ކުޅިވަރު

މެސީގެ އެއްބަސްވުން އާކުރުން ރަނގަޅު ޓްރެކެއްގައި

May 6, 2017

ބާސެލޯނާގެ ވައިސް ކެޕްޓަން، ލިއޮނަލް މެސީގެ ކޮންޓްރެކްޓް އާ ކުރުން އޮތީ ރަނގަޅު ޓްރެކެއްގައި ކަމަށް، ބާސެލޯނާއިން ބުނެފި އެވެ.

ބާސެލޯނާގެ އޮފިޝަލުން އިއްޔެ ހަވީރު ވަނީ، މެސީގެ ބައްޕަ، އަދި އެޖެންޓް، ޖޯޖޯ މެސީއާ ބައްދަލުކޮށް، ދަރިފުޅު ކޮންޓްރެކްޓާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

މެސީ، ބާސާއާ އެކު، މިހާރު ހަދާފައިވާ އެއްބަސްވުން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިދިޔަ އަހަރުގެ ޖުލައި، މަހު، ބާސެލޯނާއިން ވަނީ، މެސީ އަށް އާ ކޮންޓްރެކްޓެއް ހުށަހަޅާފަ އެވެ. ނަމަވެސް، އޭރު މެސީ ވަނީ ބާސާއިން ހުށަހެޅި ކޮންޓްރެކްޓަށް ނޫނެކޭ ބުނެފި އެވެ.

މެސީގެ ބައްޕައާއެކު، ބާސާގެ އޮފިޝަލުން މަޝްވަރާ ކުރި ނަމަވެސް، މިހާތަނަށް، އަދި ވަކި އެއްބަސްވުމަކާ ހަމަޔަށް އާދެވިފަ އެއް ނުވެ އެވެ.

ބާސާގެ ކޯޗް ލުއިސް އެންރީކޭ ބުނީ، ބާސާގެ ކޮންޓްރެކްޓް މެސީ އާކުރާނެ ކަމުގެ 100 ޕަސަންޓް ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ. މެސީ ގަންނަން، ބާސާގެ ކުރީގެ ކޯޗް، ޕެޕް ގާޑިއޯލާގެ މިހާރުގެ ޓީމު މެންޗެސްޓާ ސިޓީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މެސީއަށް އެއްވަރެއްގައި ޕާފޯމު ކުރެވެނީ، ހަމައެކަނި ބާސާގައި ކުޅޭތީ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އެހެން ކުލަބަކަށް ބަދަލުވެ، އެފެންވަރުގައި އޭނާ އަށް ކުޅެވިދާނެތޯ، ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.