(4 މެއި 2017 އާ ގުޅޭ)
ރުބީނާ އަވަސް އަވަހަށް ފޯނު ހިފައިގެން އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތީ އަމީރަށް އެއްވެސް ފަރުވާލެއް ނުބަހައްޓަ އެވެ. އޭނާގެ އެ ޢަމަލުން އިތުރަށް އަމީރުގެ ރުޅި ގަދަވި އެވެ. މިހާރުން މިހާރަށް ރުބީނާ އެގެއިން ނެރެ ބޭރުކޮށްލަން އަމީރުގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް ކުރިމަތިން ފެނިގެން ދިޔަ މައުރީންއާއެކު އޭނާގެ ވިސްނުން ބަދަލު ކުރަން މަޖުބޫރުވީ އެވެ.
"ދޮންބެގެ ކޮޓަރީގައި ހުރި އެއްޗިއްސަ ވީގޮތް ރީންއަށް އެނގޭތަ؟" އަމީރު މަޑުމައިތިރިކޮށް އަހާލި އެވެ. އެއާއެކު މައުރީން ދެފަރާތަށް ބޯހޫރާލީ އަމީރު ކުރި ސުވާލުގެ ޖަވާބު ނޭނގޭ ކަމަށް ބުނެއެވެ. މައުރީނަށް އެނގުނު ނަމަވެސް އެކުއްޖާ ނުބުނެ ހުރެދާނެއޭ ވެސް އަމީރުގެ ހިތަށް އެރިއެވެ. އައިސްފައި ހުރި ރުޅީގެ އަސަރު މައުރީނަށް އަމާޒު ކުރުމުގެ އެއްވެސް ގަސްދެއް އަމީރުގެ ނެތެވެ. އޭނާ އެނބުރި ނިޔާނުގެ ކޮޓަރިއަށް އައިސް ވަނެވެ.
* * * *
ކޮޓަރީގައިވަނީ ރުބީނާގެ ރުއިމުގެ އަޑު ހަރުލާފަ އެވެ. އޭނާ ދެރަވެ ދެރަވެފައި ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. ނިޔާނުގެ މަރާ ގުޅިގެން އޭނާ ފޯނުގެ އަނެއްކޮޅުގައި ހުރި ޤައިސްއަށް ކިޔައިދެމުން ދިޔައެވެ.
"އަހަރެން ވަރަށް އަވަހަށް މާލެ ދާނަން... ރޫބީ ދެރަ ނުވޭ..." ޤައިސްގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.
ރުބީނާ ވަރަށް ދެރަވެފައި ޤައިސްއަށް ހުރިހާ ކަމެއް ޚިއްޞާ ކުރިއެވެ. ނިޔާނު ނެތްއިރު އޭނާ އެގޭގައި އުޅެން ފޫހިވެފައިވާ ކަމުގައި ބުންޏެވެ. ކޮންމެ ދުވަހަކު އެކުއްޖާގެ މަތީން ހަނދާންވާ ކަމާއި އެއީ ކެތްކުރަން ފަސޭހަ ކަމެއް ނޫންކަން ރުބީނާ ހާމަކުރަމުން ދިޔައެވެ. މައުރީން ވެސް އެކަމުގެ ސަބަބުން ބަދަލުވެއްޖެ ކަމުގައި ރުބީނާ ބުންޏެވެ. އޭނާގެ ހުރިހާ ވާހަކައެއް އަޑުއަހަމުންދިޔަ ޤައިސްއަށް ގޮތެއް ނިންމަން މަޖުބޫރުވަމުން ދާ ކަހަލައެވެ. ރުބީނާގެ ވާހަކަތަކުން އޭނާގެ ހިތަށް ވަރަށް އަސަރު ކުރަމުން ދިޔައެވެ.
ހަވީރުގެ ވަގުތެވެ. ރުބީނާ ކޮޓަރީގައި އުޅެނިކޮށް ސަލްމާ އާއި ހިދާ އެ ގެއަށް އައެވެ. ރުބީނާގެ ހާލު ބަލާލުމަށެވެ. އެމީހުން އައީ ހަވީރު ސަޔަށް އެއްޗެހި ހިފައިގެންނެވެ. އެހެންވެ އެ ތަކެތި ނަގާ ސައި ތައްޔާރު ކުރަން ރުބީނާ ބަދިގެ ފަރާތުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
"ނިޔާނުގެ އަންހެނުން އަދިވެސް އަމީރުމެން ގާތުގައިތަ؟" ސިޓިންރޫމު ސޯފާގައި އިނދެފައި ސަލްމާ އަހާލިއެވެ.
"އާން! އަހަރެންގެ ލޯ ކުރިމަތީގައި ކީއްކުރަން ބަހައްޓަނީ؟ އަހަރެންގެ ދަރި އެނބުރި ލިބޭނެތަ އޭނާ ހުއްޓޭ ކިޔާފައި" ރުބީނާ ފޫހި ގޮތަކަށް ބުންޏެވެ.
"އަމީރު ކީއްވެތަ އޭނާ ގެންގޮސްގެން އެއުޅެނީ... އޭނާއަށް ކޮން ފައިދާއެއް ވާނީ" ހިދާ ވިސްނަން އިނދެ ބުނެލި އެވެ.
"އަމީރު ބޮލަށް ލައިގެން އޭނާ ގެންގުޅުނަސް އަހަންނަކަށް ނުވާނެ... އަހަރެން ނުވެސް އުޅެން ބަލާކަށް ވެސް... އަހަރެންގެ ކުރިމަތީ ނުހުންނަންޏާ އެ ނިމުނީ... މިހާރު ވެސް ހުންނާނީ ވަރުގަދަ ލަނޑެއް ދީފައި"
"ކިހިނެއް ހެދީ؟" ރުބީނާ ބުނެލި އެއްޗަކުން ހިދާއާއި ސަލްމާއަށް އެކުއެކީ އަހާލެވުނެވެ.
"އަމީރު އޭނާ ގެންދިޔައިމަ ނިޔާނުގެ ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ނެގީ... ރައްޓެއްސަކާ ވާހަކަ ދައްކައިގެން ނިޔާނުގެ ހެނދުންކޮޅު ރަށަކަށް ފޮނުވާލީ... އެކުއްޖާގެ އެއްވެސް އެއްޗެއް އެ އަންހެނާގެ އަތައް އަރާކަށް އަހަރެން ބޭނުމެއް ނޫން... އަދިވެސް ކުރެވުނު ކަންތައް ކުޑަކަމުން މިބަޔަށް އަތުވެއްޖޭ ނިޔާނުގެ އެއްޗެހި ބަލާ"
"ރޫބީ ގަދަ އިނގޭ" ހިދާ ހީނގަންނަމުން ބުންޏެވެ.
"ދެން އޭނާ އުޅެނީ މިކޮޅުގަތަ؟ އެނބުރި ރަށަކަށް ނުދޭތަ؟" ޚިޔާލަކަށް ގެއްލިފައި އިނދެ ސަލްމާ އަހާލިއެވެ.
"ރަށަށް ދާނެނަމަ މިހާރު ދިޔައީހެއްނު. އެ އުޅެނީ މިގެއަށް ގަދަކޮށްލަން ވެގެން... އަމީރުއާ ގުޅުނީމައެއްނު މިގޭގައި ހުރެވޭނީ. ހޫނ! ދެން އޭނާގެ ވާހަކަ ހުއްޓާލާފައި އާދޭ ސައިބޯން... އެނގޭތަ! ޤައިސް ގުޅި... ބުނީ ވަރަށް އަވަހަށް މާލެ އެބައަންނަމޯ. ނިޔާނުގެ މަރުގެ ޚަބަރު ލިބުމުން ހުރީ ވަރަށް ދެރަވެފައި" ކާމޭޒު ދޮށުގައި ރުބީނާއާއި އޭނާގެ ރައްޓެހިން އިށީނެވެ. އެމީހުން ވާހަކައިގައި ތިއްބާ ސިޓިންރޫމަށް މައުރީން ނުކުތެވެ.
"މައު! އާދޭ ސައިބޯން... ސަލްދައްތަ ހުންނާނެ މައުއަށް މީރު ޕުޑިން ވެސް ގެނެސްފައި" މައުރީން ފެނުމުން ސަލްމާ ނިކަން ގާތްކޮށް ގޮވާލާފައި ވާހަކަ ދެއްކި އެވެ. މޭޒު ދޮށުގައި އިން ރުބީނާ ވެސް ތެދުވެ މައުރީނަށް ސައިތަށްޓެއް ހަދައިދޭން އުޅެންފެށިއެވެ.
"އަހަރެން ހިތަށް އަރާ އެ އަންހެނާ ބަލިވެ ނީންކަން އެއީ ނަސީބެކޭ" ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލާފައި ވަނިކޮށް އެ ވާހަކަތައް ބޮޅެއް އިތުރުކޮށްލީ ހިދާއެވެ. އޭނާގެ ވާހަކައަށް ރުބީނާ "ހޫން" ލައްވާލިއިރު ސަލްމާ އިނީ މައުރީނަށް ބަލާށެވެ. އެކުއްޖާގެ ކުރިމަތީގައި ނިޔާނުއޭ ކިޔައިގެން އެއްޗެހި ކިޔުން ރަނގަޅު ކަމެއްކަމަށް އޭނާއަށް ނުފެންނަނީ އެވެ. ނަމަވެސް އެންމެން ހައިރާންކޮށްލީ މައުރީނެވެ.
"ދޮންބެ އެ ދިޔައީ ބޭބީއެއް ލިބެން އުޅެނިކޮށް" މަޑުމައިތިރި ކަމާއެކު އިސްޖަހާލައިގެން އިނދެ މައުރީން ބުންޏެވެ. އެހިނދު އެތަނުގައި ދެން ތިބި ތިން އަންހެނުންގެ ސަމާލުކަން މައުރީނަށް ހުއްޓުނެވެ.
"މައުއަށް ކިހިނެއް އެނގެނީ" ރޫބީ ސައިޖޯޑު ގެނެސް މައުރީންގެ ކުރިމަތީ ބަހައްޓަމުން އަވަސް އަވަހަށް އަހާލި އެވެ.
"ބައްޕައަށް ވެސް އެނގޭ. ބައްޕަމެން އެ ވާހަކަ ދައްކަނިކޮށް އަޑުއިވުނީ" މައުރީން ބުނި އެއްޗަކުން އިތުރަށް ރުބީނާ ހައިރާންވި އެވެ.
"ކޮބާ ރޫބީ! އެހެންވީމަ އަމީރު އުޅޭނެއެއްނު އޭނާ ބޮލަށް ލައިގެން" ހިމޭން ވެގެން ދިޔަ ރުބީނާއަށް މޭޒުދޮށުގައި އިށީނދެވުނު ހިނދު ހިދާ ބުންޏެވެ.
"ރޫބީ، ނިޔާނަށް ލިބޭ ދަރިއަކީ..." ސަލްމާއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ. ރުބީނާ އިނދެފައި ވާހަކަ ދައްކަން ފެށީއެވެ. މައުރީންގެ ފަރާތުން ލިބުނު ޚަބަރުން އޭނާގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެއެވެ.
"އަމީރު އަހަންނަށް ސިއްރުކުރީ... އެ އަންހެނާ ވެސް ސިއްރުކުރީ... އެ ދެމީހުން ވެގެން އަހަންނަށް އޮޅުވާލީ" ރުބީނާގެ އަޑުގައިވަނީ ޝަކުވާއެވެ. ހަމައެއާއެކު އޭނާއަށް ފުން އަސަރުތަކެއްކޮށްފައި ވެއެވެ.
"ރޫބީ! ނިޔާނަށް ލިބެން އުޅޭ ދަރިފުޅު ހޯދުމުގެ ގަސްދުގައި އަމީރު އެ އުޅެނީ... އެހެންވެ ރޫބީއަށް ސިއްރުކޮށްގެން އެ އުޅެނީ" ހިދާގެ ދުލުން ބޭރުކޮށްލި ލަފުޒުތައް ރުބީނާގެ ސިކުނޑީގައި އެކިފަރާތުގައި ތަތްގަނޑުތަކެއްހެން ބިންވަޅުނެގިގެން ދިޔައެވެ.
"ރޫބީ! އެކުއްޖާވާނީ ރޫބީގެ ފުރަތަމަ މާމަ ދަރިފުޅަށް... ދުނިޔޭގައި ހުންނާނޭ ނިޔާނުގެ ހަމައެކަނި ނިޝާނަށް" ރުބީނާއަށް ވިސްނައިދޭ ފަދަ ގޮތަކަށް ސަލްމާ ބުންޏެވެ.
"މަންމާ! ދޮންބެގެ ބޭބީ އަހަރުމެންނަކަށް ނުލިބޭނެތަ؟" މައުރީން އިނދެފައި ކޮށްލި ސުވާލުން ރުބީނާގެ ސިކުނޑީގައި ޚީޔާލުތަކެއް އެނބުރިގަތެވެ.
"އެ ބޭބީ އުޅޭނީ އަހަރުމެންނާއެކު... އަމީރު އެ އުޅެނީ އަހަންނަށް އޮޅުވާލައިގެން އެކުއްޖާ ހޯދަންވެގެން. އެހެނެއް ނުވާނެ. އެއީ އަހަރެންގެ ނިޔާނު ދޫކޮށްފައި ދިޔަ އެންމެފަހުގެ ނިޝާން. އެ ދަރިފުޅު އުފަންވާންޖެހޭނީ އަހަރެންގެ އަތްމައްޗަށް" ޚިޔާލަކަށް ގެއްލިފައި އިނދެ މަޑުމަޑުން ރުބީނާ ވާހަކަ ދެއްކި އެވެ.
* * * *
ޝިމްލާ އެތައް ވާހަކައެއް ދައްކައިގެން އައިރާ ކޮންމެވެސް ވަރަކަށް އެއްޗެއް ކާލިއެވެ. އެހެންނަމަވެސް އޭނާ ގިނަވަގުތު އޮންނަނީ ކޮޓަރީގައެވެ. އެކަކާ ވެސް އަނގައިން ނުބުނެއެވެ. އެކަނި އޮވެ އޭނާ ހިތާމަ ކުރަނީކަން އެނގި ހުރެ ވެސް އަމީރާއި ޝިމްލާއަށް އެ ހިތާމަތަކަށް ލުޔެއް ގެނެސްދޭނެ ގޮތެއް ނޭނގުނެވެ.
އެ ބަޔަށް ވަދެގެން އައި ލިޒީއާއި މިރާން ފެނުމުން ޝިމްލާ ހިނިތުންވެލި އެވެ. ލިޒީ ލޮލުން އިޝާރާތްކޮށްލި ގޮތުން އޭނާ އެ ހޯދަނީ އައިރާކަށް ޝިމްލާއަށް އެނގުނެވެ.
"ވެއްޖެ ކޮޓަރީގައި... ލިޒީ ގޮސް އައިރާއަށް ވިސްނައިދީބަލަ. ހާދަ މަދުންނޭ ކަނީ... އެ ކާއެތިކޮޅުން ނޭނގެ ގައިގާ ވަރުހުންނާނެ ކަމެއް ވެސް... މިހާރު އެހެން ހިތާމަ ކުރުމަކީ ލިބެން އުޅޭ ދަރިފުޅަށް ވެސް އެކަމުގެ އަސަރު ކުރާނޭކަމެއް" ކަންބޮޑުވެފައި ޝިމްލާ ބުންޏެވެ. ލިޒީ ބޯޖަހާލާފައި މިރާންގެ ގާތުގައި ސިޓިންރޫމުގައި މަޑުކޮށްލަން ބުންޏެވެ. އަދި ލިޒީ އައިސް އައިރާ އުޅޭ ކޮޓަރިއަށް ވަނެވެ.
ދޮރާ ދިމާއަށް ފުރަގަސް ދީގެން އަރިއަކަށް އޮތް އައިރާ ހަރަކާތެއް ވެސް ކޮށްނުލިއެވެ. ދޮރުލައްޕާލާފައި ލިޒީ އައިސް އައިރާއާ ކުރިމަތިވާނޭހެން އެނދުގައި އިށީނެވެ. އޭރު ބާލީހުގައި ބައްދާލައިގެން އެއްދިމާއަކަށް ނަޒަރު ހުއްޓާލި ގޮތަށް އައިރާ އޮތެވެ.
"އޭތް! އަހަރެންގެ ބެސްޓީއަކީ ވަރަށް ސްޓްރޯންގް ގާލްއެއް... އޭނާ ކޮންމެ ފަދަ ކަމަކަށް ވެސް ކެތްތެރިވާނެ. އޭނާ އަމިއްލަ ނަފްސާ މެދު ނުވިސްނިޔަސް އެހެން މީހުންނާ މެދު އަބަދުވެސް ވިސްނާނެ... އެކަމަކު ނިޔާނު އެ ދިޔައީ އަހަރެންގެ ބެސްޓީ މުޅީން ބަދަލުކޮށްލާފައި... ނައު ޝީޒް ވެރީ ސެލްފިޝް" ލިޒީގެ ވާހަކަތައް އަޑުއަހަން އޮތް އައިރާ ކުއްލިއަކަށް ބާލީހުގެ ތެރޭގައި މޫނު ފޮރުވާލި އެވެ. އޭނާ ރޮނީކަން އެނގުމުން ލިޒީ އިހުނަށްވުރެ އައިރާއާ ގާތަށް ޖެހިލިއެވެ. އަދި އައިރާގެ ކޮނޑުގައި ފިރުމާލިއެވެ.
"ދުނިޔޭގައި ނެތްއިރު ވެސް އަހަންނަށް އެ ނޫން މީހަކާ މެދު ނުވިސްނޭ. އަހަރެން ކިހިނެއް ނިޔާނު މަތީން ހަނދާން ނައްތާލާނީ" އައިރާ ރޮމުން ވާހަކަ ދެއްކި އެވެ.
"އެކަކުވެސް އައިރާ ގާތުގައި ނުބުނެއޭ ނިޔާނު މަތީން ހަނދާންނައްތާލާށޭ... އަހަރުމެން އެންމެންގެ ހަނދާނުގައި އަބަދުވެސް ނިޔާނު ވާނެ... އެކަމަކު މިހާރު އައިރާ ވިސްނަންވީ ބަނޑުގައިވާ ބޭބީއާ މެދު... އެއީ ނިޔާނު ދިން ލޯބިލޯބި ހަދިޔާއެއް... އައިރާގެ ތި ހިތާމަތައް އެ ބޭބީ ބޯން ވުމުން ނެތިގެން ހިނގައިދާނެ... ނިޔާނު ނެތްނަމަވެސް އޭނާ ވެސް ބޭނުމެއް ނުވާނެ އައިރާ އަބަދު ރޯތަން ދުށުމަށް. ޚާއްޞަކޮށް މިހާރު ތި އިން ހާލުގައި... ދެން ނުރޮއެ ތެދުވޭ... މިގޭ ދައްތަ ބުނި އައިރާ މާ މަދުންނޭ ކަނީ... ތިހާ މަދުން ކައިގެން ބޭބީއަށް ފައިދާއެއް ނުކުރާނެއެއްނު... އަހަރެން މެރީ ކުރަން އުޅޭއިރު ބެސްޓީ ތީ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދޭން ހުރި މީހަކީ... ސޯ ޓްރައިޓުބީ ހެޕީ... އަހަންނަށް ޓަކައި ވިޔަސް" އައިރާގެ އަތުގައި ހިފާ އޭނާ ނަގަން ލިޒީ މަސައްކަތް ކުރަން ފެށުމުން އައިރާ ތެދުވިއެވެ. އެއާއެކު އޭނާގެ ގައިގާ ލިޒީ ބައްދާލި އެވެ.
"ބެސްޓީ... އައި މިސް ހިމް ޓޫ... އައި ރިއަލީ މިސް ހިމް... އެންމެ ދެރަވަނީ ބެސްޓީ އެކަނިވީމަ... އެކަމަކު އަހަރެން ސްޓްރޯންގް ނުވަންޏާ ދެން ކާކު ހުންނާނީ މިހެން އައިސް އައިރާއަށް ވިސްނައިދޭން" ލިޒީގެ އަޑުގައިވި މަޑުމޮޅިކަން އިތުރަށް އައިރާގެ ހިތަށް ތަދުކުރުވިއެވެ.
"އައި އޭމް ސޮރީ..." އައިރާ މަޑުމަޑުން ބުނެލި އެވެ.
"އަހަންނަށް މާފުކުރޭ... އައިރާއަށް ލޯބި ގެއްލުނު ވަގުތު އަހަރެން މި އައީ އަމިއްލަ ކައިވެނީގެ ޚަބަރު ހިފައިގެން... ކޮންކަހަލަ ރަޙުމަތްތެރިއެއް އަހަންނަކީ"
"ނޫން ލިޒީ! ތީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު އެކުވެރިޔާ. ލިޒީ ނެތްނަމަ އަހަންނަށް ނިޔާނެއް ނުލިބުނީސް. އަހަންނާއި ނިޔާނަށް އެކުގައި އާދެވެން އޮތް ހިސާބަށް މިވަނީ އާދެވިފައި... މީ ތަޤުދީރު... އަހަންނަށް އެނގޭ ނިޔާނު އަހަރެން އެކަނިކޮށް ނުލާނެކަން... ލިޒީ! ހަޤީޤަތުގައި ވެސް ނިޔާނު އަހަރެން އެކަނިކޮށެއްނުލާ... އޭނާ ވަކިވެގެން އެ ދިޔައީ ކުޑަކުޑަ ނިޔާނެއް އަހަންނަށް ދީފައި... ހަޔާތުގެ ރާސްތާގެ ބާކީ އޮތްބައިގައި އަހަންނާއެކު ނިޔާނު ނުވި ނަމަވެސް މި ދަރިފުޅު އަހަންނާއެކު ވާނެ... މި ދަރިފުޅު ނެތްނަމަ އޭނާ އެނބުރި އަންނާނެ... ކޮންމެ ހާލެއްގައި ވެސް އަހަރެންގެ ގާތަށް އެނބުރި އަންނާނެ... އެކަމަކު ވަކިވެގެން އެ ދިޔައީ އަހަރެން އެކަނި ނުވާނެކަން އެނގޭތީވެ. މީ އަހަރެންގެ ދިރިއުޅުން ތަސައްވުރު ގޮތެއް ނޫން. އެންމެ ދުވަހެއް ވެސް ނިޔާނާ ވަކިން އުޅޭނެ ގޮތަކާމެދު އަހަރެން ނުވިސްނަން... އެހެންވިޔަސް ހަޤީޤަތެއް ނުފޮރުވާނެ... ނިޔާނު އެނބުރި ނާންނާނޭކަން އެނގޭ. މިއަދު އަހަންނަށް ޓަކައި ނިޔާނު ދޫކޮށް އެ ދިޔައީ ނިޔާނުގެ ތާއަބަދަށް ދެމިހުންނާނޭ ހަނދާނެއް. ޝަކުވާކުރުމުގެ ބަދަލުގައި މިއަދު އަހަރެން ވާންވީ ޝުކުރުކުރާ މީހަކަށް. ކިތައް ފިރިން އެމީހުންގެ އަނބިންނާ ވަކިވެގެންދަނީ... އޭގެތެރޭން ކޮންމެ އަންހެނަކީ އަހަރެންހާ ނަސީބުވެރިއެއްނޫން... އެމީހުންނަށް އެމީހުންގެ ފިރީންގެ ދެމިހުރި ނިޝާނެއް ލިބުމުގެ ނަސީބެއްނުވޭ... ލިޒީ! އަހަރެން ދެން ނުރޯނަން" ލިޒީއާ ދުރަށް ޖެހިލުމަށްފަހު އައިރާ އޭނާގެ ދެކޯތާފަތް ފުހެލިއެވެ.
"މާދަމާ ހެނދުނުގެ ފްލައިޓުން މަންމައާއި ބައްޕަ އެބާދޭ... ބައްޕަ ވެސް ހުރީ ވަރަށް ދެރަވެފައި... ނިޔާނާ މެރީކޮށްގެން ދިޔަ ފަހުން ދޭތެރެއަކުން އަހާލާނެ އައިރާ އުޅެނީ ރަނގަޅަށްތޯ... އައި ނޯ ބައްޕަ ވެސް ކެއަރކުރާކަން އައިރާއަށް"
"އަހަރެން ފަރާތުން ލިޒީ ބޭނުމީ ކޮންއެއްޗެއް؟" ހިނިތުންވެލަމުން އައިރާ އަހާލިއެވެ.
"ތި ހިނިތުންވުން... އައިރާ އުފަލުގައި ހުންނާނެކަމުގެ ގެރެންޓީއެއް" އައިރާގެ މޫނުގައި ދެއަތުން ހިފާލަމުން ލިޒީ ބުންޏެވެ.
"ނިޔާނާއި އަހަރެން ވަރަށް ރޭވިން ލިޒީގެ ކައިވެންޏަށް ތި ރަށަށް ދާން"
"އެނގޭ ތި ދެ މީހުން އަންނާނެކަން... ދެން އެކަމާ އަޅާނުލާ... މިހާރު އަހަރެން މި ހުރީ އައިހެއްނު... މަންމަމެން ވެސް އެ އަންނަނީ... މިކޮޅު ކޯޓުގައި ކައިވެނިކޮށްގެން ރަށަށް ދާނީ... އަހަރެންގެ ކައިވެނި ކުރެވޭ ވަގުތު އަހަންނާއެކު އައިރާ ހުންނަން ވަރަށް ބޭނުން"
"ލިޒީ ކައިވެނި ކުރާއިރު އަހަރެން ނުހުރެ ނުދާނެއެއްނު... މަލީހާ ދައްތައާއި ދާއޫދުބެ އައީމަ މިގެއަށް ގެންނައްޗޭ. އެމީހުންނާ ބައްދަލުކޮށްލާ ހިތްވޭ ވަރަށް" އައިރާ ބުންޏެވެ. އޭނާގެ ޢާއިލާއެއްނެތް ތަނުގައި އެފަދަ ޝުއޫރެއް ބަޔަކާމެދު އުފެދުނިއްޔާ އެ އިހުސާސް ކުރެވުނީ މަލީހާގެ ޢާއިލާގެ ފަރާތުންނެވެ. އެހެންވެ މިފަދަ ހިތްދަތި ވަގުތެއްގައި އެ މީހުން ފެނުމުން ވެސް އައިރާއަށް ހިތްވަރާއި ހިތްހަމަޖެހުން ލިބިދާނޭ ހީކުރެވުނީއެވެ.
"ދެން ހިނގާ ބޭރަށް... އަބަދު ކޮޓަރީގައި އޮތީމަ ވިސްނޭނީ... މިހާރު ދެން ބަލަން ޖެހޭނީ ކަންކަމާ އެހާ ނުވިސްނާ ސްޓްރެސް ފްރީކޮށް ހުރެވޭތޯ... ނިޔާނު ބައްޕަ އެއީ ހާދަ ރަނގަޅު މީހެކެ ދޯ. ނަސީބަކުން ރަނގަޅު ބަފާބެއެއް ލިބިއްޖެއެއްނު... ހިތަށް އަރާ ނިޔާނުގެ މަންމަ ފެންނާނެނަމައޭ އޭރުންތާ އެނގޭނީ އޭނާގެ ހުރި ވަރެއް ވެސް ދޯ" އައިރާއާ ވާހަކަ ދައްކަމުން އޭނާ ގޮވައިގެން ލިޒީ ކޮޓަރިން ނުކުތެވެ.
* * * *
ކޮޓަރި ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ރުބީނާ އައިސް އެނދުގައި އިށީނީ ފައިވާޅު ވެގެން ކަންނޭނގެއެވެ. އޭނާ މޫނުގައި ދެއަތްތިލަ ހިންގާލުމާއެކު ފުންނޭވާއެއް ބޭރުކޮށްލިއެވެ. ހަޤީޤަތުގައި ވެސް އައިރާ ބަލިވެ އިނީބާއޭ އޭނާގެ އަމިއްލަ ޟަމީރާ ސުވާލު ކުރަމުން ދިޔައެވެ.
"އޭނާ އެ އުޅެނީ ނިޔާނުގެ ދަރިފުޅު ގޮވައިގެން އަހަންނަށް ފިލަންވެގެން... ނޫން!ނޫން! އެވާނީ އަމީރުގެ ރޭވުމަކަށް. ނިޔާނު އަހަންނާއެކު އެންމެ ފަހުވަގުތާ ޖެހެންދޭން ވެސް އުޅުނީތީ އޭނާއަށް ލިބެން އުޅޭ ދަރިފުޅު އަހަންނާ ވަކިކޮށްލަން އޭނާ އެ ވިސްނަނީ" ރުބީނާގެ ހިތް ނުތަނަވަސްވިއެވެ. އެއްފައި މައްޗަށް އަނެއްފައި އަރުވާލުމާއެކު ތިރީތުންފަތް ހަފާލެވުނެވެ. (ނުނިމޭ)