ބޮލީވުޑް

ކޮޕީރައިޓްސްގެ މައްސަލައެއްގައި "ސަރްކާރް 3" ގޮވައިގެން ކޯޓަށް

May 4, 2017

މެގަސްޓާ އަމީތާބް ބައްޗަން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ސަރްކާރް 3" ގެ ޕްރޮޑިއުސަރުންނާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި ފިލްމާ ދެކޮޅަށް ޑިސްޓްރިބިއުޝަން ކުންފުންޏެއް ކަމަށްވާ ނަރެންދުރަ ހިރާވަތް އެންޑް ކޯ އިން ބޮމްބޭ ހައިކޯޓަށް ހުށަހަޅާފައިވަނީ ކޮޕީރައިޓްސްގެ މައްސަލައެކެވެ. މި ފިލްމުގެ ކޮޕީ ރައިޓްސްގެ މައްސަލަ ޖެހިފައިވަނީ 2008 ވަނަ އަހަރު ނެރުނު ސަރްކާރު ފްރެންޗައިޒް ނެރުނު ފަހުންނެވެ. ހިރާވަތް ބުނަނީ "ސަރުކާރް" ފިިލްމުގެ ހުރިހާ ރައިޓްސް އެއް ލިބިގެންވާ ކަމަށެވެ. އެގޮތުން ފިލްމުގެ ރީމޭކް ހެދުމުގެ ހުރިހާ އިހްތިޔާރެއް އެކުންފުންޏަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް އެ ފިލްމުގެ ކޯ ޕްރޮޑިއުސަރުން ބުނަނީ ހިރާވަތް ފާމް އަށް ލިބިގެންވަނީ "ސަރްކާރް" ސިލްސިލާގެ ސީރީޒް ހެދުމުގެ ބާރު އެކަނި ކަމަށެވެ.

"ސަރްކާރް 3" ގެ ޕްރޮޑިއުސަރުންނާ މެދު އަހަރުން މިތިބީ ވަރަށް ހިތްހަމަ ނުޖެހިފައި. މި ފިލްމު އުފައްދަން އުޅުމުން މިދޔަ އޮކްްޓޯބަރުގައި ވެސް އެމީހުންނަށް ނޯޓިސް ފޮނުވައި މިކަމާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދިނިން. އެކަމަކު ވެސް ފިލްމު ރިލީޒްކުރުމުގެ ހުއްދަ އަހަރުމެން އަތުން އެމީހުން ހޯދާފައެއްނުވޭ" "ސަރްކާރް" ފްރެންޗައިޒްގެ ލީގަލް ރައިޓް މީގެ އަހަރެއްހާ ދުވަސް ކުރިން ގަނެފައިވާ ކަމަށް ބުނަމުން ހިރާވަތް ބުނެފައިވެ އެވެ.

ހިރާވަތް އިތުރަށް ވަނީ ކޯޓު މެދުވެރިކޮށް މި މައްސަލައިގައި ގޮތެއް ނިންމުން ނޫން ގޮތެއް މިހާރު ނެތް ކަމަށާއި އެމީހުން އުންމީދު ކުރަނީ ކޯޓު މެދުވެރިކޮށް "ސަރްކާރް 3" ރިލީޒްކުރުން ހުއްޓުވޭނެ ކަމަށެވެ.

މި ފިލްމު ޕްރޮޑިއުސްކޮށްފައިވާ އަލުމްބްރާ އެންޓަޓެއިންމަންޓް އެންޑް މީޑިއާ ޕްރައިވެޓް ލިމިޓެޑް އިން ނެރުނު ބަޔާނެއްގައި ވަނީ ހިރާވަތު ނަރެންދުރަ ހިރާވތު އެންޑް ކޯއިން އެމީހުންނާ ދެކޮޅަށް ކޮޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ މުޅިން ދޮގު ކަންތައްތަކެއް މައްޗަށް ބިނާކޮށް ހުށަހަޅާފައިވާމައްސަލައެއް ކަމަށް ބުނެފަ އެވެ. އަދި އެ ކުންފުންޏަށް ލިބިގެންވަނީ ފިލްމުގެ ޕްރީކުއެލް ނުވަތަ ސީކުއެލް ހެދުމުގެ ހުއްދަ ނޫން ކަމަށާއި ހަމައެކަނި ރިމޭކް އުފެއްދުމުގެ ހުއްދަ ކަމަށެވެ.

ރާމް ގޯޕާލް ވަރްމާ ޑައިރެކްޓްކޮށް، އަމީތާބް އާއި އަމިތް ސާދް އަދި ޔާމީ ގޯތަމްގެ އިތުރުން ޖެކީ ޝްރޮފް އާއި މަނޯޖް ބަޖްޕައީ މުހިންމު ރޯލުން ފެނިގެންދާ "ސަރްކާރް 3" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

"ސަރްކާރް" ގެ ފުރަތަމަ ބައި އަދި ދެވަނަ ބައިގައިވެސް ފެނިގެން ގޮސްފައިވަނީ އަމީތާބް އެވެ. އަދި ކުރީގެ ދެފިލްމުގައި ވެސް އަމީތާބް އާއެކު ދަރިފުޅު އަބީޝެކް ބައްޗަން ވެސް ފެނިގެން ގޮސްފައިވާއިރު، ދެވަނަ ބައިގައި ދަނބި ދަރިފުޅު އައިޝްވާރިޔާ ރާއީ ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

ދެހާސް ފަސް ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ މިސިލްސިލާގެ ފިލްމުތަކަކީ އިންޑިއާގެ ސިޔާސީ މަސްރަހުގައި ހިނގާ ޖަރީމާތަކަށް އަލިއަޅުވާލައިގެން އުފައްދާފައިވާ ފިލްމުތަކެކެވެ.