ހަބަރު

އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާ ވަރުގެ މައްސަަލައެއް ނެތް: އޮބްޒާވަރުން

May 7, 2017
1

ރާއްޖޭގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ކުދި ކުދި މައްސަލަތައް ފާހަގަވެފައިވާ ކަމަށާއި އެހެން ނަމަވެސް އިންތިހާބުގެ ސައްހަ ކަމަށް އަސަރު ކުރާ ވަރުގެ އެއްވެސް ކަމެއް ފާހަގަ ނުވާ ކަަމަށް އިންތިހާބުގެ ކަންތައްތައް ބެލި ބައިނަލް އަގުވާމީ އޮބްޒާވަރުންގެ ޓީމުން ބުނެފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ އިލެކްޝަން ކޮމިޝަންގެ މައި މަރުކަޒު، ބާ ޖަމާލުއްދީންގައި މިރޭ ކުރިއަަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އޮބްޒާވަރުން ފާހަގަ ކުރި އެއް މައްސަލައަކީ ހަމަޖެހިފައިވާ ގަޑިއަށް ވޯޓްލާން ނުފެށުމެވެ. ނަމަވެސް އެހެން ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަން ގަބޫލުކުރައްވާ ކަމަށާއި އެއީ އޭގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށް، އިންތިހާބު ސައްހަކަން ގެއްލޭނެ ވަރުގެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ. އަދި ވޯޓްލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ކުރި މައްސަލައިގައި އޮބްޒާވަރުން ވިދާޅުވީ ވޯޓްލުމުގެ ވަގުތު އިތުރު ކުރުމަކީ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ އެކަން ކޮށްފައި ވަނީ ބައެއް ޕާޓީތަކުން އެދިގެން ކަމަށެވެ.

"އަޅުގަނޑުމެން އޮބްޒާވް ކުރި ދާއިރާތަކުގައި އިންތިހާބުގެ ހުރިހާ ކަމެއް ދިޔައީ ވަރަށް އޮމާންކޮށް އަދި ދެފުށްފެންނަ އިންތިހާބެއް. އަދި މުޅި އިންތިހާބަށް ބަލާއިރު އަޅުގަނޑުމެނަށް ފާހަގަވީ ހުރިހާ ކަމެއް ހިނގައިދިޔައީ ވަރަށް ރަނގަޅަށް ކަމަށް. އަދި މިނިވަން އިންސާފުވެރި އިންތިހާބެއްކަން،" އޮބްޒާވަރަކު ވިދާޅުވި އެވެ. "އިންތިހާބުތަކުގައި ވާނެ ހުރިހާ ކަމެއް އަންދާޒާއެއް ނުކުރެވޭނެ. ބައެއް ކަހަލަ ނިންމުންތަކަކީ ކުއްލިއަކަށް ނިންމަން ޖެހޭ ކަންކަން. އެގޮތުން އިއްޔެ ވޯޓުލާން ފެށުން ލަސްވެގެން ގޮސް މީހުންގެ އަދަދު މަދުވުމުން އީސީ އިން ވަގުތު އިތުރު ކުރުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު އަދި ހުރިހާ ފަރާތްތައް ވެސް ފައިދާއަށް ނިންްމި ނިންމުމެއް،"

ބައިނަލްއަގުވާމީ އޮބްޒާވަރުން ވިދާޅުވީ ހުރިހާ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި ގިނަ އަދަދަކަށް ޒުވާނުން ވޯޓުލާން ދިޔުމަކީ ކުރިއެރުމެއް ކަމަށެވެ. ނަމަވެސް އަންހެން ކެންޑިޑޭޓުން މަދު ކަން ފާހަގަ ކުރެވޭ ކަމަށާއި އަންހެނުން އެ ދާއިރާއަށް ހޭލުންތެރި ކުރުވަން ސަރުކާރަށް ގޮވާލާ ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ބާއްވާ އިިންތިހާބުތަކުގައި ފެންނަ ފަދަ ނުތަނަވަސްކަމެއް ރާއްޖޭން ނުފެންނަ ކަން ވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި އިންތިހާބުގައި ވޯޓުލުމުގައި އެކަށީގެންވާ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބު އޮބްޒާވް ކުރުމަށް ސްރީލަންކާ އާއި ބަންގްލަދޭޝް އާއި ޕާކިސްތާނާއި ބޫޓާނާއި ބޮސްނިއާ އަދި އަފްޣާނިސްތާނުގެ އިލެކްޝަންސް ކޮމިޝަންތަކުގެ އިސް ފަރާތްތަކުން ހަރަކާތްތެރިވި އެވެ. އެ ފަރާތްތްކުން ވަނީ ހދ، ރ، ބ، ލ އަދި ސ އަތޮޅުގެ ރަށްތަކަށް ވަޑައިގެން ވޯޓުލުން ކުރިޔަށްދާ ގޮތް ބައްލަވާފަ އެވެ.