ކުޅިވަރު

ވެންގާ މަގާމުގައި ހުންނަން މޮރީނިއޯ ބޭނުންވޭ

May 7, 2017

އިނިގިރޭސި ފުޓްބޯޅައިގައި، މިރެއަކީ، ފޯރިގަދަ ކުރިމަތިލުމެއްގެ ރެކެވެ. މެންޗެސްޓާ ޔުނައިޓަޑާއި އާސެނަލްގެ ކުރިމަތި ލުމެވެ. ލީގްގެ މިހާހިސަބަށް އައިއިރު، އަސެނަލްގެ އަސްލު މަގާމު ގެއްލި، ގަދަ ހަތަރަކުން ބޭރުވެ ހަ ވަނައަށް އޮތީ ވެއްޓިފަ އެވެ. ފަސް ވަނައިގައި ފަސް ޕޮއިންޓްގެ ލީޑަކާއެކު އޮތީ، ޔުނައިޓެޑެވެ.

އާސެނަލްގެ ނާކާމިޔާބާއެކު، އެ ކުލަބުގެ ސަޕޯޓަރުންގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. ހުރިހާ ސަޕޯޓަރުންގެ އަޑުތައް ހުރީ، ކޯޗު އާސެން ވެންގާ ބޭރުކޮށް، އާ ކޯޗަކު، އާސެނަލްއަށް ހޯދަން ގޮވާލާ ވާހަކަ އެވެ. މިއީ، އާސެނަލްގެ ކޯޗްގެ ގޮތުގައި ވެންގާ ހޭދަ ކުރާ 21 ވަނަ އަހަރެވެ. މެންޗެސްޓާގެ ކޯޗް ހޯސޭ މޮރީނިއޯ، ކުރިން ވެންގާއަށް ނިސްބަތްކޮށްފައި ވަނީ، ނާކާމިޔާބުގެ ސްޕެޝަލިސްޓެއްގެ ގޮތުގަ އެވެ. ނަމަވެސް، ވެންގާ މަގާމުން، ބޭރުކުރަން، މޮރީނިއޯ ތާއީދެއް ނުކުރެ އެވެ. އޭނާ އެދެނީ، ވެންގާ އަސެނަލްގެ ކޯޗުގެ ގޮތުގައި ދެމިހުރުމަށެވެ.

"އެހެން ކޯޗުންނަށް، އަހަރެންގެ ހަމްދަރުދީ އަބަދުވެސް އޮންނާނެ، ސަބަބަކީ އަހަރެމެން އެންމެން ކުރަނީ އެއް އިހްސާސެއް،" އިނގިރޭސި ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.

"ފުޓްބޯޅަ މިހާރު ބަދަލު ވެއްޖެ، މިހާރު އެއީ އެއްވެސް މެނޭޖަރަކަށް މާގިނަ ދުވަހު އެއް މަގާމެއްގައި ނުހުރެވޭ ގޮތަށް، ފުޓްބޯޅަ ވަނީ ބަދަލު ވެފަ،"

މޮރީނިއޯ ބުނީ، އާސެނަލްގައި ވެންގާ ހުންނާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، އަދި އާސެނަލްއިން ވެސް، ވެންގާ މަގާމުގައި ބައްހައްޓާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އޭނާ ބުނީ، ޓިމެއް، އުނދަގޫ ހާލަތަކުން ނަގައި ކޮޅަށް ޖެހުމުގައި، ވެންގާއަކީ އެންމެ ފަހުގެ ނަމޫނަ ކަމެށެވެ.

"މިހާރު ފުޓްބޯޅައިގެ މާނައަކީ، ކާމިޔާބު ނުހޯދައިފިއްޔާ، ދެން ވަޒީފާ ގެއްލޭނެ، އެހެންވެ، އެހެން ކޯޗުންނާ މެދުވެސް އަހަރެން ކަންބޮޑުވަން، އެއް ކުލަބެއްގައި 20 އަހަރު ހުއްޓަސް، ކޮންމެ އަހަރެއްގައި ކާމިޔަބު ހޯދުމަކީ، ވާނެ ކަމެއް ނޫން، ސާ އެލެކްސް [ފާގަސަން] ގެ ކެރިއާއިންވެސް އެކަން ބުނެދޭ،" ވެންގާ ބުންޏެވެ.

މީގެ ކުރިން ވެންގާ ބުނެފައި ވަނީ، މެޗުން ނަތީޖާ ނުނެރެވުމުން، އޭނާގެ ފާޑު ކިޔުންތެރިންނަށް ވުރެ، އޭނާގެ އަމިއްލަ ނަފުސު ދެކެ ރުޅި އާދެވޭ ކަމަށެވެ.