ބޮލީވުޑް

ނެޝަނަލް އެވޯޑާއެކު ކަންގަނާއަށް ފުރުސަތުތައް އޮހެންފަށައިފި

Apr 4, 2015

"ކުއީން"ގައި ދައްކުވައިދިން އާދަޔާ ހިލާފު މޮޅު އެކްޓިންއިން ކަންގަނާ ރާނާވަތު އަށް ވަނީ އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބިފަ އެވެ.

މިއެވޯޑާ އެކު ދިރިއުޅުމުގެ ކަންތައްތައް ބަދަލުނުވިކަމުގައި ވިޔަސް މީގެ ކުރިން އޭނާ މަސައްކަތް ކުރަން ބޭނުންވި އެތައް ޑައިރެކްޓަރުންނެއް މިހާރު އޭނާއާއި އެކު މަސައްކަތް ކުރަން ބޭނުންވާކަމަށް ކަންގަނާ ބުނެފި އެވެ.

"މިހާރު ބޮޑެތި ޑައިރެކްޓަރުންގެ ފަރާތުން ވަރަށް ގިނަ އޮފާސް އެބަލިބޭ" ނެޝަނަލްް އެވޯޑާ އެކު އުފަލުން ހުރި ކަންގަނާ ބުންޏެވެ.

މީގެއިތުރުންވެސް ނެޝަނަލް އެވޯޑް ލިބުނު ފަހުން ގިނަ ޑައިރެކްޓަރުން އޭނާއަށް މިހާރު އިތުބާރު ކުރާ ކަމަށާއި އަންހެނުންނަށް ހާއްސަ ގިނަ ފިލްމްތަކެއް ކުޅެން މިހާރުވެސް ލިބެމުން އަންނަ ކަމަށެވެ.

"މިއީ އެވޯޑާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ނަޔަސް، މިއީ އަހަރެންގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް" ކަންގަނާ ބުންޏެވެ.

މީގެ ކުރިން "ފެޝަން"ގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މޮޑެލްއެއްގެ ރޯލްް އަދާކޮށްގެން ކަންގަނާ ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ނެޝަނަލް އެވޯޑް ހޯދާފަ އެވެ.

އުމުރުން 28 އަހަރުގެ ކަންގަނާ ބުނީ މިހާ ޅައުމުރުގައި ދެ ނެޝަނަލް އެވޯޑް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މި އެވޯޑްތައް މިއީ އަހަންނަށް ވަރަށް މުހިންމު އެއްޗެއް" ކަންގަނާ ބުންޏެވެ.

މިވަގުތު ކަންގަނާ އަންނަނީ މެއި މަހު ފަހުކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމް "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އާއި ސެޕްޓެމްބަރު މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ކައްޓީ ބައްޓީ" ގެ މަސައްކަތް ކުރަމުންނެވެ.

ކަންގަނާ މިހާރުވަނީ ނަވާރަސްތޭކައިގެ އަހަރުތަކުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ މަޝްހޫރުވި އެކްޓްރެސ،ް މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމުގައި އޭނާގެ ރޯލު ކުޅެން އެއްބަސްވެފަ އެވެ.

ބޮލީވުޑްގެ އެއްވެސް އެވޯޑް ހަފްލާއަކަށް ނުދާ ކަންގަނާ ވަނީ މިފަހަރުގެ އެވޯޑާ ހަވާލުވާން ދާނެކަމަށް ބުނެފަ އެވެ.ނެޝަނަލް އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީގެ އަތްޕުޅުންނެވެ. މި އެވޯޑު ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ މޭ 3 ވަނަ ދުވަހު ނިއު ދިއްލީގެ ވިގްޔަން ބަވަންގަ އެވެ.