ކުޅިވަރު

ޓޮޓީ ކުޅުން ހުއްޓާލަނީ، އެއަށްފަހު ރޯމާގެ ޑިރެކްޓަރަކަށް

May 4, 2017

އިޓަލީގެ ފުޓްބޯޅައިގެ ބާރު އޭއެސް ރޯމާގެ ކެޕްޓަން ފްރެންޗިސްކޯ ޓޮޓީ، މި ސީޒަނަށް ފަހު ކުޅުން ހުއްޓާލައި، ރޯމާގެ ޑައިރެކްޓަރެއްގެ މަގާމަށް ބަދަލުވާ ގޮތަށް ނިންމާފައިވާ ކަމަށް، ރޯމާގެ ފުޓްބޯޅަ ޑައިރެކްޓާ މޮންޗީ ބުނެފި އެވެ.

މިހާރު އުމުރުން 40 އަހަރުގެ ޓޮޓީ، އޭނާގެ ސީނިއާ ކެރިއާގައި، ރޯމާ ނޫން ޓީމަކަށް ނުކުޅެ އެވެ. އުމުރުން 13 އަހަރުގައި ރޯމާއާ ގުޅުނު، ޓޮޓީ، ރޯމާގެ ސީނިއާ ޓީމާއެކު ކެރިއާ ފެށީ، 1993 ވަނަ އަހަރު އެވެ. އޭނާ ވާނީ ރޯމާ އަށް 800 އާ ގާތްކުރާ އަދަދަކަށް މެޗު ކުޅެދީފަ އެވެ. އަދި 307 ލަނޑު ޖަހައިގެން، ރޯމާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީވެސް ޓޮޓީ އަތުގަ އެވެ.

ޓޮޓީ ވަނީ މި ސީޒަން ފެށުމުގެ ކުރިން، އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ރޯމާއާއެކު ސޮިއކޮށްފަ އެވެ. މި ސީޒަންގެ ނިޔަލަށް އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު، ޓޮޓީ އެންމެ ފަހު މެޗަކަށް ވާނީ، މިމަހުގެ 28 ވަނަ ދުވަހު ޖެނޮއާ އާ ދެކޮޅަށް ކުޅޭ މެޗެވެ.

"އަހަންނަށް އެނގިފައި އޮތީ، ޓޮޓީ ރޯމާއާއެކު ހަދާފައިވާ ކޮންޓްރެކްޓް މިއަހަރު ހަމަވާނެ ކަން، އަދި މިއީ އޭނާގެ އެންމެ ފަހު އަހަރުކަން ވެސް އެނގިފައި އޮތީ، އަދި އޭގެ ފަހުން، ކުލަބުގެ ޑިރެކްޓަރުގެ މަގާމަށް އޭނާ އައުމަށްވެސް އޮތީ އެއްބަސްވެފަ،" މިދިޔަ މަހު، ރޯމާގެ ފުޓްބޯޅަ ޑައިރެކްޓަރު ކަމާ ހަވާލުވި މޮންޗީ ބުންޏެވެ.

ދެހާސް ހަ ވަނަ އަހަރު، އިޓަލީ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރި ޓޮޓީ އޭނާއާ ވަރަށް ގާތުން މަސައްކަތް ކުރަން، ބޭނުންވާ ކަމަށްވެސް މޮންޗީ ބުންޏެވެ. އަދި ޓޮޓީގެ ހުރި ތަޖުރިބާއިން ވެސް، އޭނާ ކަންކަން ދަސް ކުރަން ބޭނުންވާތީ ކަމަށްވެސް، ސްޕެއިންގެ ކުރީގެ ގޯލްކީޕަރު ވަނީ ބުނެފަ އެވެ.