ބޭރު ކުޅިވަރު

މޮނާކޯއާ ދެކޮޅަށް ތަފާތު ދެއްކީ ބުފޯން އާއި އަލްވޭސް

May 4, 2017

ޗެމްޕިއަންސް ލީގްގެ ފައިނަލުގައި، ރޭ މޮނާކޯގެ ދަނޑުގައި 2-0 ނަތިޖާއިން މޮޅުވުމުގައި، ޔުވެންޓަސްގެ އެންމެ ބޮޑު ތަފާތަކީ، ޓީމުގެ ކެޕްޓަން، އަދި ގޯލްކީޕަރު ޖިއަންލުއީޖީ ބުފޯން އާއި ރޭ، މިޑްފީލްޑަރެއްގެ ރޯލުން ފެނުނު ޑެނީ އަލްވެސް ކަމަށް، ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.

ރޭ ގެ މެޗުގައި، ޔުވެންޓަސްގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ ގޮންޒޯލޯ ހިގުއައިން އެވެ. އަދި އެ ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ، ވެސް، އަލްވެސް އެވެ.

އާންމުކޮށް ޑިފެންޑަރެއްގެ ރޯލުން ފެންނަ އަލްވޭސް ރޭ އަދާކުރީ އެހެން ރޯލެކެވެ. މެޗަށް ޔުވެންޓަސްގެ ފޯމޭޝަން 3-4-2-1 އަށް އަތުރާލައި އަލޭވެސްއާ، އެލެގްރީ ހަވާލު ކުރީ މެދު ތެރެއިން މިޑްފީލްޑަރެއްގެ ރޯލެވެ. އެ މަގާމަށް ވެސް އޭނާ ފައްކާކަން، ރޭ ވަނީ ސާބިތުކޮށް ދީފަ އެވެ.

އެލެގްރީ ބުނީ، އޭނާގެ އަތުގައި އޮތް ސްކޮޑަށް ތައުރީފް ކުރަންޖެހޭ ކަމަށާއި މޮނާކޯ އަތުގައި ގިނަ ޓެކްނިކްތަކެއް ހުރިއިރު ވެސް، އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. ލަނޑު ޖެހުމުގެ ކުރިން ޔުވެންޓަސްގެ ޓީމަށް ގިނަ މިސްޓޭކްތަކެއް ހެދުނު ކަމަށާއި އޭގެ ސަބަބުން، މޮނާކޯއަށް ގިނަ ފުރުސަތު ތަކެއް ތަނަވަސްވި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ބުނީ އެހުރިހާ ފަހަރެއްގައިވެސް ޔުވެންޓަސް ސަލާމަތްކޮށްދިނީ ބުފޯން ކަމަށެވެ.

ބުފޯން ވަނީ، ޗެމްޕިއަންސް ލީގްގައި، އޭނާގެ ގޯލަށް، ލަނޑެއް ވަނަ ނުދީ 621 މިނެޓް ފުރިހަމަ ކޮށްފަ އެވެ.

"އަހަރެމެންނަށް އުނދަގޫ މެޗަކަށް ވަންޏާ ބުފޯން އަހަރެމެންނަށް ޖަވާބު ދޭނެކަން ކަލޭމެންނަށް އެނގޭނެ، އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކީޕަރު، އަބަދުވެސް ބޮޑު މެޗެއް އޮންނަ އިރު އޭނާ ހުންނާނީ ތައްޔާރަށް،" އެލެގްރީ ބުންނެވެ.

ގިނަ ކަންކަމެއް ރަނގަޅަށް ދިޔަ ނަމަވެސް، އެލެގްރީ ހިތްހަމަ ނުޖެހޭ ކަމެއްވެސް އެބައޮތެވެ. އެއީ އެޓީމުގެ މިޑްފީލްޑާ މިރެލެމް ޕިއާނިޗް ގެ ފަރާތުން އެލެގްރީ އެންމެ ބޭނުންވި ކުޅުން ނުފެނުމެވެ.

"ޕިއާނިޗް ދެކެ އަހަރެން މިހުރީ ވަރަށް ބޯޑަށް ރުޅި އައިސްފައި، ސަބަބަކީ ދުނިޔޭގެ އެންމެ މޮޅު ތިން މިޑްފީލްޑަރުންގެ ތެރެއިން އެކަށް އޭނާ އަށް ވެވިދާނެ، ނަމަވެސް މިހާރު އޭނާ ޕާސް ދެނީ ނުބައިކޮށް ހީވަނީ ދުނިޔެ ނިމިގެން އުޅޭހެން، އޭނާ އެބަޖެހޭ ހަމަޖެހިގެން ހުންނަން،" ހިތްހަމަ ނުޖެހި ހުރެ އެލެގްރީ ބުންޏެވެ.