ޔޫރޮޕާ ލީގްގެ ސެމީ ފައިނަލުގައި ފްރާންސްގެ އޮލިމްޕިކް ލިޔޯންގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، 21 އަހަރު ފަހުން ޔޫރަޕްގެ ފައިނަލަށް ދިއުމުގެ އުންމީދު ނެދަލޭންޑްސްގެ އަލެކްސް އިން އާކޮށްފި އެވެ.
ޔޫރަޕްގެ ފުޓްބޮޅައިގައި ކުރީގެ ގަދަ ބާރެއްގެ ގޮތުގައި އޮތް އަޔެކްސް އެންމެ ފަހުން، ޔޫރަޕްގެ ފައިނަލެއްގައި ކުޅެފައި ވަނީ 1996 ވަނަ އަހަރު، ޗެމްޕިއަންސް ލީގް ފައިނަލުގައި ޔުވެންޓަސްއާ ދެކޮޅަށެވެ. އެ ފަހަރުގެ ފައިނަލުން އެ ޔުވެންޓަސް އަތުން އެޓީމު ބަލިވީ ޕެނަލްޓީ ޖަހައިގެން 4-2 ން ނެވެ.
ހިލޭ ޖެހުމަކުން ހާކިމް ޒިޔަކް ލިޔޯންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ބޯޅަ އިގައި ބޮލުން ޖަހައި ބާޓްރެންޑް ޓްރައޯރޭ، އަޔަކްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 25 ވަނަ މިނެޓްގަ އެވެ. ބާޓްރެންޑް ވަނީ މެޗުގައި ދެ ލަނޑު ޖަހައި އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.
އޭގެ ނުވަ މިނެޓްފަހުން ކަސްޕާ ޑޮލްބާގް ވަނީ އަޔަކެސްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭނާ ލަނޑު ޖެހީ ބާޓްރެންޑް ތަނަވަސް ކޮށްދިން ފުރުސަތުން ނެވެ.
ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓް ތެރޭގައި އާމިން ޔޫނުސް ވަނީ އަޔަކެސްގެ ތިން ވަނަ ލަނޑު ކަމިޔާބު ކޮށްފަ އެެވެ. އޭނާ ފޮނުވާލި ބޯޅަ އަޔަކެސް ޑިފެންޑަރުން ނެރުނީ ގޯލް ލައިގެ ތެރެއިން ނެވެ. ދެ ޓީމުގެ ކުޅުންތެރިންވެސް ހީކުރީ ބޮޅަ ގޯލަށް ނުވަންނަ ކަމަށެވެ. ނަމަވެސް ގޯލް ލައިން ބަލަހައްޓަން ހުރި އެސިސްޓެންޓް، އެ ބޯޅަ ގޯލަކަށް ވަން ކަމަށް ނިމުމުން، މެޗުގެ ރެފްރީވެސް ނިންމީ ގޯލެއް ކަމަށެވެ.
މެޗުގެ 66 ވަނަ މިނެޓްގައި ލިޔޯންގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ މެތިއު ވެލްބްއޭނާ އެވެ.
ބާޓްރެންޑް އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، މެޗުގެ 71 ވަނަ މިނެޓް ގައެވެ. އޭނާ މިފަހަރުވެސް ލަނޑު ޖެހީ ޒިޔަކު ތަނަވަސް ކޮށްދިން ހިތްގައިމު ބޯޅަ އަކުން ނެވެ.