ބޮލީވުޑް

"ގޯލްމާލް އެގެއިން" އަށް ފަހު އަޖޭ އާއި ތައްބޫ އިތުރު ފިލްމަކުން

May 6, 2017

ގިނައިން ސީރިއަސް ރޯލުތައް ކުޅެގެން ބެލުންތެރިންގެ މެދުގައި މަގުބޫލުވެފައިވާ ބަތަލާ ތައްބޫ އަހަރުތަކެއް ފަހުން އަނެއްކާ ވެސް ތަފާތު ރޯލަކުން ފެނިގެންދާނެ އެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ހެއްވާ މަޖާ ފިލްމު "ގޯލްމާލް" ސިލްސިލާގެ ހަތަރު ވަނަ ފިލްމު "ގޯލްމާލް އެގެއިން" ގައި މުހިންމު ރޯލަކުން ތައްބޫ ފެނިގެންދާނެ އެވެ. މި ފިލްމަކީ 17 އަހަރު ފަހުން ތައްބޫ ކޮމެޑީ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

މި ސިލްސިލާގެ ކުރީ ތިން ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެން ގޮސްފައިވާ އަޖޭ ދޭވްގަން އާއި އަރްޝަދް ވާސީ އަދި ޝްރެޔާސް ތަލްޕަޑޭގެ އިތުރުން ތުޝާރް ކަޕޫރު ފެނިގެންދާނެ އެވެ. މި ތަރިންގެ އިތުރުން ބަތަލާގެ ރޯލުން ފެނިގެންދާނީ ޒުވާން ތަރި ޕަރިނީތީ ޗޯޕްޅާ އެވެ.

"ގޯލްމާލް އެގެއިން" ގެ ޝޫޓިން ކުރިއަށް ދާއިރު، އަޖޭ އާއި ތައްބޫއަށް އިތުރު ފިލްމެއް ކުޅެން ހުށަހެޅުން ލިބިފައިވާ ކަމަށްވެ އެވެ.

"ޕިޔާރް ކާ ޕަންޗްނާމާ" ޕްރޮޑިއުސްކޮށްފައިވާ ލަވް ރަންޖަން ޕްރޮޑިއުސްކުރާ ލޯބީގެ ހެއްވާ އެ ފިލްމުގައި އަޖޭ އާއި ތައްބޫ ފެނިގެންދާނީ ލޯބިވެރިންގެ ގޮތުގައެއް ނޫނެވެ. އަޖޭގެ ލޯބިވެރިޔާގެ ގޮތުގައި މަޝްހޫރު އެހެން ބަތަލާއެއް ފެނިގެންދާނެ ކަމަށްވާއިރު ތައްބޫ މި ފިލްމުގައި ކުޅޭ ރޯލުގެ ސްކްރިޕްޓް ޕްރޮޑިއުސަރު ލަވް ލިޔެފައިވަނީ އޭނާއަށް ހާއްސަކޮށްގެން، އެ ރޯލު ތައްބޫ ކުޅޭ ގޮތަށް ކަމަށްވެ އެވެ.

މި ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ މުޅިން އާ ޑައިރެކްޓަރެއް ކަމަށްވާ އާކިވް އަލީ އެވެ. މިއީ އާކިވް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު ނަމަވެސް މީގެ ކުރިން އޭނާ ވަނީ "ކައިޓްސް" އާއި "ޔޭ ޖަވާނީ ހޭ ދިވާނީ" އާއި "ބަރްފީ" އަދި "ވަންސް އަޕޮން އަ ޓައިމް އިން މުމްބައި" ގެ އިތުރުން "އަގްނީޕާތް" އާއި "ޖައްގާ ޖާސޫސް" ގެ އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ތައްބޫ އާއި އަޖޭ އެކުގައި ފެނިގެންދާ ހަވަނަ ފިލްމު ކަމަށްވާ މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅު އެވެ. މދެތަރިން އެންމެފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނިކުތް "ދްރިޝަމް" އިންނެވެ.