ކުޅިވަރު

މާޒިޔާއިންވެސް މޯހަންބަގާން މާޔޫސް ކޮށްލައިފި

May 3, 2017

އިންޑިއާގެ ރަސްމީ ލީގް، އައި ލީގްގެ ޗެމްޕިއަންކަން ނުލިބުމުގެ މާޔޫސްކަމާއެކު މާލެ އައި، އިންޑިއާގެ މޯހަންބަގާންގެ މައްޗަށް 5-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މާޒިޔާއިން ވެސް، މޯހަންބަގާން މާޔޫސް ކޮށްލައިފި އެވެ.

ކަލްކަތާގައި، ކުޅުނު ފުރަތަމަ ލެގް މެޗު 1-0 ކުން މާޒިޔާ މޮޅުވުމުން، މިއަދު މޯހަންބަގާންގެ މައްޗަށް މާޒިޔާ މޮޅުވީ 6-2 ގެ އެގްރިގޭޓް ނަތީޖާ އަކުން ނެވެ.

ފުރަތަމަ ހާފު ފެށިގެން ނިމެންދެން މެޗު ޑޮމިނޭޓް ކުރި މާޒިޔާއިން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފަ އެވެ.

އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ތަނަވަސް ކޮށްދިން ފުރުސަތަކުން، ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. އެންމެ ފުރަތަމަ އެ ގޯލް ޖަހަން ފުރުސަތު ތަނަވަސްވީ އަސައްކޮ އެވެ. ނަަމަވެސް އޭނާ އަށް ފޮނުވާނުލެވި ލަސްވެ، މޯހަންބަގާންގެ ޑިފެންޑަރުން، އޭނާ އަށް ހުރަސް އެލުމުން، އޭނާ ބޯޅަ ދިނީ، މުލަކޭ އަށެވެ. މުލަކޭ އެއްފަހަރުން އެބޯޅަ ފޮނުވާލީ ގޯލްގެ ތެރެއަށެވެ.

އޭގެ ފަހުން، މޯހަންބަގާންގެ ޖޭޖޭ އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސް ވެފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯލަ މާޒިޔާގެ ކީޕަރު ޕަވެލް މަޓިއަޝް ވަނި ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

އޭގެ ފަހުން، އަސައްކޮ އަށްވެސް ވަނި ލަނޑު ޖަހަން ފުރުސަތެއް ލިބިފަ އެވެ. މިފަހަރު ވެސް އޭނާ އަށް ރަނގަޅަށް ފޮނުވާލުމަށް ފުރުސަތު ނުލިބުމުން އޭނާ ބޮޅަ ދިނީ އެލެގްޒެންޑާ ރެކިޗަށެވެ. ނަމަވެސް، ރެކިޗަށްވެސް އެބޯޅަ ބޭނުން ނުކުރެވީ، އޭނާ އަށްވެސް ބޯޅަ ޖެހުނީ ބޭރަށެވެ.

މެޗުގެ 37 ވަނަ މިނެޓްގައި މާޒިޔާގެ ދެ ވަނަ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީވެސް އަސައްކޮ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން، އަރިމަތިން، މޯހަންބަގާންގެ ޑިފެންޑަރުން ކައިރިން ނައްޓަމުން އައިސް އޭނާ ވަނީ ޕެނަލްޓްީ އޭރިއާގެ ތެރެއަށެވެ. ވެދެ އޭނާ ބޯޅަ ދިނީ ގޯލް ކުރިމަތީގައި ހުރި މުހައްމަދު އުމޭރަށެވެ. އުމޭރުވެސް އެއްފަހަރުން ބޯޅަ ފޮނުވާލީ ގޯލް ތެރެއަށެވެ.

މެޗުގައި މާޒިޔާގެ ފަސް ލަނޑުގެ ތެރެއިން ރެކިސިޗް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ހާފުގެ 45 ވަނަ މިނެޓް ގައި އޭނާ ގޯލް ޖެހީ އުމޭރު ދިން ފުރުސަތަކުން ނެވެ. ޕެނަލްޓީ އޭރިއާގެ ކާނާ ދިމާލުން ޕެންލްޓް އޭރިއާ ތެރެއަށް ވަދެ އޭނާ ބޯޅަ ފޮނުވާލީ، ގޯލްގެ ދުރު ކަނަށެވެ. އެހެންވެ، މޯހަންބަގާންގެ ކީޕަރު ޕަވަން ކުމާރު ބޯޅައަށް ޑައިވް ކުރިނަމަވެސް، އެ ބޯޅަ ދިޔައީ އޭނާގެ އަތުގައި ނުޖެހި އެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި މޯހަންބަގާން އަށް ވަނީ ފަހި ފުރުސަތެއް ލިބިފަ އެވެ. ގޯލަށް ފަހު މެޗު ފަށައިގެން އައިސް، މަޒިޔާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ޖެހުނީ ގޯލްގެ ހުރަސް ދަނޑީގަ އެވެ. ހުރަސް ދަނޑިގައި ޖެހިފައި ބިންމައްޗަށް ވެއްޓުނު ބޯޅަ މާޒިޔާގެ ޑިފެންޑަރު ވަނީ ބޯޅަ ކްލިއާ ކޮށްލާފަ އެވެ. އެ ބޯޅަ މޯހަންބަގާންއަށް ތަނަވަސްވީ މާޒިޔާއިން ޖެހި ގޯލަށް ފަހުން، އެ ޓީމުގެ ކުޅުންތެރިންނަށް އެހާ ބޮޑަށް ސަމާލު ނުވެވި ތިއްބަ އެވެ.

ދެ ވަނަ ހާފުގައި މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރު ބަލި ކަމެވެ. މީގެ އިތުރުން، އެހެން މައްސަލައެއްވެސް، މާޒިޔާ ޓީމަށް ކުރިމަތި ވިއެވެ. އެއީ އެޓީމުގެ މުހިންމު ކުޅުންތެރިންނަށް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުމެވެ. މުހައްމަދު އުމޭރުގެ ބަދަލުގައި ކުލެން އެރި ހަސަން ޝިފަޒު (ޑުންގާ) އަށް އަނިޔާވީ، އޭނާ ކުޅޭން އެރިތާ 10 މިނެޓްވެސް ނުވަނިސް، މޯހަންބަގާންގެ ޕެނަލްޓީ އޭރިއާ ތެރެއިން، އެޓީމުގެ ކުޅުންތެރިޔަކު ޑުންގާ އަށް ކުރި ގުޅިގެން އޭނާގެ ކުޑަ ހުޅަށް ވަނި އަނިޔާ ވެފަ އެވެ. އަށިގަނޑުގައި ދަނޑުން ބަލައި، އޭނާގެ ބަދަލުގައި ކުޅެން އެރުވީ ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) އެވެ.

މުލަކޭ އަށް އަނިޔާވީ 85 ވަނަ މިނެޓްގަ އެވެ. އޭނާ ވެސް ދަނޑުން ބޭލީ އަށިގަނޑުގަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރުވީ އަހްމަދު އިމާޒު އާއްކޮ އެވެ.

ދެ ވަނަ ހާފު ފެށިފެން، ތިން ވަނަ މިނެޓް ތެރޭގައި މޯހަން ބަގާންއިން ވަނި މާޒިޔާގެ ގޯލް ފޫ އަޅުވާލަފަ އެވެ. މޯހަންބަގާން އަށް ލިބުނު ކޯނަރެއް މާޒިޔާގެ ކީޕަރު ޕަވެލް ދިފައު ކުރަން ކުރި އަށް ނިކުތް ނަމަވެސް އޭނާ އަތުގައި ބޯޅަ ލައްވައި ނުލައި ދެން ބޯޅަ ލިބުނީ ބަގާންގެ ޑިފެންޑަރު ކިންޝިކް އަށެވެ. އޭނަ ވަނި ފަސޭހަ ކަމާއެކު ގޯލް ތެރެއަށް ބޯޅަ ފޮނުވާލަފަ އެވެ.

އޭގެ ހަތް މިނެޓް ފަހުން، މާޒިޔާ އަށް ލިބުނު ޕެނަލްޓީ އެއްގައި އަސައްކޮ ވަނީ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ޕެނަލްޓީ އަކީ، މޯހަންބަގާންގެ ޕެނަލްޓީ އޭރިއާ ތެރެއިން، މުހައްމަދު އުމޭރު އަށް ލިބުނު ބޯޅަ އަށް ހުރަސް އަޅަން ކުރިއަށް ނިކުތް މޯހަންބަގާންގެ ކީޕަރު ޕަވަން، އުމޭރު އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.

މާޒިޔާގެ ފަސް ވަނަ ލަނޑު 69 ވަނަ މިނެޓްގައި ރެކިޗް ކާމިޔާބު ކުރީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި، އަސައްކޮ ރެކިސިޗަށް ދިން ފުރުސަތެއްގަ އެވެ. ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ރެކިސިޗް ބޯޅަ ފޮނުވާލިއިރު، އެބޯޅަ ދިޔައީ، ބޮޅަ އަށް ޑައިވް ކުރި ބަގާންގެ ކީޕަރު ޕަވަންގެ ގައި ދަށުން ނެވެ.

މެޗުގެ 78 ވަނަ މިނެޓްގައި މާޒިޔާގެ ގާސިމް ޝަމްމާމް އަތުގައި ބޯޅަ ޖެހުމުން، ލިބުނު ޕެނަލްޓީ އެއްގައި ޖޭޖޭ ވަނީ މޯހަންބަގާންގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ 92 ވަނަ މިނެޓޤގައި ރެކިޗަށް ވަނީ ހެޓްރިކް ހަދަން ފުރުސަތު ތަނަވަސް ވެފައެވެ. އާއްކޮ ޕެނަްލތީ އޭރިއާ ތެރެއިން ރެކިސިޗަށް ދިން ބޯޅަ ގޯލް ކައިރިގައި ހުރެފައި ފޮނުވާލި ބޯޅަ ބަގާންގެ ކީޕަރު ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލީ އެވެ.