ދުނިޔެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

May 8, 2017
1

ތެޔޮ އުފައްދާ މިންވަރު މަދުކުރަން އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް ( އޯޕެކް) އިން ނިންމާފައިވާ މުއްދަތު އިތުރުކުރާނެ ކަމަށް ބެލެވިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ހަކަތައާ ބެހޭ ވަޒީރު ޚާލިދު އަލް ފާލިހް މިއަދު ވިދާޅުވީ ތެޔޮ އުފައްދާ މިންވަރު މަދުކުރަން އޯޕެކްގެ ގައުމުތަކުން ކުރިން އެއްބަސް ވެފައި ވަނީ މިއަހަރުގެ ޖޫންމަހާ ހަމައަށް ކަމަށް ވިޔަސް އެ އެއްބަސްވުން މިއަހަރުގެ ނިޔަލަށް ކުރިއަށް ގެންދަން ގައުމުތަކުން ނިންމާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަގުތަކަށް ބަދަލު އައިސްފައިވާ ގޮތަށް ބަލާއިރު ބްރެންޓް ކްރޫޑް ފީފާއެއް ދެން ވިއްކާނީ 49.82 ޑޮލަރަށެވެ. މިއީ މިހައިތަނަށް ވިއްކަމުން އައި އަގަށް ވުރެ 72 ސެންޓް އިތުރު އަދަދެކެވެ. އެއީ 1.47 ޕަސެންޓްގެ އިތުރުވުމެކެވެ. ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ( ޑަބްލިއުޓީއައި) ކްރޫޑް ފީފާއެއް ދެން ވިއްކާނީ 46.85 ޑޮލަރަށެވެ. އެއީ އެބާވަތުގެ ފީފާއެއް މިހައިތަނަށް ވިއްކަމުން އައި އަގަށް ވުރެ 63 ސެންޓް އިތުރު އަދަދެކެވެ. އެއީ 1.36 ޕަސެންޓްގެ އިތުރުވުމެކެވެ.

ސައުދީ ހަކަތައާ ބެހޭ މިނިސްޓަރު ޚާލިދު އަލް ފާލިހް މިއަދު ވިދާޅުވީ ތެލުގެ ބާޒާރުގައި އެކަށީގެންވާ ވަރަށް ވުރެ ސަޕްލައި އިތުރުވެފައިވާތާ އަހަރުތަކެއް ފަހުން މިހާރު ވަނީ ބާޒާރަށް ހަމަޖެހުން ލިބެން ފަށާފައި ކަމަށެވެ. ނަމަވެސް މިއަަހަރުގެ ފުރަތަމަ ހަމަސްދުވަހު ސަޕްލައި މަދުކުރުމަށް އޯޕެކްގެ ގައުމުތަކުން ނިންމާފައިވާ ނިންމުމުގެ މުއްދަތު އިތުރުކުރާނެ ކަމަށް އުއްމީދކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޯޕެކް ގައުމުތަކުން އެކަމާ މެދު ގޮތެއް ނިންމާނީ މިހިނގާ މޭމަހުގެ 25 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައެވެ.

ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ފްރާންސްގެ ރިޔާއީ އިންތިހާބު އިމެނުއަލް މެކްރޯން ކާމިޔާބުކުރެއްވުމަކީ ވެސް ތެލުގެ އަގު ރަނގަޅުވާނެ ސަބަބެކެވެ. އެއީ އެކަމުގެ ސަބަބުން ޔޫރަޕްގެ އިގުތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވޭތީއެވެ.

އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރިޔަސް އަގުތަށް މާ މައްޗަށް އަރައިގެން ނުގޮސް އޮތީ އެޖަމާއަތުގައި ނުހިމެނޭ އެމެރިކާއާއި ރަޝިޔާ ފަދަ ގައުމުތަކުން ގިނައިން ތެޔޮ އުފައްދަމުން އަންނާތީއެވެ.