ދުނިޔެ

ރާނީގެ ފިރިކަލުން ރަސްމީ މަސައްކަތްޕުޅު ހުއްޓަވާލައްވަނީ

May 4, 2017

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް ގެ ފިރިކަލުން ޕްރިންސް ފިލިޕްސް މިއަހަރުގެ ޚަރީފު މޫސުމުން ފެށިގެން ޝާހީ އާއިލާގެ ރަސްމީ މަސައްކަތްޕުޅުތައް ހުއްޓަވައިލައްވާނެ ކަމަށް ބަކިންހަމް ޕެލަސް އިން މިއަދު އިއުލާނުކޮށްފިއެވެ.

އުމުރުފުޅުން 95 އަހަރުވެފައިވާ ޕްރިންސް ފިލިޕްސް ރަސްމީ މަސައްކަތްތައް ހުއްޓަވައިލައްވަން ނިންމެވީ އަމިއްލަފުޅަށް ކަމަށާއި ރިޓަޔާ ކުރެއްވިޔަސް، ބައިވެރިވެވަޑައިގަންނަވަން ކުރިން ހަމަޖެހިފައިވާ ރަސްމީ އިހުތިފާލްތަކަށް އޭނާ ވަޑައިގަންނަވާނެ ކަމަށް ވެސް ބަކިންހަމް ޕެލަސްގެ އިއުލާނާ ހަވާލާދީ ރޮއިޓާސް ބުންޏެވެ. އަދި ބުނީ ރިޓަޔާ ކުރެއްވުމަށް ފަހުގައި ވެސް އޭނާ އެދިވަޑައިގަންނަވާ ބައެއް ރަސްމިއްޔާތު ތަކަށް ޕްރިންސް ފިލިޕްސް ވަޑައިގަންނަވާނެ ކަމަށެވެ.

ބަކިންހަމް ޕެލަސް އިން މިފަދަ އިއުލާނެއް ކޮށްފައި މިވަނީ ރާނީ އެލިޒަބަތު ނުވަތަ ފިރިކަލުން ޕްރިންސް ފިލިޕްސް އާލާސްކަންފުޅާ އުޅުއްވާ ކަމަށް ހީވެފައި ވަނިކޮށެވެ. އެދެބޭފުޅުން ކުރެ ބޭފުޅަކު އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބެލެވުނީ ޝާހީ ގަނޑުވަރުތަކުގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ބައްދަލުވުމެއް ބަކިންހަމް ޕެލަސްގައި ބޭއްވުމާ ގުޅިގެންނެވެ. އެވާހަކަތައް ފެތުރުމުން އެގަނޑުވަރުން ބުނެފައި ވަނީ ދެބޭފުޅުންގެ ހާލުވެސް ރަނގަޅުކަމަށެވެ.

އުމުރުފުޅުން މިހާރު 91 އަހަރުވެފައިވާ ރާނީ އެލިޒަބަތުގެ 65 އަހަރުވީ ރަނިކަމުގައި އެކަމަނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވަނީ ފިރިކަލުން ފިލިޕްސް އެވެ. އެ ދެކަނބަލުންގެ ކައިވެނިފުޅަށް މިއަހަރުގެ ނޮވެމްބަރު މަހު 70 އަަހަރު ފުރޭނެއެވެ.

ރަސްމީ އިހުތިފާލްތަކަށް ވަޑައިގެންނެވުން އެ ދެކަނބަލުން ވެސް ފަހަކަށް އައިސް ވަނީ މަދުކުރައްވާފައެވެ. އެގޮތުން ވަޑައި ނުގަންނަވާ ހަފްލާތަކަށް ފޮނުއްވަމުން ގެންދަވަނީ ދަރިކަލުން ޕްރިންސް ޗާލްސްއާއި ޗާލްސް ގެ ބޭފުޅުން ކަމަށްވާ ޕްރިންސް ހެންރީއާއި ޕްރިންސް ވިލިއަމްސްއެވެ. އިނގިރޭސި ރާނީ އަކީ ދުނިޔޭގެ ގައުމުތަކުގައި މިހާރު ތިއްބެވި ރަސްރަސްކަލުންނާއި ރަނިރަނިކަބަލުންގެ ތެރެއިން މަގާމުގައި އެންމެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ބޭފުޅާއެވެ. - ރޮއިޓާސް