ކުޅިވަރު

ދެ އަހަރަށް ފަހު މޮނަކޯ މާ ތަފާތު

May 3, 2017

ދެހާސް ފަނަރަ ވަނަ އަހަރު، ޗެމްޕިއަންސް ލީގްގެ ފައިނަލާ ހަމަޔަށް ޔުވެންޓަސް ދަތުރު ކުރީ، ކްއާޓާ ފައިނަލުގައި މޮނާކޯ ބަލި ކުރުމަށްފަހު އެވެ. އޭގެ ދެ އަހަރު ފަހުން، މޮނަކޯ ކުރިއަށް ޖެހިލައި، މިރޭ އެ ޓީމުން ޔުވެންޓަސްއާ ދެކޮޅަށް ނިކުންނަނީ ސެމީ ފައިނަލުގަ އެވެ. ފައިނަލުގެ ދޮރު އޮތީ ކުރިމަތީގަ އެވެ.

ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ބުނީ، ދެ އަހަރު ކުރިއަށް ވުރެ، މިހާރު ޔުވެންޓަސް ތަފާތު ކަމަށެވެ. އަދި އެކި ޑިޕާޓްމެންޓްތަކުން، އެޓީމުން ބޮޑު ކުރި އެރުންތަކެއް ހޯދައިފި ކަން އެލެގްރީ ފާހަގަ ކުރި އެވެ.

"ތަފާތު ހިސާބުތަކުން ދައްކާ ހަމަލާ އުފެއްދުމުގަ އާއި ޑިފެންސްގައި އެ ޓީމުން ބަދަލު ގެނެސްފިކަން، އެ ޓީމުން ގޯލް ކުރިމަތީގައި މާ ރަނގަޅަށް މަސައްކަތް ކުރޭ، މީގެ ދެ އަހަރު ކުރިއަށް ވުރެ، އެ ޓީމުން ފެންނަނީ ތަފާތުކޮށް ޓީމުގެ ތެރޭގައި އެކުވެރިކަން އެބައޮތް،"

ޗެމްޕިއަންސް ލީގްގައި، ޔުވެންޓަސް ކޮޅަށް، ލަނޑެއް ވަނަ ނުދީ 531 ވަނަ މިނެޓް އެޓީމުން ފުރިހަމަ ކޮށްފި އެވެ. އެގޮތުގައި ކުރިއަށް ގެންދެވި ދާނެތޯ ސުވާލު ކުރުމުން، އެލެގްރީ ބުނީ، މޮނަކޯއަކީ ފައިނަލު ސްޓޭޖުގައި، ގިނަ ލަނޑު ޖަހާ ޓީމެއް ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ.

މިރޭގެ މެޗުގައި ޔުވެންޓަސް އަށް ކުރިމަތިވާނެ އެއް މައްސަލައަކީ، ސާމީ ކެދީރާއަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުމެވެ. އޭނާގެ ބަދަލުގައި ސެންޓަރަލް މިޑްފީލްޑަރަކަށް ކުޅެނީ ކްލައުޑިއޯ މަރުކީސިއޯ އެވެ.

"ސިސްޓަމް ބަދަލެއް ނުވާނެ، ކެދީރާ އަކީ، މާ ފިޒިކަލް ކުޅުންތެރިޔެއް، އަދި މަރުކީސިއޯ ބޯޅަ ހިފައިގެން ގިނައިން މޫވް ކުރާނެ، އޭނާ ވަނީ މިދިޔަ މހުން ފެށިގެން ވަރަށް ބޮޑަށް އިމްޕްރޫވް ކޮށްފަ، އަދި އަހަރެމެންނަށް ފާހަގަ ކުރެވިފައި ވަނީ އޭނާ އަކީ މުހިންމު ކުޅުންތެރިޔެއް ކަމަށް."

ގޮންޒާލޯ ހިގުއައިން ޔުވެންޓަސްއާ ގުޅުމުން، އެ ޓީމުގެ ހަމަލާ އުފެއްދުމުގައި، ބޮޑު ކުރި އެރުންތަކެއް ލިބިފައިވާ ކަމަށާއި ބާސެލޯނައާ ދެކޮޅަށް ކުޅުނު މެޗުގައި ތަފާތު ކުޅުމެއް އޭނާގެ ފަރާތުން ފެނިގެން ދިޔަ ކަމަށް އެލެގްރީ ބުންޏެވެ.

އަންނަ ސީޒަންގައި، ޔުވެންޓަސްގެ ކޯޗްގެ ގޮތުގައި އަންނަ ސީޒަންގައި ހުންނާނަންތޯ އެހުމުން، އެލެގްރީ ބުނީ ސީޒަންގެ ފަހުން އެކަމާ ވާހަކަ ދައްކަން ކުލަބުގެ މެނޭޖްމެންޓާ ވާހަކަ ދައްކާނެ ކަމަށެވެ.