ގިނަ ގައުމުތަކެއް ބައިވެރިވެގެން އުފައްދާފައިވާ، ޗައިނާގެ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން އަންނަ މަހު ބާއްވާ ބައްދަލުވުމުގައި ރާއްޖެއަށް އެހީދޭން ނިންމާނެ އެވެ.
މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ އޭއައިއައިބީގެ ޗެއާމަން އަދި ޖިން ލީކުންއާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި ރާއްޖޭން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ޝަރީފު ވެސް ބައިވެރިވެވަޑައިގަތެވެ.
އޭއައިއައިބީގެ ބައްދަލުވުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ އޭއައިއައިބީ އިން ރާއްޖޭގެ ބިޔަ މަޝްރޫއަކަށް އެހީދޭން ވަރަށް އަވަހަށް ނިންމާނެ އެވެ.
"އަވަސް" އަށް އެނގިފައިވާ ގޮތުގައި އޭއައިއައިބީގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ބާއްވާނެ އެވެ. އަދި މިބައްދަލުވުމުގައި ރާއްޖޭގެ ބިޔަ މަޝްރޫ އަކަށް އެހީވާން ނިންމާނެ އެވެ.
ސަރުކާރުން ދަނީ ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަަރައްގީ ކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއަކާއި ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެ އެވެ. އަދި މީގެ އިތުރުން އަލަށް ފަށަން މަސައްކަތްކުރާ މަޝްރޫއުތަކުގެ ތެރޭގައި ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނޭ ގޮތަށް "އައިހެވަން" މަޝްރޫއު ހިމެނެ އެވެ. ނަމަވެސް އޭއައިއައިބީ އިން އެހީދެނީ ކޮން މަޝްރޫއެއް ކަމެއް އަދި ނޭނގެ އެވެ.
ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ރާއްޖެ އަށް ލަސްނުކޮށް އެހީ ފޯރުކޮށްދޭނެ ކަމަށް އޭއައިއައިބީ ގެ ރައީސް ޖިން ލީކުން ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. އޭއައިއައިބީ އިން މި ހެން ބުނެފައިވަނީ މި އަހަރުގެ ޖޫން މަހު ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލު ކުރެއްވުމެއްގަ އެވެ.
އޭއައިއައިބީ އުފައްދާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. މި ބޭންކުގައި 52 މެންބަރުން ހިމެނޭއިރު، ޗައިނާގެ އިސް ނެގުމަކަށް އުފައްދާފައިވާ އޭއައިއައިބީގައި ފުރަތަމަ ބައިވެރިވި 30 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. މި ބޭންކް ފަށާފައިވަނީ 50 ބިލިއަން ޑޮލަރުގެ ރައުސުލްމާލަކާއެކުގަ އެވެ. އަދި މި ބޭންކުން ފުރަތަމަ އެހީ ދީފައިވަނީ އިންޑިޔާ އަށެވެ. އެ ގައުމުގެ ކަރަންޓު އުފެއްދުމުގެ ވިއުގަ ވަރުގަދަ ކުރުމަށް 160 މިލިއަން ޑޮލަރު ދީފައިވެ އެވެ.