ވިޔަފާރި

މި އަހަރުގެ މިހާތަނަށް ޓޫރިޒަމަށް 4.3 ޕަސެންޓުގެ ކުރިއެރުމެއް

May 4, 2017

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމަށް 4.3 ޕަސެންޓުގެ ކުރިއެރުމެއް ލިބުނު ނަމަވެސް، މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދެ ޕަސެންޓް ދަށްވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރީ 115،131 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރު ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ 2.1 ޕަސެންޓް ދަށްވެ، 112،665 އަށް ދަށަށް ގޮސްފަ އެވެ.

މިދިޔަ މަހު ވަކި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް މުޅި އަހަރަށް ބަލާއިރު ވަނީ ކުޑަ ކުރިއެރުމެއް ލިބިފަ އެވެ. މި އަހަރުގެ މިހާތަނަށް 359،053 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ޖެނުއަރީން- މާޗު މަހުގެ ނިޔަލަށް ޒިޔާރަތް ކުރި 344،166 ޓޫރިސްޓުންނާ އަޅާބަލާއިރު 4.3 ޕަސެންޓް އިތުރު ވުމެކެވެ.

މުޅި އަހަރު ޔޫރަޕު މާކެޓު 7.6 ޕަސެންޓް އިތުުރު

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ޔޫރަޕުން 193،687 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 179،943 ޓޫރިސްޓުންނާ އަޅާބަލާއިރު 7.6 ޕަސެންޓް އިތުރު އަދަދެކެވެ. މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އިނގިރޭސިވިލާތުން މި އަހަރުގެ މިހާތަނަށް 29،088 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތް ކުރި 29،426 ޓޫރިސްޓުންނާ އަޅާބަލާއިރު 1.1 ޕަސެންޓް ދަށް އަދަދެކެވެ. އަދި ރަޝިޔާއިން މި މުއްދަތުގައި 18،400 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ ކުރީ އަހަރު ޒިޔާރަތް ކުރި 13،007 ޓޫރިސްޓުންނާ އަޅާބަލާއިރު 41.5 ޕަސެންޓް އިތުރު އަދަދެކެވެ.

މިއަހަރުގެ މި މުއްދަތުގައި އިޓަލީން 33،194 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރު ޒިޔާރަތް ކުރި 27،167 ޓޫރިސްޓުންނާ އަޅާބަލާއިރު 22.2 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ޖަރުމަނުން މި އަހަރު 26،893 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރު ޒިޔާރަތް ކުރީ 30،352 މީހުންނެވެ. މި އަދަދަކީ 11.4 ޕަސެންޓް ދަށްވުމެކެވެ. މީގެ އިތުރުން ފްރާންސުން މިއަހަރު ފްރާންސުން 16،845 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރި 16،425 ޓޫރިސްޓުންނާ އަޅާބަލާއިރު 2.6 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން ޗައިނާއިން މި އަހަރުގެ މިހާތަނަށް 73،135 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މި އަދަދަކީ މިދިޔަ އަހަރު އައި 79،312 ޓޫރިސްޓުންނާ އަޅާ ބަލާއިރު 7.8 ޕަސެންޓް ދަށް އަދަދެކެވެ.