ބޭރު ކުޅިވަރު

އާ ޓީމާއެކު ޗަޕޮކުއެންސޭ އަށް ފުރަތަމަ ތަށި

May 8, 2017

ބޯޓު ވެއްޓުނު ހާދިސާގައި ޓީމު ބޮޑު ބައެއް މަރުވި ހާދިސާ އަށް ފަހު، ބްރެޒިލްގެ ޗަޕޮކުއެންސޭ އިން ބްރެޒިލްގެ މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.

ކޮޕާ ސުޑަމެރިކާނާގެ ފައިނަލް ކުޅުމަށް ކޮލަމްބިއާ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދަތުރުކުރަނިކޮށް، ޗަޕޮކުއެންސޭގެ ޓީމު ދަތުރު ބޯޓު ވެއްޓި، އެ ޓީމުގެ ގިނަ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މަރުވެފަ އެވެ. މި ހާދިސާގައި ސަލާމަތްވީ ޓީމުގެ ތިން ކުޅުންތެރިންނެވެ. ބޯޓުގައި ދަތުރުކުރި 77 މީހުންގެ ތެރެއިން 71 މީހުން ވަނީ މަރުވެފަ އެވެ.

އެކި ގޮތްގޮތުން ޓީމަށް ކުޅުންތެރިން ހަމަކޮށްގެން އަލުން ދަނޑަށް ނިކުތް ޗަޕޮކުއެންސޭ އިން ވަނީ އިއްޔެ ޖެހިޖެހިގެން ދެވަނަަ ފަހަރަށް ބްރެޒިލްގެ ސަންޓަ ކަޓަރީނާ ސްޓޭޓް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. ޗަޕޮކުއެންސޭ މި މުބާރާތް ކާމިޔާބުކުރީ ދެ ލެގުގައި އަވާއީގެ މައްޗަށް ކުރި ހޯދައިގެނެވެ.

ޗަޕޮކުއެންސޭ އިން އަލުން ޓީމު ދަނޑަށް ނެރުނުއިރު، އެ ޓީމުން ވަނީ 25 ކުޅުންތެރިން އެ ޓީމަށް ގެނެސްްފަ އެވެ. އަދި ޔޫތު ޓީމު ނުވަ ކުޅުންތެރިން ސީނިއާ ޓީމަށް ނެގި އެވެ. ބްރެޒިލްގެ ބައެއް ކްލަބުތަކާއި އާޖެންޓީނާގެ ބައެއް ކްލަބުތަކުން ޗަޕޮކުއެންސޭ އަށް ލޯނުގެ ގޮތުގައި ކުޅުންތެރިން ދޫކުރުމަށް ހުށަހެޅި އެވެ.

މި ކާމިޔާބީ ޗަޕޮކުއެންސޭގެ ޓީމުން ހާއްސަކުރީ ނޮވެމްބަރު މަހު ހިނގި ހިތާމަވެރި ހާދިސާގައި މަރުވި އެ ޓީމުގެ މެމްބަރުންނަށެވެ.

" އާ ޓީމެއް އެކުލަވާލަން ޖެހުމުން އުނދަގޫތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، މި ކާމިޔާބީ މި ލިބުނީ ޓީމުން ކުރި ހިތްވަރާއި މަސައްކަތުން،" ޗަޕޮކުއެންސޭގެ ކޯޗު ވާގްނާ މަންޗީނީ ބުންޏެވެ.