ލައިފްސްޓައިލް

މަގުތަކުގައި ދުއްވާ "ކޮފީ މޭޒު"

Jan 5, 2018
11

މިދައްކަނީ ކޮންމެވެސް ފަރަންޖީ ގައުމެއްގައި ކުރި މޮޅު އީޖާދެއްގެ ވާހަކަ އެއް ނޫނެވެ. ތިޔަ ހީކުރާ ކަހަލަ ފުރޮޅުލީ މޭޒެއްގެ ވާހަކަ އެއް ވެސް ނޫނެވެ. އެހެން ކަމަށް ހީކޮށް މި ލިޔުން ކިޔަން ފެށްޓެވި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ.

ފާހަގަކޮށްލަން މިއުޅެނީ މާލެއަށް ހާއްސަ ދުއްވޭ ކޮފީ މޭޒުތަކެއްގެ ވާހަކަ އެވެ. މި މޭޒުތައް އެކި ގަޑިތަކުގައި މާލޭގެ އެކި މަގުތަކުން ފެންނާނެ އެވެ. އާންމު ގޮތެއްގައި މި "މޭޒު" ގެ ޖާގަ އަކީ ހަތަރު ބޭފުޅުންނެވެ. ނަމަވެސް ހަ ޖާގައިގެ "މޭޒެއް" ފެނުމުގެ ނަސީބު ވެސް މަދުން ނަމަވެސް ލިބެ އެވެ

މަޖާޒީ ފެށުމަކުން މިދައްކަން އުޅެނީ ދެ ސައިކަލު ނޫނީ ބައެއް ފަހަރު ތިން ސައިކަލު މަގު ހުރަސްކޮށް ސަފު ހަދާލައިގެން އޮލަ ވާހަކާގައި މުޅި މަގު ހިސޯރުކޮށްގެން ދުއްވާ މީހުންގެ ވާހަކަ އެވެ. ހަގީގަތުގައި ވެސް ކޮފީ މޭޒެއްގެ ދޮށުގައި ތިބޭ ކަހަލަ އެވެ. މަޖާ ނެގުމާއި، ސީރިއަސް ޓޯކްސްތަކާއި، ކޮނޑުގައި ޖެހުމާއެކު ފަޅާލާ ހިނިގަނޑު ގަނޑެވެ. ވެހިކަލްތަކާއި ހިނގާ މީހުންނާއި އެކު ފިތި ބާރުވެފައިވާ ހަނި މަގުތަކުން، މުޅި މަގު ބްލޮކް ކޮށްގެން މި ވެރިން ދާނެ އެވެ. ފަހަތުން އަންނަ އެހެން ދުއްވާ އެއްޗަކަށް ފަރުވާލެއް ނެތެވެ. ތާކަށް ދާން ގަޑި ޖެހޭ އިރުވެސް މީގެ "ކޮފީ މޭޒެއްގެ" ފަހަތުގައި ތާށިވެފައި އިންނަން ޖެހިދާނެ އެވެ. މަގުގެ އަނެއް ފަޅިން އަންނަ ވެހިކަލްތަކާއި ހެދި މި މޭޒުތަކުގެ އަރިމަތިން އަރައިގެން ދެވޭނެ ގޮތެއް ވެސް ނޯވެ އެވެ. ތަނެއް ވެސް ނުދައްކާނެ އެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތީމަ ވާނީ ވެސް އެހެންތާ އެވެ.

މީގަ އަދި އެހެން ކަމެއް ވެސް ފާހަގަ ވާނެ އެވެ. ފަހަތުން އަންނަ މީހާ ލަސްވެގެން، އިތުރު ގޮތެއް ނެތިގެން ތަންކޮޅެއް ދޭށޭ ބުނުމުގެ އިޝާރާތެއްގެ ގޮތުން ބަރުގޮނު އެޅިޔަސް ގޯސް ވާނީ އެ މީހާ އެވެ. ކޮފީ މޭޒެއްގެ ދޮށުގައި ތިބޭ އިރު ނުދަންނަ މީހަކު އައިސް އެ މޭޒުގައި އިށީނުމާއި އެއް ދަރަޖަ އެވެ. ގިނަ ފަހަރު ޖެއްސުމަށް ބުނާ އެއްޗެއް އަޑު އަހާލަންވެސް ޖެހެ އެވެ. ބަރުގޮނު އެޅީތީ ކޯފާ ވީ އެވެ. އެމީހުންގެ އޮލަ ވާހަކަ ގަނޑު މެދު ކެނޑުނީމަ އެވެ.

މިގޮތަށް މުޅި މަގު ހިފައިގެން ދުއްވުމަކީ ޓްރެފިކް ގަވައިދަކާއި ހިލާފުވާ ކަމަކަށް ނުވެ ދާނެ އެވެ. އެކަމަކު ޔަގީނުންވެސް މިކަމަކީ ރައްކާތެރިކަމެކޭ ބުނެވޭނެ ޖާގަ އެއް ނެތެވެ. ހުދު ތިމާ މެންނަށާއި ފަހަތުން އަންނަ ވެހިކަލްތަކަށް ވެސް މެ އެވެ. މަގުތަކަކީ އެންމެންގެ އެއްޗެކެވެ. އެއް ބަޔަކު ހަވީރު ފިންޏަށް ދުއްވަން ނިކުންނަ އިރު، އަނެއް ބަޔަކު ގަޑިޔަށް ތަނަކަން ދާންވެސް ބޭނުން ކުރަން އޮތީ ހަމަ އެއް މަގުތަކެއް ކަން ހަނދާން ބެހެއްޓުން މުހިންމެވެ.