ބޮލީވުޑް

ރަޖްނިކާންތްގެ ފިލްމު ވިދްޔާ ދޫކޮށްލައިފި

May 8, 2017

ތަމަޅަ ސުޕަސްޓާ ރަޖްނިކާންތް އާ އެކު ފިލްމު ކުޅެން ފުރުސަތެއް ލިބޭތޯ އެތަކެއް ބަތަލާއިން މަސައްކަތްކުރެ އެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފެށުމަށް ހަމަޖެހިފައި އޮތް "ތަލައިވާ 161" ފިލްމުގެ ބަތަލާގެ ރޯލު އެންމެ ފުރަތަމަ ލިބިފައިވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވިދްޔާ ބާލަން އަށެވެ.

ރަޖްނިކާންތްގެ ބަތަލާގެ ރޯލު ކުޅެން ވިދްޔާ އަށް ހުށަހެޅުން ލިބުނު ކަމާ ގުޅޭގޮތުން ވާހަކަދައްކަމުން މީގެ ދުވަސްކޮޅެއް ކުރިން ވިދްޔާ ވަނީ ވަގުތު ޖެހުމުން ހުރިހާ ކަމެއް އިނގޭނެ ކަމަށް ބުނެފަ އެވެ. ވިދްޔާގެ އެ ޖަވާބާ އެކު އޭނާ މި ފިލްމުން ފެނިގެންދާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް އެންމެފަހު ވަގުތު މިވަނީ މި ފިލްމު ނުކުޅެ ދޫކޮށްލާފަ އެވެ.

ހަބަރުތައް ބުނާ ގޮތުން ވިދްޔަ މިވަނީ މި ފިލްމަށް ވަގުތު ދެވޭ ވަރަށް ވުރެން އޭނާގެ ޝެޑިއުލް ބުރަވުމުން ފިލްމު ދޫކޮށްލާފަ އެވެ.

މިހާރު "ތުމްހާރީ ސުލޫ" ކިޔާ ފިލްމެއްގެ މަންޒަރުތައް ނަގަމުން އަންނަ ވިދްޔާ "ތަލައިވާ 161" ދޫކޮށްލުމުން ފިލްމު އުފައްދާ ފަރާތުން އަންނަނީ ބަތަލާއެއް ހޯދުމުުގެ މަސައްކަތް ކުރަމުންނެވެ.

ވިދްޔާ އަކީ ކޮލްކަޓާ އަށް ނިސްބަތްވާ ތަރިއެއް ނަމަވެސް މިހާތަނަށް އޭނަ ތަމަޅަ ފިލްމެއް ކުޅެފައެއްނުވެ އެވެ. މަލްޔާލަމް ފިލްމެއް ކުޅެން މީގެކުރިން ލިބުނު ފުރުސަތު ވެސް ވިދްޔާ ވަނީ ފިލްމަށް ތައްޔާރުވުމަށްފަހު ބައެއްގެ ފަރާތުން ލިބުނު އިންޒާރުތަކަކާ ގުޅިގެން ދޫކޮށްލާފަ އެވެ.

"ތަލައިވާ 161" އަކީ "ކަބަލީ" އަށް ފަހު ރަޖްނިކާންތް އެ ފިލްމުގެ ޑައިރެކްޓަރާ އެކު ކުޅޭ ފިލްމެކެވެ. ޕާ ރަންޖިންތް ޑައިރެކްޓްކުރާ މި ފިލްމަކީ ރަޖްނިކާންތްގެ ޅީދަރިފުޅު، އެކްޓަރު ދާނުޝްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ވުންޑާބާ ފިލްމްސްއިން އުފައްދާ ފިލްމެކެވެ.