އިނގިރޭސި ޕްރިމިއާ ލީގްގައި، މިރޭ ލިވަޕޫލާ ސައުތުހެމްޓަން ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމުނު އިރު، އާސެނަލް އިން މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ބަލި ނުވެ ޔުނައިޓެޑް ދަމަހައްޓަމުން އައި ރިކޯޑް ނިމުމަކަށް ގެނެސްފި އެވެ.
ލިވަޕޫލްގެ މެޗުގައި މޮޅުވެގެން ތިން ޕޮއިންޓް ހޯދަން ޕެނަލްޓީ އެއް ވެސް ލިބިގެން ގޮސްފަ އެވެ. މެޗުގެ 66 ވަނަ މިނެޓްގައި، ޖޭމްސް މިލްނާ ފޮނުވާލި، ޕެނަލްޓީ، އިނގިރޭސި ގައުމީ ޓީމުގެ ބަދަލު ކީޕަރު ފްރީސާ ފޮސްޓާ ވަނީ ދިފާއު ކޮށްފަ އެވެ.
މެޗު އެއްވަރުވި ނަމަވެސް، ލިބުނު އެއް ޕޮއިންޓާއެކު، ލިވަޕޫލް ވަނީ އަލުން ތިން ވަނަ މަގާމަށް ޖެހިލާފަ އެވެ. ނަމަވެސް، ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެޓީމާ ދެމެދު ހުރީ ތިން ޕޮއިންޓްގެ ފަރަގެވެ.
އާސެނަލް އާއި ޔުނައިޓެޑްގެ މެޗުގެ ކުރިން ވެސް ވާދަވެރިކަން ވަރަށް ބޮޑެވެ. އެ ވާދަވެރިކަން އުފެދޭ އެންމެ ބޮޑު ސަބަބަކީ، ދެ ޓީމުގެ ކޯޗުން ކަމަށްވާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ އާއި އާސެނަލްގެ އާސެން ވެންގާއާ ދެމެދުގައި އޮންނަ ވާދަވެރި ކަމެވެ.
ޔުނައިޓަޑްގެ މައްޗަށް އާސެނަލް މިރޭ ހޯދި މިމޮޅާކީ، ޕްރިމިއާ ލީގުގެ ވާދަވެރި މެޗެއްގައި، މޮރީނިއޯގެ މައްޗަށް ވެންގާ އަށް ހޯދުނު ފުރަތަމަ ކާމިޔާބެވެ.
މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގްރެނިޓް ޒަކާ އެވެ. ދެ ވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ކާމިޔާބު ކުރީ، ޑެނީ ވެލްބެކް އެވެ. އެ ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީވެސް އެލެކްސް އޮކްސްލޭޑް ޗޭމްބަލިން އެވެ.
އާސެނަލް ހަ ވަނައިގައި އޮތީ، ފަސް ވަނައިގައި އޮތް ޔުނައިޓަޑަށްވުރެ ދެ ޕޮއިންޓް ފަހަތުން ނެވެ.