ހަބަރު

އިންތިހާބުގެ ވަގުތީ ނަތީޖާ މާދަމާ އިއުލާން ކުރާނަން: އީސީ

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

"އަވަސް"އިން މިރޭ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބުގެ ޖުމްލަ ވަގުތީ ނަދީޖާ މާދަމާ މެންދުރުގެ ވަގުތެއްގައި އިއުލާން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ ކުރިން ބޭއްވި ކައުންސިލް އިންތިހާބުގައި ޖުމްލަ ވަގުތީ ނަތީޖާ އިއުލާންކުރަން ތިން ދުވަސް ނަގާފަ އެވެ.

އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ޝީޓްތައް ވެރިފައި ކުރެވޭ މިންވަރަކުން އެ ކޮމިޝަންގެ ވެބްސައިޓަށް މިހާރު ވެސް އަންނަނީ ނަތީޖާތައް އަރުވަމުންނެވެ. އަކުރަމް ވިދާޅުވީ އެއްވެސް ނަތީޖާއެއް އެރުވުމަށް ފަހު ކޮމިޝަންގެ ވެބްސައިޓުން ނުނަގާ ކަމަށާއި ދާއިރާތަކުގެ ނަތީޖާ ޝީޓްތައް ވެރިފައި ކުރެވޭ ވަރަކުން ވެބްސައިޓަށް ލަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ބޭއްވި ކައުންސިލް އިންތިހާބުގައި ޖުމުލަ ވަގުތީ ނަތީޖާ އިއުލާންކުރަން ވެސް ތިން ދުވަސްވަރު ނެގި އެވެ. އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި 14،86 ކެންޑިޑޭޓުން އެކި ދާއިރާތަކަށް ވާދަކުރި އިރު އިންތިހާބު ކުރަން ޖެހެނީ 664 ކައުންސިލަރުންނެވެ.

މުޅި ކައުންސިލް އިންތިހާބަށް ބަލާއިރު ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދުކަން އޮބްޒާވް ކުރި ގިނަ ފަރާތްތަކުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ހުރިހާ ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ވަނީ އެމްޑީޕީ ކާމިޔާބުކޮށްފަ އެވެ. އަދި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއިން ބުނާ ގޮތުގައި ސިޓީތައް ގެއްލުން ނަމަވެސް ގިނަ ގޮޑިތައް ކާމިޔާބު ކުރީ އެ ޕާޓީއިންނެވެ.