ދުނިޔެ

ފަލަސްތީނު މީހުންގެ ހިތާމައަށް 70 އަހަރު، ނިމުމެއް ނެތް

May 4, 2017
1

އިޒްރޭލުން އެގައުމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ މޭމަހުގެ ފުރަތަމަ ދުވަހެވެ. އެއީ ޔަހޫދީންނަށް ނުހަނު އުފާވެރި ދުވަހަކަށް ވިޔަސް ފަލަސްތީނު މީހުންނަށް އެއީ ވަރަށް ބޮޑު ހިތާމައެއް ލިބޭ ދުވަހެކެވެ. މިދަނޑިވަޅުގައި އިޒްރޭލުން ދަނީ އަދި އުފާވެރި އެހެން ދުވަހެއް ފާހަގަކުރަން ވެސް ތައްޔާރުވަމުންނެވެ. އެއީ އިރުމަތީ ގުދުސާއި ޣައްޒާ ހިފިތާ 50 އަހަރު ފުރުމެވެ.

ފަލަސްތީނު މީހުންނަށް އެންމެ ބޮޑު ހިތާމަ ލިބުން ދުވަސް ނުވަތަ " ނަކްބާ " ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މޭމަހުގެ 15 ވަނަ ދުވަހެވެ. އަދި ޖެހިގެން އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަސް އެމީހުން ފާހަގަކުރަނީ 'ނަކްސާ" ދުވަހުގެ ގޮތުގައެވެ.

"ނަކްބާ"ގެ މާނައަކީ މުސީބާތެވެ. ފަލަސްތީނު މީހުން ނަކްބާ ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އަޅުވެތިކަމުގައި އެމީހުން ތިބި ދުވަސްތަކެވެ. އެއީ 1917 ވަނަ އަހަރުން ފެށިގެން 1947 ވަނަ އަހަރާ ހަމައަށެވެ. އެދުވަސް އެމީހުން ފާހަގަ ކުރަނީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި ފަލަސްތީނު ބޭއްވުމަށް ފަހު ޔަހޫދީންނަށް ދައުލަތް ހަދައިދޭން ވެގެން އެމީހުންގެ ގެދޮރުން ނެރެލައި، އެމީހުންގެ ބިންތައް ހުސްކުރި އަނިޔާވެރި ދުވަސްތަކުގެ ހަނދާންތައް އާކުރުމަށެވެ. ފަލަސްތީނުމީހުންގެ ބިންތައް ހުސްކޮށް ޔަހޫދީންނަށް ދިނުމުގެ އަނިޔާވެރި އަމަލު ހިންގީ 1947 ވަނަ އަހަރާއި 1948 ވަނަ އަހަރުއެވެ.

ފަލަސްތީނު މީހުންގެ މުސީބާތް އިންތިހާއަށް ދިޔަ ދުވަހަކީ 1948 ވަނަ އަހަރުގެ މޭމަހުގެ 15 ވަނަ ދުވަހެވެ. އެދުވަހު ފަލަސްތީނުގެ 500 އަވަށް ޔަހޫދީން ހަލާކުކޮށްލިއެވެ. އަދި 800000 ފަލަސްތީނު މީހުން އެމީހުންގެ ގެދޮރުން ބޭރުކޮށްލިއެވެ. އެއީ ގަތުލު އާއްމުތަކުގައި މަރައިލިމީހުންގެ އިތުރުންނެވެ.

ނަކްސާ ދުވަހުގެ ގޮތުގައި ފަލަސްތީނު މީހުން ފާހަގަ ކުރާ ދުވަހަކީ އެމީހުންނަށް ނަސްރެއް ލިބިދާނެ ކަމަށް ކުރި އުއްމީދު ފަނޑުވި ގޮތުގެ ހަނދާންތައް އާކުރާށެވެ. އަރަބީންގެ އާއްމުން އޭރު އުއްމީދު ކުރީ އަރަބި ސިފައިން އިޒްރޭލު ބަލިކޮށް އެމީހުންގެ ގެދޮރަށް އަލުން ވައްދައިދޭނެ ކަމަށެވެެ. އެހެން ނަމަވެސް 1967 ވަނަ އަހަރު ކުރި އެއުއްމީދު ފެނަށްވީ އެމެރިކާއި އިނގިރޭސީން ޔަހޫދީ ދައުލަތަށް ހަތިޔާރާއި ފައިސާއިން މަދަދުކުރުމާއި އަރަބި ސިފައިންގެ ބަދަހިކަމެއް ނެތުމުންނެވެ. އިޒްރޭލު ބަލިކުރަން ލިބުނު އެފުރުސަތު ދިޔައީ ގެއްލިގެންނެވެ. އެބައްޔާ އެކު އިޒްރޭލުން އިތުރު ބިންތައް ހިފީއެވެ.

ހަދުވަހުގެ ހަނގުރާމައިގެ ނަމުން މަޝްހޫރުވެފައިވާ އެހަނގުރާމައިގައި ގެއްލުނު ބިންތަކުގެ ތެރޭގައި ހުޅަނގު އައްސޭރިއާއި އުރުދުން އާ ފަލަސްތީނާ ގުޅޭ ސަރަހައްދީ ރޮނގުގެ ސަރަހައްދާއި މިސްރުގެ ސައިނާއީ އިން ބަޔަކާއި ސޫރިޔާގެ ގޯލާންގެ އުސްބިންތައް ހިމެނެއެވެ.

އިޒްރޭލާ އެމެރިކާއާ ދެމެދު މިހާރު އޮތް ވަރުގަދަ ގުޅުން އުފެދިގެން ދިޔައީ ވެސް އެހިސާބުންނެވެ. އެހަނގުރާމައިގައި އެމެރިކާއިން އިޒްރޭލަށް އެހީވީ އެއްވެސް ހައްދެއް ނެތިއެވެ. އޭގެ ފަހުން ފަހުން މިއަދާހަމައަށް ވެސް އެގުޅުން އޮތީ އެހެންނެވެ.

އިނގިރޭސިންނާއި އެމެރިކާއިން އިޒްރޭލަށް މަދަދުދީ ބާރުވެރި ކުރުވުމުން 1967 ވަނަ އަހަރުން ފެށިގެން އެދައުލަތުން ގަބޫލުކުރަމުން އަންނަނީ އެމީހުންނަކީ މެދު އިރުމަތީގައިވާ އެއްގޮތަކަށް ވެސް ގޮންޖަހައި ނުލެވޭ ބާރުގަދަ ދައުލަތުގެ ގޮތުގައެވެ. އެހެންވެ އެމީހުން ބޭނުންވީ އެމީހުން ބޭނުންވާ ގޮތަކަށް ތާރީހު އަލުން ލިޔާށެވެ. އެމީހުން ޔަހޫދީންނަށާއި މުޅި ދުނިޔެއަށް ވެސް ވިސްނައިދޭން އޭރުން ފެށިގެން ވެސް މަސައްކަތް ކުރަމުން ދަނީ ފަލަސްތީނު މީހުންނަކީ ނެތް ބައެއް" ކަމަށެވެ. އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރެއްކަމަށްވާ ގޯލްޑާ މެއިރް ބުނެފައި ވަނީ " ފަލަސްތީނު މީހުން އެއީ އުޅުނު ބައެއް" ނޫން ކަމަށެވެ. މިއީ ފަލަސްތީނު މީހުން ގެ ނަން މެދު އިރުމަތީގެ ތާރީހުން ވެސް ފުހެލަން އިޒްރޭލުން ކުރާ މަސައްްކަތުގެ ކުޑަމިސާލެކެވެ.

އިޒްރޭލުގެ އަނިޔާވެރިިކަމާ ދެކޮޅަށް ފިޔަވަޅެއް އަޅާނެ ބަޔަކު ދުނިޔޭގައި ނެތުމުން ފަލަަސްތީނު މީހުންގެ " ނަކްބާ" އަށް ނިމުމެއް ނެތެވެ. އެމީހުން އިންތިޒާރު ކުރަނީ މިނޫން ދުވަހަކަށެވެ.