ދުނިޔެ

އުތުރުކޮރެއާއިން އަނެއްކާވެސް އެމެރިކާ މީހަކު ހައްޔަރުކޮށްފި

May 7, 2017

އުތުރުކޮރެއާގެ ދައުލަތާ ދެކޮޅު އަމަލެއް ހިންގިކަމުގެ ތުުހުމަތަށް އެމެރިކާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އުތުރުކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއެންއާ ހަވާލާދީ ބީބީސީ ބުނީ ޕިޔޮންޔޮން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މަސައްކަތްކުރަމުން އައި ކިމް ހަކް ސޮން ނަމަކަށް ކިޔާ އެމެރިކާ މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެގައި ކަމަށެވެ. އަދި ބުނީ ކިމް ހަކް ސޮން ކޮށްފައިވާ ކުށްތަކާ ބެހޭ ފުރިހަމަ ތަހުގީގެއް އުތުރުކޮރެއާގެ އިދާރާތަކުން ކުރަމުން އަންނަ ކަމަށެވެ. ކޭސީއެންއޭއިން އިތުރު ތަފުސީލެއް ނުދެއެވެ.

އުތުރުކޮރެއާއިން ކުރިން ވަނީ އެމެރިކާގެ ތިން ރައްޔިތަކު ހައްޔަރުކޮށްފައެވެ. އެމެރިކާއިން ދެކޭ ގޮތުގައި އުތުރުކޮރެއާއިން އެގައުމުގެ ރައްޔިތުން ހައްޔަރުކުރަނީ ދެގައުމުގެ ދެމެދުގައި ހިނގަމުންދާ އަރައިރުމުގައި އެމެރިކާއާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އެމީހުންގެ ބޭނުން ކުރުމަށެވެ.

އުތުރުކޮރެއާއިން އެމެރިކާ މީހަކު ހައްޔަރުކޮށްފައި ވަނީ އެމެރިކާއާ އެގައުމާ ދެމެދު ވަރުގަދަ އަަރައިރުމެއް ހިނގަމުންދާ ވަގުތެއްގައެވެ. އުތުރުކޮރެއާއިން ނިއުކްލިއަ ޓެސްޓްތައް ކުރާނެ ކަމަށް ބުނާތީ އެމެރިކާއިން ދަނީ އެގައުމަށް ބިރު ދައްކަމުންނެވެ. އެގޮތުން އުތުރު ކޮރެއާއަށް ބާރުވެރިކަން ދައްކައިލުމަށް އެމެރިކާއިން ވަނީ ކޮރެއާ ސަރަހައްދަށް ދާން މަނަވަރުތަކެއް ފޮނުވާފަ އެވެ. ހަނގުރާމަމަތީ މަތިންދާ ބޯޓްތައް އުފުލާ ޔޫއެސްއެސް ކާލް ވިންސަންއާއި އެ އުޅަނދަށް މަދަދުކުރާ އުޅަނދު ތަކުން ކޮރެއާ ސަރަހައްދުގައި ފަރިތަކުރުންތަކެއް ބާއްވާނެ އެވެ. އެމެރިކާއިން ދެކުނު ކޮރެއާއަށް ފޮނުވި ނިއުކްލިއަ ހަކަތައިން ދުއްވާ ސަބްމެރިން އާއި ޖަޕާނުގެ އުޅަނދުތައް ވެސް އެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ އެވެ.

އުތުރު ކޮރެއާއަށް އަސްކަރީ ބާރުދެއްކުމުގެ ހަރަކާތްތަކުގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރުތައް ފާސްކޮށް، އުތުރު ކޮރެއާއަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވެސް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނިއުކްލިއަ ޓެސްޓް އަވަސްކުރަން ޖެހޭ ސަބަބުތަކުގެ ގޮތުގައި އުތުރުކޮރެއާއިން ފާހަގަކޮށްފައި ވަނީ މިކަންތައްތަކެވެ.

އުތުރުކޮރެއާއިން ނިއުކްލިއަ ޓެސްޓްތައް ކޮށް، ނުރައްކާތެރި ނިއުކްލިއަ ހަތިޔާރެއް އުފެއްދުން ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ގަރާރުތައް ފާސްކޮށްފައެވެ. އެގަރާރުތައް ފާސްކުރުމުގައި ވެސް އެމެރިކާއިން ވަނީ އިސްދައުރެއް އަދާކޮށްފައެވެ. އެއިން އެއްވެސް ގަރާރަކަށް ބޯ ނުލަނބައި އުތުރުކޮރެއާއިން ވަނީ މިހައިތަނަށް ނިއުކްލިއަ ފަސް ޓެސްޓެއް ކޮށްފައެވެ.