ބޮލީވުޑް

ކަބީރް ދެން އުފައްދާ ފިލްމެއްގައި ޝާހްރުކް

May 8, 2017

ޑައިރެކްޓަރު ކަބީރް ޚާން ޖެހިޖެހިގެން އުފެއްދި ކާމިޔާބު ތިން ފިލްމުގެ ވެސް ބަތަލެއްގެ ރޯލުން ފެނިގެން ގޮސްފައިވަނީ ސުޕަސްޓާ ސަލްމާން ޚާން އެވެ.

އަންނަ މަހުގައި ރިލީޒްކުރާ "ޓިއުބަލައިޓް" އަށް ފަހު ކަބީރް އަންނަނީ އިތުރު ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ދެން އޭނާ އުފައްދާ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ޝާހްރުކް ޚާން އެވެ.

ބޮލީވުޑްގެ އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ކަބީރްގެ ފިލްމެއްގައި ޝާހްރުކް ވަރަށް އަވަހަށް ފެނިގެންދާނެ އެވެ. ކަބީރްއާ އެކު ފިލްމެއް ކުޅުމުގެ ޝައުގުވެރިކަން ޝާހްރުކް މީގެކުރިން ހާމަކޮށްފައިވާއިރު، އޭނާ އެންމެފަހުން އުފެއްދި ފިލްމު "ޓިއުބްލައިޓް" ގައި މެހެމާނެއްގެ ރޯލުން ޝާހްރުކް ފެނިގެންދާނެ އެވެ.

ކަބީރްގެ ގާތް ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ޝާހްރުކް ހިމަނައިގެން ފިލްމެއް އުފައްދަން ކަބީރް އަންނަނީ ތައްޔާރުވަމުންނެވެ.

މިހާރު ކަބީރް އަންނަނީ ޝާހްރުކާ އެކު ދުުބާއީ ގައި، އެ ގައުމުގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ކުރު ފިލްމެއްގެ މަންޒަރުތައް ނަގަމުންނެވެ.

ޝާހްރުކް ދެން އެންމެ އަވަހަށް ޝޫޓިން ފަށާނީ ޑްވާފެއްގެ ރޯލު ކުޅޭ އަނަންދް އެލް ރާއީގެ ފިލްމުގެ އެވެ.

ކަބީރްގެ އެންމެފަހުގެ ޑައިރެކްޝަން، "ޓިއުބްލައިޓް" އަށް ފަހު ސަލްމާން އަންނަނީ ކެޓްރީނާ ކައިފާ އެކު "ޓައިގާ ޒިންދާހޭ" ގެ މަންޒަރުތައް ނަގަމުންނެވެ.