ބޮލީވުޑް

ނެޝަނަލް އެވޯޑް އަކްޝޭ އާއި ސޯނަމް އަށް ލިބިއްޖެ

May 4, 2017

މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރާއި ބަތަލާ ސޯނަމް ކަޕޫރަށް ފުރަތަމަ ފަހަރަށް ނެޝަނަލް އެވޯޑް ލިބިއްޖެ އެވެ.

"ރުސްތޮމް" ކުޅެގެން އެންމެ މޮޅު އެކްޓަރުގެ އެވޯޑް އަކްޝޭ އަށް ލިބުނު އިރު، ސޯނަމް އަށް ލިބިފައިވަނީ "ނީރްޖާ" އިން ހާއްސަ އެވޯޑެކެވެ.

އިންޑިއާގެ 64 ވަނަ ގައުމީ ފިލްމު އެވޯޑު ދިނުމަށް އިއްޔެ ދިއްލީގައި ބޭއްވި ހފްލާގައި އަކްޝޭ އާއި ސޯނަމް އަށް އެވޯޑް ހަވާލުކުރައްވާފައިވަނީ އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ އެވެ.

އަކްޝޭ އަށް "ރުސްތޮމް" އިން އެވޯޑް ލިބޭކަން އިއުލާންކުރުމާއެކު ގިނަބަޔަކު ވަނީ މި އެވޯޑް ލިބުނު އޭނާ އަށް ހައްގު ނޫން ކަމަށް ބުނެ ފާޑުކިޔާފަ އެވެ. ފަންސަވީސް އަހަރުވީ ފިލްމީ ކެރިއަރުގައި ފުރަތަމަ ފަހަރަށް އެވޯޑެއް ލިބުމުން އަކްޝޭ ވަނީ އޭނާގެ އުފާ ބަޔާ ންކުރަން ދަތި ކަމަށް ބުނެފަ އެވެ.

ނެޝަނަލް އެވޯޑް ހަފްލާ އަށް އަކްޝޭ އާއެކު އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ އާއި ފިރިހެން ދަރިފުޅު އާރަވް ކުމާރު ވަނީ ގޮސްފަ އެވެ. މި ހަފްލާއަށް ދިއުމުގެ ކުރިން އެ ދެމީހުންނާއެކު އަކްޝޭ ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކުރަމުން އަކްޝޭ ވަނީ އޭނާގެ ހަޔާތުގައި މިހާ އުފާވެރި އަދި މުހިންމު ދުވަހެއް އޭނާއަށް އެންމެ މުހިންމު މީހުންނާއެކު ކަމަށް ބުނެފަ އެވެ

ރައީސް ޕްރަނާބްގެ ހާއްސަ އެވޯޑް ލިބުނު ސޯނަމް އާއެކު މި އެވޯޑް ހަފްލާ އަށް ގޮސްފައިވަނީ އޭނާގެ ބައްޕަ އަނިލް ކަޕޫރާއި މަންމަ ސުނީތާ ކަޕޫރުގެ އިތުރުން ލޯބިވެރިޔާ އަނަންދް އަހޫޖާ އެވެ.

އެންމެ މޮޅު ފިލްމަކަށް ސޯނަމް ލީޑްރޯލު ކުޅެފައިވާ "ނީރްޖާ" ހޮވުނުއިރު، އިޖްތިމާއި މައްސަލަތަކުުގެ މައްޗަށް އަލިއަޅުވާލައިގެން އުފެއްދި އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ މެގަސްޓާ އަމީތާބް ބައްޗަން އާއި ތަޕައްސީ ޕާނޫގެ "ޕިންކް" އެވެ. އަދި އެންމެ މޮޅު ޑައިރެކްޓަރަށް ހޮވިފައިވަނީ "ވެންޓިލޭޓަރު" ގެ ޑައިރެކްޓަރު ރާޖޭޝް މަޕޫސްކަރް އެވެ. އެ ފިލްމަކީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އެ ފިލްމަށް ވަނީ އެންމެ މޮޅު އިޑިޓިންގެ އެވޯޑް ވެސް ލިބިގެން ގޮސްފަ އެވެ.

މީގެ އިތުރުން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ލިބިފައިވަނީ "ޑަންގާލް" ގައި ގީތާ ޕޮގަތް ކުޑައިރުގެ ރޯލުން ފެނިގެންދިޔަ ޒާއިރާ ވަސީމް އަށެވެ.