ހަބަރު

ވޯޓުލުން ފަސްވި ތަންތަނަށް އިތުރު ވަގުތު ދޭނަން: އީސީ

މިއަދު ކުރިޔަށް ދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވަގުތަށް ވޯޓު ލާން ނުފެށުނު ޕޯލިން ސްޓޭޝަންތަކަށް ވޯޓް ލާން އިތުރު ވަގުތު ދޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް "އަވަސް"އަށް ވިދާޅުވީ މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފަށަން ނިންމާފައިވީ ނަމަވެސް ދިމާވި ކުދި މައްސަލަތަކާ ހެދި ބައެއް މަރުކަޒުތަކުގައި ވޯޓު ލާން ފެށުން ލަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ތަންތަނުގައި ވޯޓު ފޮށި ބަންދު ކުރާ ގަޑި ފަސްކޮށްފައިވާ ކަމަށާއި އެ ގެއްލުނު ވަގުތު ވޯޓުލާ ފަރާތްތަކަށް ދޭނެ ކަމަށް އަކުރަމް ވިދާޅުވި އެވެ.

"ބައެއް ތަންތަނަށް ލަސްވެގެން ދިޔަ އެކިއެކި ކުދި މައްސަލަތަކާ އެކު. އެގޮތަށް އެންމެ ލަހުން ފެށުނު ތަންތަނުގައި މިއަދު 10:00 ހާއިރު ފެށި. ނަމަވެސް އެތަންތަނަށް ވެސް ގެއްލުނު ގަޑި ލިބޭނީ. މިސާލަކަށް 15 މިނެޓު ލަސްވި ތަންތަނަށް އަނބުރާ ލިބޭނީވެސް ހަމަ 15 މިނެޓު،" އަކްރަމް ވިދާޅުވި އެވެ.

މިއަދު ވޯޓުލާ ގަޑި ހަމަވަނީ ހަވީރު 4:00 ހާއިރު އެވެ. ނަމަވެސް ވޯޓުލާ މީހުން ތިބި ނަމަ ފޮށި ބަންދު ކުރާނީ އެ މީހުން ވޯޓުލާ ނިމުމުން ކަމަށް އަކްރަމް ވިދާޅުވި އެވެ.