ބޮލީވުޑް

"މުބާރަކަން" އަށް ފަހު އަރްޖުން ކުޅޭނެ ފިލްމެއް ނެތް

May 9, 2017

މަޝްހޫރު ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ފިރިހެން ދަރިފުޅު، އެކްޓަރު އަރްޖުން ކަޕޫރުގެ ފިލްމީ ކެރިއަރުގައި މިހާތަނަށް މާ ބޮޑު ކާމިޔާބީތަކެއް ލިބުނު ފިލްމެއް ކުޅެވިފައެއް ނެތެވެ.

ދެހާސް ބާރަވަނަ އަހަރު "އިޝަކްޒާދޭ" އިން ބޮލީވުޑަށް ނިކުތް އަރްޖުންގެ ފިލްމީ ކެރިއަރުގައި ކުޅެވުނު އެންމެ ކާމިޔާބު ފިލްމަކީ "ޓޫ ސްޓޭޓްސް" އެވެ.

މިހާރު އަރްޖުން ކުޅެމުން އަންނަ ފިލްމު "މުބާރަކަން" އަށް ފަހު އޭނާ އަތުގައި ކުޅެން އެއްވެސް ފިލްމެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.

އަރްޖުން ވަނީ އޭނާ އަކީ ކުޅޭނެ ފިލްމެއް އަތުގައި ނެތުމުން ލިބޭ ކޮންމެ ފިލްމެއް ކުޅޭ ތަރިއެއް ނޫން ކަމަށާއި އޭނާ ބޭނުންވަނީ ރަނގަޅު ސްކްރިޕްޓްތަކުގެ މައްޗަށް އުފައްދާ މޮޅު ފިލްމުތައް ކުޅެން ކަމަށެވެ.

އަރްޖުން ވަނީ މިދިޔަ އަހަރު ނިކުތް އޭނާގެ ފިލްމު "ކީ އެންޑް ކާ" ކުރިން ވެސް އޭނާ ވަރަށް ގިނަ ދުވަސް ވަންދެން ފިލްމެއް ނުކުޅެ ހުރި ކަމަށާއި އަދި "ކީ އެންޑް ކާ" އަކީ ވެސް އަހަރެއްހާ ދުވަހުގެ ބްރޭކަކަށް ފަހު އޭނާ ކުޅުނު ފިލްމެއް ކަމަށެވެ.

"މުބާރަކަން" އަށް ފަހު އަދި ނެތް ކުޅޭނެ ފިލްމެއް. މީގެކުރިން ވެސް އަހަރެން އެހާ ގިނަ ދުވަހުން ފިލްމުތައް ކުޅެފަ ހުރީމަ މާ ބޮޑު މައްސަލައެއް ނޫން އެއީ ކީ" އަރްޖުން ބުނެފައިވެ އެވެ.

ރަނގަޅު ސްކްރިޕްޓެއްގެ ފިލްމުތައް ކުޅެން ނޫނީ ސޮއިނުކުރާނެ ކަމަށް ބުނަމުން އަރްޖުން ވަނީ ފިލްމުތަކުން އޭނާ ނުފެނި ގިނަ ދުވަސްވެ ފިލްމީ ކެރިއަރު ނެތިދާނެ ކަމުގެ ބިރަށް ކޮންމެ ކޮންމެ ފިލްމެއް ކުޅެން އޭނާ ސޮއެނުކުރާ ކަމަށް ބުނެފަ އެވެ.

އަރްޖުން ދެން އެންމެ އަވަހަށް ފެނިގެންދާނީ މި މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރާ މޯހިތު ސުރީގެ "ހާފްގާލްފްރެންޑް" އިންނެވެ.

އަރްޖުން އޭނާގެ ބޮޑުބޭބެ، އަނިލް ކަޕޫރާ އެކު ފެނިގެންދާ ފިލްމު "މުބާރަކަން" ރިލީޒްކުރާނީ ޖުލައި މަހު އެވެ. މި ފިލްމުގައި އަރްޖުން އާއެކު ބަތަލާއިންގެ ރޯލުން ފެނިގެންދާނީ އިލިއާނާ ޑިކްރޫޒް އާއި އާތިޔާ ޝެޓީ އެވެ.