ބޮލީވުޑް

އަހަރުތަކެއް ފަހުން އަމީތާބް އާއި ރިޝީގެ ފިލްމެއް

May 7, 2017

މަޝްހޫރު އަދި ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރު ވަނީ އެމީހުންގެ ކެރިއަރުގެ ކުރީކޮޅު ކާމިޔާބު ފިލްމުތަކެއް އެކުގައި ކުޅެފަ އެވެ. އެ ފިލްމުތަކުގެ ތެެރޭގައި "އަމަރް އަކްބަރް އެންތަނީ" އާއި "ނަސީބު" ހިމެނެ އެވެ.

އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ އަމީތާބް އާއި ރިޝީ އަހަރުތަކެއް ފަހުން އަނެއްކާ ވެސް އެކުގައި ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޝީ މިވަނީ ބުނެފަ އެވެ.

ގާތްގަނޑަކަށް 17 އަހަރު ފަހުން އަމީތާބާއެކު ފިލްމެއް ކުޅެން ލިބިފައިވާ ވާހަކަ އޭނާގެ ފޭނުންނާ ހިއްސާ ކުރަމުން ރިޝީ ވަނީ އަމީތާބާއެކު ފިލްމެއް ކުޅެން ފުރުސަތު ލިބުމަކީ އަބަދުވެސް ލިބޭ ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށް ބުނެފަ އެވެ. ރިޝީ އިތުރަށް ވަނީ ފިލްމުގެ ސްކްރިޕްޓް ކިޔުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށް ވެސް ބުނެފަ އެވެ.

އަމީތާބާއެކު ފިލްމެއް ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް ފިލްމުގެ އެއްވެސް ތަފްސީލެއް ރިޝީ ނުދެ އެވެ. އޭނާ ވަނީ ކުރިއަށް އޮތް ތަނުގައި ފިލްމުގެ ކަންކަން ހިއްސާ ކުރާނެ ކަމަށް ބުނެފަ އެވެ.

ރިޝީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް "ކަޕޫރް އެންޑް ސަންސް" އިންނެވެ. އަދި "ޕިންކް" އިން އެންމެ ފަހުން ފެނިގެން ގޮސްފައިވާ އަމީތާބްގެ "ސަރްކާރް 3" މި މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު ވަރަށް އަވަހަށް "ތަގްސް އޮފް ހިންދޯސްތާން" ގެ ޝޫޓިން ފަށާނެ އެވެ.