން އަންނަ އާރްޔާން ވަނީ މިފިލްމު ބެލުމަށްފަހު ޝާހް އަށް ގުޅައި މިފިލްމު ބެލުމަށް އެދިފަ އެވެ. އެހެންކަމުން މިފިލްމުގެ މޮޅު ކަމުން ޝާހްވަނީ މިފިލްމްގެ ރިމޭކް އެއް ހަދާނަމަ އެފިލްމް ޕްރޮޑިއުސް ކުރުމަށް ނިންމައި އާރްޔަންއަށް ގުޅައި މިފިލްމު އޭނާ ކުޅެން ބޭނުންވޭތޯ އަހާފައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޖުމްލަ 12 އަހަރުން ޝޫޓްކޮށްފައިވާ މިފިލްމުގެ ލީޑް ކެރެކްޓާ އީލާ ކޮޓްރޭންގެ ރޯލުު ކުޅެން ބޭނުންވޭތޯ ވެސް ޝާހް ވަނީ އާރްޔާން ކުރެން އަހާފަ އެވެ.އެގޮތުން މި ފިލްމުގެ ރީމޭކްގައި ބޮޑުވެ ފުރާވަރަށް އަރައިގެން އަންނަ ކުޑަ ފިރިހެން ފިރިހެން ކުއްޖެގެ ރޯލުން އާރްޔާން ފެނިގެންދާއިރު އޭނާ ކުޑައިރުގެ ރޯލުން ފެނިގެންދާނީ ޝާހްގެ ހަނގު ދަރިފުޅު އާބްރާމް ޚާން ކަމަށްވެސްވެ އެވެ.
މިފިލްމް ރީމޭކް އުފެއްދުމަށް އާނބަސް ލިބުނުހާ އަވަހަކަށް ޑައިރެކްޓަރަކު ހަމަޖައްސަން ނިންމާފައިވާއިރު، ޝާހް އަންނަނީ އޭނާ މިހާރު ކުޅެމުންދާ ފިލްމު "ފޭން"ގެ ޑައިރެކްޓަރު މަނީޝް ޝަރްމާ އާއި އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނަ "ރައީސް"ގެ ޑައިރެކްޓަރު ރާހުލް ދޯލާކިޔާއާއި ވެސްް މިފިލްމު ޑައިރެކްޓްކުރުމާއި ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.
މީގެއިތުރުން މީގެ ދުވަސްކޮޅެއްކުރިން ފިލްމުގެ ޑައިރެކްޓަރު ލިންކްލޭޓާވަނީ މުމްބާއީއަށް އައިސް ޝާހް އާވެސް ބައްދަލުކޮށްފަ އެވެ. މިފިލްމުގެ ރީމޭކްގައި ލިންކްލޭޓްގެ އެހީތެރިކަން ބޭނުންވާކަމަށާއި ޝާހް ބޭނުންވަނީ އޭނާވެސް މިފިލްމުގައި ވަރަށް ކައިރިން ހަރަކާތްތެރިވުމަށެވެ. އެގޮތުން މިފިލްމުގައި އާރްޔާންގެ ބައްޕަގެ ރޯލު ކުޅެން ނިންމާފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ބަތަލާއިންގެ ގޮތުގައި ހަރަކާތްތެރިވާނީ ކޮން ތަރިންނެއް ކަންވެސް ވަނީ ހަމަނުޖެހި އެވެ.
ދާދި ފަހުން ލިންކްލޭޓާވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ވަނީ ޝާހްރުކް ޚާން ލީޑްރޯލުން ފެނިގެންދާ ފިލްމް "ރަބްނޭ ބަނާދީ ޖޯޑީ" ބަލާފައިވާކަމަށާއި، ބޮލީވުޑްގައިވާ އާދަލާހިޔާފު ހުނަރުވެރިކަމަށް ތައުރީފްކޮށް ލިޔެފައިވެ އެވެ.
މިފިލްމުގައި ޝާހްރުކް ޚާން އާއިއެކު އޭނާގެ ދެފިރިހެން ދަރިން ހަރަކާތްތެރިވާނަ މިފިލްމް ވެގެން ދާނީ ޝާހްގެ ތިންބަފައިން އެކުގައި ފިލްމަކުން ފެނިގެންދާ ފުރަތަމަ ފެނިލުމަށެވެ.
އާރްޔާންވަނީ 2001ވަނަ އަހަރު ނުކުތް ފިލްމް "ކަބީ ހުޝީ ކަބީ ގަމް"ގައި ޝާހްރުކް ކުޑައިރުގެ ރޯލުން ފެނިގެން ގޮސްފަ އެވެ. އަދި ވަނީ ހިންދީ ކާޓޫން ފިލްމް "ހަމް ލާޖަވާބެ ހޭ"އަށް އަޑުއަޅައިގެން ބެސްޓް ޑަބިން ޗައިލްޑް ވޮއިސް އާޓިސްޓް މޭލްގެ އެވޯޑްވެސް ހޯދާފަ އެވެ.