(2 މެއި 2017 އާ ގުޅޭ)
"އައިރާ..."ޝިމްލާ ގޮވާލިއެވެ. އެއާއެކު އޭނާ އަނެއްކާ ވެސް އައިސް އަލަމާރި ކައިރީ ހުއްޓުނެވެ. އެ އަލާމާރީގައި ހުރި ނިޔާނުގެ ހެނދުންތައް ވެސް އޭނާ ދާތަނަކަށް ގެންދަން ބޭނުންވިއެވެ. މަޑުމަޑުން ކުރިއަށް ޖެހިލާ ނިޔާނުގެ ޓީޝާޓެއްގައި އަތްޖައްސާލިއެވެ.
އައިރާގެ ހަރަކާތްތަކަށް ބަލަން ހުރި ޝިމްލާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނިޔާނުގެ ހެނދުންތަކުގައި އަތްލަމުން އައިރާ ދިޔައިރު އެ ހެނދުންތަކުން އައިރާއަށް ހިތްދަތިކަން ނޫނީ ނުލިބޭނެކަން ޝިމްލާއަށް އެނގެއެވެ. އެހެން ނަމަވެސް އެ ތަކެތިން އައިރާ ވަކިކޮށްލާނެހާ ހިތްވަރެއް ޚުދު ޝިމްލާގެ ވެސް ނެތެވެ. ކުރިއަށް އަޅާލި ފިޔަވަޅާއެކު އައިރާގެ ކޮނޑުގައި ޝިމްލާ ފިރުމާލި އެވެ. އެއާއެކު އައިރާއަށް ހަމަވިސްނުން ލިބިގެންދިޔަ ކަހަލައެވެ. ކޮނޑުގައި އަޅުވާފައި ހުރި އައިރާގެ ހެނދުންތައް ނަގާ ފޮށްޓަށް އަޅަން ފެށިއެވެ. ޝިމްލާ ބަލަން ހުރީތީ އޭނާއަށް ސިއްރުން އައިރާގެ ހެނދުންތަކުގެ ތެރެއަށް ނިޔާނުގެ ގަމީހެއް ލަމުން އެތަކެތި ފޮއްޓަށް ލިއެވެ. ނަމަވެސް އެކަން ޝިމްލާ ދެނެހުއްޓެވެ. ދެން ވެސް އައިރާ ބޭނުންކުރާ އެހެން އެއްޗެހި ފޮއްޓަށް އެޅިއެވެ.
ހިތާ ދެކޮޅަށް އައިރާ ފޮށި ހިފައިގެން ޝިމްލާގެ ފަހަތުން އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް ދޮރުގައި ހިފަހައްޓާލެވުމާއެކު އައިރާއަށް ހުއްޓެވުނެވެ. ހިތަށް ލިބެމުންދިޔަ ވޭން ލޯތަކަށް ވަންހަނާވެފައިވީ ނަމަވެސް އައިރާގެ ދެ ލޮލުން ސިއްރެއް ނުވިއެވެ. ރަތްވެފައިވާ އެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވެގެން ދިޔައެވެ. އެހާމެ އަވަހަށް ކަނާއަތުން ދެ ލޯ ފުހެލި އެވެ. އައިރާއާއި ނިޔާނުގެ އެންމެ ފޮނި ހަނދާންތައް ގުޅިފައިވާ ތަނަކީ އެ ކޮޓަރި އެވެ. އެހެންނަމަވެސް ނިޔާނު ވަކިވިތާ ގިނަ ދުވަހެއް ނުވަނީސް އޭނާއަށް އެވަނީ އެ ކޮޓަރިން ނުކުންނަން މަޖުބޫރުވެފަ އެވެ. ދެ ލޯ މަރާލުމާއެކު އެތެރެހަށްޓައް ދިގު ނޭވާއެއް އައިރާ ދަމާލިއެވެ. ނިޔާނުގެ ހަނދާންތަކާއެކު އޭނާއާއެކު އެންމެ ގިނަ ވަގުތު ހޭދަކުރެވުނު ކޮޓަރީގެ ވަސް ވެސް އަބަދަށް ރައްކާކުރުމަށް އައިރާ ބޭނުންވެފައި ވެއެވެ.
ޝިމްލާއާއެކު ނުކުންނަން އައި އައިރާއަށް ގޭތެރެއިން އެކަކު ވެސް ނުފެނުނެވެ. ރުބީނާއާއި މައުރީން އެމީހުންގެ ކޮޓަރީގައި ކަމުގައި ހީކުރިއެވެ. އެޕާޓްމެންޓުގެ ދޮރުން ނުކުމެ ދޮރު ލައްޕާލާފައި ޝިމްލާއާއެކު މައްޗަށް އަރަން ހުރި ސިޑިއާ ދިމާއަށް ހިނގައިގަތް ވަގުތު ސިޑިން ބަޔަކު މައްޗަށް އަރާ އަޑު އިވުނެވެ. އަދި ކުޑަހިނދުކޮޅެއްގެ ތެރޭގައި އިވިގެންދިޔައީ ލިޒީގެ އަޑެވެ.
"ކޮންތާކަށް ތި ދަނީ؟" ސިޑިން އަރައިގެން އައި ލިޒީގެ މޫނުގައިވަނީ ހާސްކަމުގެ އަސަރުތަކެވެ. އޭނާގެ ސުވާލަށް ޖަވާބެއްދޭން ނޭނގިފައި ހުރިހެން އައިރާ ހުއްޓެވެ. އަވަސް ފިޔަވަޅުގައި ލިޒީ އައިސް އައިރާގެ ގައިގާ ބައްދާލި އެވެ.
"ނިޔާނު ބައްޕަގެ ބަޔަށް އައިރާ އެ ބަދަލުވަނީ... ހިނގާ މައްޗަށް. ގޭތެރޭގައި ތިބެ ވާހަކަ ދައްކާލާނީ ދޯ" ޝިމްލާ މިހެން ބުނެ ކުރިއަށް ހިނގައިގަތީ އައިރާގެ ފޮށި ހިފައިގެންނެވެ. ސިޑިން ފޮށި އަރުވަން ޝިމްލާ އުޅުނު ގޮތް ފެނި ލިޒީއާއެކު ހުރި ޒުވާނަކު ކުރިއަށް ޖެހިލާ ފޮށި ގެންދިއުމަށް އެހީތެރިކަން ފޯރުކޮށް ދިނެވެ.
ކަންބޮޑުވެފައި އިން އަމީރަށް ކުއްލިއަކަށް ތެދުވެވުނީ އެޕާޓްމެންޓުގެ ދޮރުން ޝިމްލާއާއި އައިރާގެ އިތުރުން ބަޔަކު ވަނުމުންނެވެ. ޝިމްލާ އިސްވެ ވާހަކަ ދެއްކިއެވެ.
"މީ އައިރާގެ ރައްޓެހިކުދީން... ދެންމެ..."
"ލިޒީ... ލިޒީތަ ތީ" ޝިމްލާ ބުނަން އުޅުނު އެއްޗަކަށް ސަމާލުކަމެއް ނުދީ އަމީރު އަވަސް އަވަހަށް އަހާލި އެވެ. އައިރާއާއެކު ހުރި ލިޒީ ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.
ޝިމްލާއަށް އަމީރު އިރުޝާދު ދިނީ އައިރާއަށް އޭނާގެ ކޮޓަރި ދެއްކުމަށެވެ. އަދި ލިޒީއާއި އޭނާއާއެކު ހުރި ޒުވާނާއަށް ސައި ތައްޔާރު ކުރުމަށެވެ. އަމީރުގެ ވާހަކަ ހުރި ގޮތުން ޝިމްލާއަށް ހީވީ ލިޒީއަކީ ކާކުކަން ކުރީން ވެސް އަމީރަށް އެނގޭހެންނެވެ. ލިޒީއަކީ ކާކުކަން އެނގެން ބޭނުންވެފައި ހުއްޓެއްކަމަކު އަމީރު އެދުނު ފަދައިން ޝިމްލާ ކަންތައް ކުރި އެވެ. އައިރާ އައިސް އޭނާގެ ކޮޓަރިއަށް ވަނުމުން ލިޒީއާއި އޭނާއާއެކު ހުރި ޒުވާނާ ވެސް އެކޮޓަރިއަށް ވަނެވެ. އެނދުގައި އައިރާއާއެކު ލިޒީ އިށީނދެގެން ތިއްބެވެ. ލިޒީގެ ކޮނޑުގައި ބޯއަޅާލައިގެން އައިރާ އިންއިރު އޭނާ އިތުރަށް ކުރާނޭ ޝަކުވާއެއް ނެތް ފަދައެވެ. އެހެން ނަމަވެސް އައިރާގެ ހާލު ލިޒީއަށް އިހުސާސް ކުރެވުނެވެ.
"އައިރާ! އަހަންނާއެކު ރަށަށް ދާންވީނު"
"ރަށަށް ގޮސްގެން ކޮންކަމެއްވާނީ؟ ނިޔާނެއް ނުހުންނާނެ... އަހަރެން ވަންނާނެތަނެއް ނެތް... ލިޒީއަށް ވެސް އަބަދަކު އަހަރެންގެ ކަންތައްތަކެއް ނުބެލެހެއްޓޭނެ... ދުވަސްކޮޅަކުން އަހަރެން ދެ މީހުންނަށް ވާނެ... މީ ނިޔާނުގެ ޢާއިލާ... ނިޔާނުގެ ދަރިފުޅަށް ކުޑަ ނަމަވެސް އުންމީދެއް އޮތްތަނަކީ... އަހަރެން މަގުމަތި ވިޔަސް މި ދަރިފުޅު މަގުމަތިވާކަށް ނޭދެން... ލިޒީ! އަހަރެން ވެސް ބޭނުން އެނބުރި ރަށަށް ދާން... މިކޮޅުގައި އަހަރެން ހުރުމުގެ ހުރިހާ އުންމީދެއް ގެއްލިއްޖެ... އެކަމަކު އެހެންކަންތައް ކުރެވެން ނެތީ ބަނޑުގައިވާ ދަރިފުޅުގެ ސަބަބުން... ނިޔާނުގެ މި އަމާނާތް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ މިއަދު އުފުލަން ހުރި ހަމައެކަނި މީހަކީ އަހަރެން... މި ދަރިފުޅުގެ މުސްތަޤުބަލާމެދު މިހާރުއްސުރެ ވިސްނަންޖެހޭ"
"އަހަރެން އައިރާއަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރާނަން. އެކަމަކު ހީނުކުރާތި އަހަންނަށް އައިރާގެ ސަބަބުން ތަކުލީފެއް ޖެހިދާނޭ... އައިރާއަކީ ދުރުހިލޭ މީހެއް ނޫން... ތީ އަހަރެންގެ މަންމައާއި ބައްޕައަށްފަހު އެންމެ ގާތް މީހާ... އަހަރެންގެ ހުރިހާ އުފަލެއް ގުރުބާން ކުރާވަރުގެ ޚާއްޞަ މީހެއް... ލޭގެ ގުޅުމެއްނެތް ނަމަވެސް ތީ އަހަރެންގެ ހުރި ހަމައެކަނި ސިސްޓާ... އައިރާ ހާލު އުޅޭކަށް އަހަންނަށް ދޫކޮށެއް ނުލެވޭނެ"
"ލިޒީ! ކީއްވެ މިހެންމިވީ... ކީއްވެ އަބަދު އަހަންނަށް ދެރަގޮތް ދިމާވާންވީ؟ މަންމައާއި ބައްޕަ ވެސް ވަކިވެގެން ދިޔައީ... ރެޔާއި ދުވާލު އަހަރެން ހުރީ އުފާވެރިކަމާއި ހިތްހަމަޖެހުމަށް އެދިއެދި... ނިވެމުންދިޔަ ބައްތީގެ ހުޅުކޮޅުގެ ވަށައިގެން ދެއަތުގެ ހިމާޔަތްކަން ދީ ލޯބީގެ އުފާވެރި އިހުސާސްތަކުން އެބައްތީގެ އަލި އުޖާލާކޮށްދިނީ ނިޔާނު... އެކަމަކު މިއަދު އޭނާ އެވަނީ އަހަންނަށް ކަމެއްކޮށްދެވޭ ވަރަށްވުރެ މާ ދުރުގައި... އަހަރެން ކިތަންމެ ވަރަކަށް ރޮއެ ޝަކުވާ ކުރި ނަމަވެސް އެނބުރި ނާދެވޭހާ ދުރުގައި... މަދަދަށް އެންމެ ބޭނުންވެފައިވި ވަގުތުގައި އަހަންނާ ވަކިވެގެން އެ ދިޔައީ... މީ ކޮންކަހަލަ އިންސާފެއް" އައިރާ ވާހަކަ ދައްކަމުން ދިޔައިރު އެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔަ އެވެ.
ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ހުރި އަމީރަށް އެކޮޓަރި ތެރޭގައި އައިރާއާއި އޭނާގެ އެކުވެރިޔާ ދައްކަމުންދިޔަ ވާހަކަތައް ސާފުކޮށް އިވެމުން ދިޔަ އެވެ. އައިރާ އެމީހުންނާ ވަކިވެގެން ދާކަށް އަމީރު ނޭދެއެވެ. އައިރާއަކީ ކޮންމެ މީހަކު ނަމަވެސް އުފަލުން ބަލައިގަންނާނެ ފަދަ ކުއްޖެކެވެ. އެފަދަ އަންހެންކުއްޖަކު ޅީދަރިއަކަށް ލިބޭނީ ނަސީބުވެރިއަކަށް ކަމުގައި އަމީރު ޤަބޫލު ކުރެ އެވެ. އޭނާގެ ދެ ލޯ ފެންކަޅިވެގެންދިޔަ އެވެ. އައިރާގެ ހިތާމަތައް ކުޑަކޮށްދެވޭނޭ އެއްވެސް ގޮތެއް އޮތްނަމަ މިއަދު އަމީރު އެ ހުރީ އެކަމެއް ޚިޔާރުކުރަން ތައްޔާރަށެވެ. ނަމަވެސް ސިކުނޑިވަނީ ހުސްކަމެއްގެ ތެރޭގައެވެ. ދަރިފުޅުގެ ކުއްލި ވަކިވުމާއި ޅީދަރިފުޅު އިން ހާލު އެނގި ހަދާނޭ ގޮތެއް ނޭނގިފަ އެވެ. އަމީރު އެހެން ހުއްޓާ ޝިމްލާ އައިސް ސައި ހެދިއްޖެ ކަމުގައި ބުންޏެވެ.
ޝިމްލާ ކޮޓަރިއަށް ވަންނަމުން ހުޅުވާފައި ހުރި ދޮރުގައި ޓަކި ޖަހާލި އެވެ. އަދި ސައިބޯން އައުމަށް އެދުނެވެ. އައިރާ ހުރީ މެންދުރު ވަރަށް ކުޑަކޮށް ކާލައިގެންކަން ވެސް ޝިމްލާ ފާހަގަކުރި އެވެ. އޭނާގެ ބޭނުމަކަށްވީ ކެއުމުގައި އައިރާ ބައިވެރި ކުރުމެވެ. ކާމޭޒު ދޮށުގައި އައިރާ ގޮވައިގެން ލިޒީއާއި އޭނާއާއެކު ހުރި ޒުވާނާ އިށީނެވެ. އަދި އެމީހުންނާއެކު އަމީރު ބައިވެރިވި އެވެ. ގޭތެރޭގައި ދުރުދުރުން އުޅޭ އަންހެންކުއްޖާ ލިޒީގެ ލޮލުގައި އަޅައިގަތެވެ.
"މީ ކޮންކުއްޖެއްތަ؟ ލިޒީގެ ބޭބެއެއްތަ؟" ކާމޭޒު ދޮށުގައި ހިމޭންކަން ޚިޔާރު ކުރުމުގެ ބަދަލުގައި އަމީރު ވާހަކައެއް ފެށޭތޯ އުޅުނެވެ. އައިރާގެ ސަމާލުކަން މޭޒު ދޮށުގައި އިން ޒުވާނައަށް ހުއްޓުނީ ދެނެވެ.
"ބޭބެއެއް ނޫން... އަދި އައިރާއާ ވެސް ބައްދަލު ނުކޮށްދެވޭ ދޯ... މީ މިރާން... އަހަރެންގެ ބޯއީ ފްރެންޑް... މެރީ ކުރަން މިއުޅެނީ... ބައްޕަމެން ނިންމާފައި އޮތީ ދުވަހެއް ވެސް... މިފަދަ ވަގުތެއްގައި އެ ވާހަކަ ކުރިން ބުނަން ނުކެރުނީ" ލިޒީގެ ދެ ލޮލުން އައިރާއަށް އިންތިހާ ދަރަޖައިގެ ހަމްދަރުދީ ފާޅުވޭވޭ ހުއްޓެވެ. މިއަދު އޭނާގެ ދިރިއުޅުން ފެށެން ތައްޔާރުވަމުން އައިއިރު އެންމެ ގާތް އެކުވެރިޔާގެ ދިރިއުޅުން އެވަނީ ހަނަފަސް ސަހަރާއަކަށް ބަދަލުވެފައެވެ. ލޯބިން މަޙްރޫމުވެފަ އެވެ. މިފަދަ ވަގުތެއްގައި އަމިއްލަ އެދުން އިސްކުރަން ލިޒީ ބޭނުން ނުވެފައި އިނެވެ.
"ހަމަތެދެއްތަ ތިބުނީ؟" އައިރާ އެކުވެރިޔާއަށް ޓަކައި ހިނިތުންވެލި އެވެ.
ލިޒީ އެއްބަސްވަމުން ބޯޖަހާލި އެވެ. އަދި އޭނާ އައިރާއަށް ޓަކައި ކައިވެނި ކުރުން މާލޭގައި ހަމަޖައްސާފައިވާކަން ހާމަކުރި އެވެ. ގިނަ ދުވަހެއް ނުވެ ދެފަރާތުގެ މައިންބަފައިން މާލެ އަންނާނެ ކަމުގައި ވެއެވެ. ލިޒީއަށް ޓަކައި އައިރާގެ ހިތް އުފާކުރި ނަމަވެސް އެ ހިތް ރޮމުންދިޔަ އެވެ. މިއަދު ނިޔާނު ހުރިނަމައޭ އެ ހިތް ބުނަނީ އެވެ. ކަރުނައިގެ ތެރޭން ހިނިތުންވެލަން ނަފްސަށް މަޖުބޫރު ކުރަމުން އައިރާ ދިޔައެވެ. އެކަމުގައި އޭނާ ކާމިޔާބު ހޯދިއެވެ. އަމިއްލަ ހިތްދަތިކަން އެއްފަރާތްކޮށްލާ އެންމެ ގާތް އެކުވެރިޔާގެ އުފާވެރިކަމުގައި އެންމެ ފުރިހަމައަށް ބައިވެރިވިއެވެ. ނިޔާނުގެ މަރުގެ ޚަބަރާއެކު ކައިވެނި ލަސްކުރަން ލިޒީ ބޭނުންވި ނަމަވެސް މިރާންގެ ޢާއިލާ ރާވާފައި ހުރި ކަންތައްތަކަށް ބަދަލެއް ގެނެވެން ނެތުމުން އެކަން އެގޮތަށް ނުވީއެވެ. އެހެންނޫންނަމަ އެކުވެރިޔާއަށް އެހާ ބޮޑު ހިތާމައެއް ލިބިފައިވާ ދަނޑިވަޅެއްގައި ލިޒީ ކައިވެނީގެ ގޮށް ޖަހާ ނުލާނެ އެވެ. މޭޒު ދޮށުގައި އެކިއެކި ވާހަކަ ދެކެވުނެވެ. ލިޒީއާއި މިރާން ތިބެނީ ގެސްޓު ހައުސްއެއްގައި ކަމެވެ. އަމީރު އެދުނީ ދުވާލުގެ ވަގުތުގައި އެގޭގައި އުޅެދިނުމަށެވެ. ކެއުމުގެ ހުރިހާ ކަމެއް އެގޭގައި ހަމަޖެހިފައި ހުންނާނޭކަން ވެސް ބުންޏެވެ. އަމީރު އެފަދަ ނިންމުމެއް ނިންމީ އައިރާއަށް ވިސްނާފަ އެވެ. އައިރާގެ އެކަނިވެރިކަން ފިލާނެ ގޮތަކީ އެއީކަމުގައި ހީކޮށްފައެވެ. އަމީރުގެ އެދުމާ ދެކޮޅު ހަދަން ލިޒީ ވެސް ބޭނުމެއްނުވިއެވެ.
ލިޒީއާއި ގެއަށް ދިޔައީ ރޭގަނޑު ކައިގެންނެވެ. އެމީހުން ދިއުމުން އަނެއްކާ ވެސް ގޭތެރެއަށް ފަޅުކަމެއް ވެރިވެގެން ދިޔަ އެވެ. އައިރާ ކޮޓަރިއަށް ވަންގޮތަށް އެނދުގައި އޮށޯވެލައިގެން އޮތެވެ. ނިޔާނުގެ ހަނދާންތައް އޭނާގެ ދެ ލޯ ބަރުކުރަމުން ދިޔައީ ކަރުނުންނެވެ. އެ ކަރުނަވަނީ އައިރާ ނިދިން މަޚްރޫމު ކޮށްފައެވެ.
"ހަމަ އެންމެ ފަހަރަކު ދަނީއޭ ބުނެލަން އައިނަމަ... އެންމެ ފަހު ފަހަރަށް ބައްދާލާފައި ދިޔަނަމަ... އެ ފުރުޞަތު ވެސް ނިޔާނު އަހަންނަށް ނުދިން" ބާލީހުގައި އައިރާ މޫނު ފޮރުވާލިއެވެ.
* * * *
އަމީރުގެ ބަޔަށް އައިރާ ގެންދިޔަތާ ހަފްތާއެއް ވެގެންދިޔައިރު އޭނާގެ ޠަބީޢަތް ބަދަލުވެއްޖެކަން އަމީރަށް ނަގައިގަނެވުނެވެ. އައިރާގެ މުޅި ނަފްސަށް ފުންމިން ނޭނގޭ ހިމޭންކަމެއް ވެރިވެފައިވާ ކަހަލައެވެ. ދުލުން ބަހެއް ބޭރު ކުރަނީ ކޮންމެހެން ނުބުނެ ނުވެގެންނެވެ. ފިކުރު ކުރުމުގައި އައިރާ އިންނައިރު އޭނާ ވިސްނަނީ ކޮން ކަމަކާކަން އެކަކަށް ވެސް ނޭނގެއެވެ. ދެ ލޮލުގެ ދިރުން ގެއްލި މޯޅިވެފައިވާ މަލެއްފަދަ އެވެ. ރޭގަނޑުގެ އަނދިރީގައި ކަރުނަ ހުސްނުވާ ދެލޯ ދުވާލުގެ އަލިކަމުގައި ފަރުދާކުރެވިފައި ވެއެވެ. އެންމެފަހުން ކެތްތެރިކަން ކޮޅުންލައިގެން ދިއުމާއެކު އައިރާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ކަންތަކަށް އޭނާ އަމީރުގެ ގާތުން އެދުނެވެ. އޭނާ ބޭނުންވީ ރުބީނާމެންގެ ބަޔަށް ދާށެވެ. އޭނާއާއި ނިޔާނު އުޅޭ ކޮޓަރީގައި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުން ވެއެވެ. ރުބީނާގެ ގޮތް އެނގި ހުރެ ވެސް އައިރާއަށް ޓަކައި އަމީރު އެއްބަސްވި އެވެ. ރުބީނާ އުޅޭ ބަޔަށް އައިރާ ގޮވައިގެން ދިޔައީ އަމީރެވެ. އޭނާ ހުރުމުން ރުބީނާއަށް ބޭނުންހާ ކަމެއް ކުރާން ނުކެރޭނެކަން އެނގޭތީއެވެ.
އައިރާ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ލިބުނީ ހައިރާން ކަމެވެ. އެނދުގައި އޮތީ ހުސްގޮދަޑިއެކެވެ. އެހިނދު ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ރީތިވާ މޭޒުމަތީގައި އެއްވެސް އެއްޗެއް ނުވެއެވެ. ހަލުވިކޮށް އައިސް އަލަމާރި ހުޅުވާލިއެވެ. ހުރިހާ ދޮރުފަތެއް ހުޅުވާލުމާއެކު އައިރާއަށް ފަހަތަށް ޖެހިލެވުނެވެ. ބޭއިޚްތިޔާރުގައި އައިރާއަށް ހަޅޭލަވައިގަނެވުމާއެކު ހުރި ދިމާއަށް ތިރީވީ ދެފައިން ބާރުދޫވެގެން ދިޔަ ފަދައިންނެވެ. އެ އަޑަށް އަމީރު ދުވެފައި އައިސް އެ ކޮޓަރިއަށް ވަނެވެ. ނަމަވެސް ރުބީނާ އޭނާގެ ގޮތުގައި ސޯފާގައި އިނެވެ. މައުރީން ވެސް ސިހިފައި ސޯފާއިން ތެދުވަން އުޅުމުން އޭނާގެ އަތުގައި ރުބީނާ ހިފެހެއްޓި އެވެ.
"އައިރާ!..." ކަންބޮޑުވުމާއެކު އަމީރަށް ގޮވާލެވުނެވެ. ހަމައެހިނދު އޭނާގެ ލޯ އެކޮޓަރިއަށް ހިންގާލެވުނެވެ. އެ ކޮޓަރިތެރޭގައި ވަނީ ހުސްކަމެވެ. ފަރުނީޗަރުތައް ފިޔަވައި އެތަނުގައި އެކައްޗެއް ވެސް ނުވެއެވެ. ހުޅުވާފައި ހުރި އަލަމާރީގެ އެތެރެ އޮތި ހުސްކޮށެވެ. މީހަކު އެ ކޮޓަރީގައި އުޅުނުކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. ބިރުވެރި ހުވަފެނެއްގައި އުޅޭވެހެން އައިރާއަށް ހީވެ ގަނޑުވެފައި އިންދާ އަމީރު އައިސް އައިރާގެ ކޮނޑުގައި ހިފާލިއެވެ. އޭނާގެ ބަލާލުން ފެނި އަމީރު ނަފްސު ތުރުތުރު އަޅާލި ކަހަލައެވެ. ވަގުތުން އޭނާގެ ނަފްސުގެ މައްޗަށް ރުޅި ސަވާރުވިއެވެ.
"ކަލޭތީ ކޮންކަހަލަ އަންހެނެއްތަ؟ އެކޮޓަރީގައި ހުރި އެއްޗެހި ކޮބާ؟" ހަލުވިކޮށް ސިޓިން ރޫމުގެ ތެރެއަށް ނުކުން އަމީރުގެ ބާރު އަޑު ގޭތެރޭގައި ގުގުމާލިއެވެ.
"އަހަރެންގެ ދަރިފުޅުގެ އެއްޗިއްސަ ހަދާނެ ގޮތެއް އެނގޭނީ އަހަންނަށް" ރުބީނާ ފޫހި ކަމާއެކު ބުންޏެވެ. ހަމައެވަގުތު ރުބީނާއަށް ފޯނެއް އައެވެ. އެހިނދު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން އަމީރު ދުށްޓެވެ. ރުބީނާ އަވަސް އަވަހަށް ފޯނު ހިފައިގެން އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތީ އަމީރަށް އެއްވެސް ފަރުވާލެއް ނުބަހައްޓަ އެވެ. އޭނާގެ އެ ޢަމަލުން އިތުރަށް އަމީރުގެ ރުޅި ގަދަވިއެވެ. މިހާރުން މިހާރަށް ރުބީނާ އެގެއިން ނެރެ ބޭރުކޮށްލަން އަމީރުގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ކުރިމަތިން ފެނިގެން ދިޔަ މައުރީންއާއެކު އޭނާގެ ވިސްނުން ބަދަލުކުރަން މަޖުބޫރުވީ އެވެ. (ނުނިމޭ)