ބޮލީވުޑް

ސުޝާންތްގެ ސްޕޭސް ސޫޓްގެ ޑިޒައިނަރަކީ "ދަ މާޝަން"ގެ ޑިޒައިނަރު

May 6, 2017

ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް މިހާރު އަންނަނީ އޭނާ އެސްޓްރޮނޯޓެއްގެ ގޮތުގައި ފެނިގެންދާ ފިލްމު "ޗަންދާ މަމާ ދޫރްކޭ" އަށް ތައްޔާރު ވަމުންނެވެ.

ސުޝާންތް އާއެކު ނަވާޒުއްދީން ސިއްދީގީ ވެސް އެސްޓްރޮނޯޓެއްގެ ގޮތުގައި ފެނިގެންދާ މި ފިލްމުގައި ސުޝާންތްގެ ސްޕޭސް ސޫޓް ޑިޒައިން ކުރަނީ ހޮލީވުޑް ފިލްމު "ދަ މާޝަން" ގައި އެސްޓްރޮނޯޓް މާކް ވެޓްނީގެ ރޯލު ކުޅެފައިވަނީ މެޓް ޑޭމަންގެ ސޫޓް ޑިޒައިންކުރި ޑިޒައިނަރު ޖޯން ޕޯލްމާ އެވެ.

ސުޝާންތް އިއްޔެ ކުރި ޓްވީޓެއްގައި ވަނީ ޖޯން އޭނާ އަށް ހާއްސަކޮށް ޑިޒައިންކުރި ސޫޓްގެ ޑިޒައިންގެ ފޮޓޯތަކެއް އާންމުކޮށްފަ އެެވެ. އެ ޓްވީޓްގައި ސުޝާންތް ވަނީ އެ ސޫޓްގައި ޓްރެއިނިން ފަށަން އޭނާ ކެތްމަދުވެފައިވާ ކަމަށް ބުނެފަ އެވެ.

ކުރިިން މި ފިލްމުގެ ޝޫޓިން އަންނަ މަހުގައި ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް ފިލްމުގެ ތައްޔާރީތައް ނުނިމޭތީ ޝޫޓިން ފެށުން ވަނީ ލަސްކޮށްފަ އެވެ.

ސުޝާންތް މިހާރު އަންނަނީ އޭނާ މި ފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ގައިގެ މަސްތައް ވަރުގަދަ ކުރަމުންނެވެ. ހާއްސަ ފިޓްނެސް އިންސްޓްރަކްޓަރެއްގެ އިރުޝާދުގެ ދަށުން ޓްރެއިން ވަމުން އަންނަ ސުޝާންތް ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ވަންދެން ޓްރެއިނިން ހަދާނެ ކަމަށް ބެލެވޭއިރު އޭނާ އަންނަނީ މި ދުވަސްކޮޅު އުޅެނީ ހާއްސަ ޑައިޓެއްގަ އެވެ.

މިހާތަނަށް ބޮލީވުޑްގައި އުފައްދާފައިނުވާ ކަހަލަ ހިޔާލީ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމުގައި ޕައިލޮޓެއްގެ ރޯލުން އާރް މާދަވަން ވެސް ފެނިގެންދާނެ އެވެ.