ދިވެހިންނަކީ ދިވެހި ވަންތަ ކަންކަަމަށް ބޮޑު ސަމާލުކަމެއް ދޭ ބައެކެވެ. ހާއްސަކޮށް ކެއުމުގަ އެވެ. ދިވެހި ކެއުމެއް ލިބިއްޖެނަމަ އުފާވެ އެވެ. ނަމަވެސް ދިވެހި ކެއުމަކީ އާންމު ދިރިއުޅުމުގައި މިހާރު މާ ގިނައެއްކޮށް ލިބޭ އެއްޗެއް ނޫނެވެ. ފަހަރުގައި ގަރުދިޔަ އާއި ބަތް ގޭގައި ކާން ހުރެދާނެ އެވެ. އެހެން ނަމަވެސް ފުރިހަމަ ދިވެހި ކެއުމެއްގައި ހުންނަ ހުރިހާ ބަވަތާކާއެކު ލިބޭނީ މަދު ފަހަރަކު އެވެ.
ދިވެހި ކެއުން ލިބުން މަދުވެ ބޭރުގެ ޑިޝްތައް ދިވެހިންގެ ތެރެއަށް ގަދަވެވެފައި ވިޔަސް މީހުން ދިވެހި ރަހަތަކަށް ލޯބި ކުރާވަރުން ކެފޭ/ ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކުން ވަނީ ބޭރުގެ ޑިޝްތަކަށް ވެސް ދިވެހި ރަހަގަނޑު ގެެނެސްފަ އެވެ. އެއީ އެ ޑިޝްތަކަށް ވަޅޯ މަސް ތައާރަފު ކޮށްގެންނެވެ. ވަޅޯ މަހަކީ ދިވެހިންނަށް ވަރަށް މީރު އެއްޗެކެވެ.
ދިވެހިން ވަޅޯ މަހަށް މިހާ ފޯރި ހުއްޓާ ބޭރު ޑިޝްތަކުގެ ތެރެއަށް ވަޅޯ މަސް ތައާރަފް ކުރުމާއެކު ވައިގައި ހިފީ އެވެ. ނޫޑްލްސް، ކޮއްތު ރޮށި އަދި ވަޅޯ މަސް ރައިސް ވެސް ތައާރަފް ކުރީ އެވެ. އެހާ ހިސާބުން ނިމުނީކީ ނޫނެވެ. ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ޕިއްޒާއަށް ވެސް މި ރަހަގަނޑު މިހާރު އަތުވެއްޖެ އެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ޑިޝްތަކަށް ވަޅޯ މަސް ތައާރަފް ކުރި ގާތްގަނޑަކަށް 2011 ހިސާބުގައި މާލޭގެ ހުޅަނގު ފަރާތުގައި ކަޑަތައް ހުރި އިރު ކަޑައެއް ހުޅުވަން ވެގެން. ރައްޓެހިންނަށް ރަހަ ދެއްކުމަށްފަހު އެންމެނަށްވެސް ކަމުދިޔައީމަ ތައާރަފްކުރީ. އޭގެ ފަހުން ވަޅޯމަސް ކެފޭ ތައާރަފްކުރީ ވަޅޯ މަހުގެ ޑިޝްތައް ހިމަނައިގެން." ވަޅޯ މަހުގެ ރަހަގަނޑު ތައާރަފް ކުރި ގޮތް ކިޔައިދެމުން ވަޅޯމަސް ކެފޭގެ މެނޭޖާ އަބްދުﷲ އީވާން ވިދާޅުވި އެވެ.
ވަޅޯމަހުގެ އިތުރުން އެހެން ރަހަތައް ލިބެން ހުންނަ އިރުވެސް އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބޭ އެއް ބާވަތަކީ ވަޅޯ މަހުގެ ބާވަތްތަކެވެ. ވަޅޯ މަސް ކެފޭގައި އެންމެ ތަރުހީބު ބޮޑީ ވަޅޯމަސް ކޮއްތު ރޮއްޓަށެވެ. ވަޅޯމަސް ކެފޭގެ މި ރަހަގަނޑު މިހާރު މާލެއިން ބޭރަށް ވެސް ފުޅާކޮށްފި އެވެ. ހުޅުމާލޭގައި ވަޅޯމަސް ކެފޭގެ ރެސްޓޯރެންޓެއް ހުޅުވާފައިވާއިރު ހއ. ބާރަށުގައި ހުޅުވުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
އޮކްސިޖަން ކެފޭއިން ވެސް މީގެ ފަސް ވަރަަކަށް މަސް ކުރިން މި ވަނީ އެ ކެފޭގެ މެނޫގައި ވެސް ވަޅޯ މަހުގެ ކެއުންތައް ހިމަނާފަ އެވެ. އެހެނިހެން ރަހަތަކާއި ގާތްގަނޑަކަށް އެއް އަގެއްގަ އެވެ.
"އަޅުގަނޑުމެން ވަޅޯމަސް ތައާރަފް ކުރީ ދިވެހިންގެ މެދުގައި ވަޅޯ މަހަކީ މަގުބޫލު އެއްޗަކަށްވެ ކާމިޔާބު ވުމުން. އަޅުގަނޑުމެންގެ ވަޅޯ މަސް ރެސިޕީ އަކީ އޮކްސިޖަން ކެފޭގެ އޯނަރުގެ މާމަގެ ރެސިޕީއެއް. އެ ރެސިޕީ އަޅުގަނޑުމެންގެ ޝެފުންނަށް ދަސްކޮށްދީގެން ކެއުންތައް މި ގެނެސްދެނީ. ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު މި ކެއުންތައް،" އޮކްސިޖަން ކެފޭގެ އިސްބޭފުޅަކު ވިދާޅުވި އެވެ.
ދެން މިއޮތީ ވަޅޯ މަސް ޕިއްޒާގެ ވާހަކަ އެވެ. މި ހަމަ ގައިމުވެސް މީހަކު އުންމީދު ކުރި އެއްޗަކަށް ނުވާނެ އެވެ. ނަމަވެސް މީގެ ކުރިންވެސް ސްޓޯން އަވަން ގެ ޕިއްޒާތަކުން ދިވެހި ރަހަތައް ވަނީ ލިބިފަ އެވެ. އެތަނުގެ ޕިއްޒާގައި ބަށިވެސް ހިމެެނެ އެވެ. ކަނޑުމަހުގެ ޕިއްޒާވެސް ލިބެ އެވެ. އިހަށް ދުވަހު މި ތައާރަފްކުރީ ވަޅޯ މަސް ޕިއްޒާ އެވެ.
"އެހެން ގައުމުތަކުގައި ވެސް އެ ގައުމުތަކުގެ ލޯކަލް ޓޭސްޓެއް ގެންގުޅޭނެ. އެހެންވެ އަޅުގަނޑުމެން ވެސް ވިސްނީ ދިވެހިންގެ ހާއްސަ ރަހައެއް ހިމަނަން. އެގޮތަށް ވިސްނާފައި ވަޅޯމަސް ޗޫޒް ކުރީ. ވަރަށް ގިނަ މީހުންނަށް ޓޭސްޓް ދައްކާފައި ކަމުދިޔައީމަ ތައާރަފް ކުރީ. ޑޭ ވަން އިން ފެށިގެން ފީޑްބެކް ހަމަ ވަރަށް ޕޮޒިޓިވް،" ސްޓޯން އަވަންގެ އިސް ފަރާތަކުން ވާހަކަ ދައްކަމުން ބުންޏެވެ. މި ޕިއްޒާގެ އަގުވެސް އުޅެނީ އެހެން ޕިއްޒާތަކާ އެއް އަގެއްގަ އެވެ. ވަޅޯ މަހާއެކު އަގަކަށް ބަދަލެއް ނާދެ އެވެ.
"އަސްލު ވެސް ވަރަށް މީރު ވަޅޯމަސް އެޅީމަ. ކުރިން ދުވަހު އަލަށް ވަޅޯމަސް ޕިއްޒާ ކެއިން ހިއެެއް ނުކުރަން ޕިއްޒާ ވީމަ މީރުވާނެ ކަމަށް. އެކަމަކު ހަމަ އެއް ވަނަ. ލަންޗަށް އައިސްވެސް ވަޅޯމަސްގެ އެއްޗެއް ގިނައިން ނަގަނީ،" މެންދުރުގެ ވަގުތު ވަޅޯ މަހުގެ ޑިޝްއަކަށް އިންސާފް ކުރަން އިން ޒުވާނަކު ބުނީ މިހެންނެވެ.
ވަޅޯ މަަހަށްވުރެ ކަމުދާ އަދި މަގުބޫލު ރަހައެއް ދިވެހިންނަކަށް ނެތެވެ. ދިވެހި ކާނާ ނޫނަސް ބޭރުގެ ކެއުންތަކަށްވެސް ވަޅޯ މަސް އަޅާ ދިވެހި ރަހަ ގަނޑު ހުރެއްޖެނަ އެންމެ ކަމުދިޔަ އީ އެވެ. ފޭވަރިޓަށް ވާން މާ ގިނަ ވަގުތެއް ނުނަގަ އެވެ.