ބޮލީވުޑް

ރަންބީރު ސަންޖޭގެ ގޮތުގައި ފެނިގެންދާ ފޮޓޯ ލީކުވުމަކީ ދެރަކަމެއް

May 9, 2017

މަޝްހޫރު ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ މިހާރު އަންނަނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތް ކުރަމުންނެވެ.

މި ފިލްމުގެ ޝޫޓިންގެ ތެރެއިން ސަންޖޭގެ ރޯލުން ފެނިގެންދާ ރަންބީރު ކަޕޫރުގެ ފޮޓޯތަކެއް ވަނީ ލީކުވެފަ އެވެ. އެ ފޮޓޯތައް އާންމުވުމާ އެކު ބެލުންތެރިންގެ ގިނަބަޔަކު ވަނީ ޝޮކެއް ލިބިފަ އެވެ. ސަންޖޭގެ ރޯލަށް އޭނާ ތައްޔާރުވެފައިވާލެއް ފުރިހަމަ ކަމުން ގިނަބަޔަކު ވަނީ ސަންޖޭ ރަންބީރު ވައްތަރުކަމަށް ވެސް ބުނެފަ އެވެ.

މުމްބައިގައި މި ފިލްމުގެ ޝޫޓިން ކުރިއަށް ދަނިކޮށް ލީކުވި ފޮޓޯތަކުން ރަންބީރު ސަންޖޭގެ ގޮތުގައި ފެނިގެންދާ ގޮތް ފެނި ސޯޝަލް މީޑިއާގައި މި ފޮޓޯތައް ވަނީ ވަރަށް ވައިރަލްވެފަ އެވެ.

މި ފޮޓޯތައް އާންމުވިތާ ދުވަސްކޮޅެއް ފަހުން ފިލްމުގެ ޑައިރެކްޓަރު ހިރާނީ މިވަނީ ފިލްމުގެ ޝޫޓިންގެ ތެރެއިން ރަންބީރުގެ ފޮޓޯތައް ލީކުވުމަކީ ދެރަވާ ކަމެއް ކަމަށް ބުނެފަ އެވެ.

ހިރާނީ ވަނީ ފިލްމުގެ ޝޫޓިންގެ ތެރެއިން ރަންބީރުގެ ފޮޓޯތައް ލީކުވުމުން އެކަމާ ދެރަވި ނަމަވެސް ފިލްމުގެ ޝޫޓިން ކުރިއަށްދާ ގޮތާ މެދު ވަރަސް އުފަލުން ހުރި ކަމަށް ބުނެފަ އެވެ.

"މީޑިއާއިން ކޮންމެވެސް ގޮތަކަށް ފޮޓޯތައް ނަގައިގެން ލީކުކޮށްލީ" ހިރާނީ ބުނެފައިވެ އެވެ.

ރަންބީރު ސަންޖޭގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި ސަންޖޭގެ ހަޔާތުގެ ތިން ދައުރެއްގެ ރޯލުން ފެނިގެންދާނެ އެވެ. މިއިން ކޮންމެ ރޯލެއް ކުޅުމަށް ރަންބީރު ވަނީ ހަށިގަނޑާއި ސިފަޔަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.

ސަންޖޭގެ ބަޔޮޕިކްގައި ފެނިގެންދާނީ އޭނާ މަޝްހޫރުވި ގޮތާއި 1993 ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން އޭނާގެ ކެރިއަރަށް އައި ބަދަލާއި އަދި ޖަލުގައި ހޭދަކުރި ދުވަސްތަކެވެ.

މި ފިލްމުގެ 60 އިންސައްތަ ޝޫޓިން މިހާރު ނަގައި ނިމިފައިވާއިރު، ބާކީ ހުރި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ނިއުޔޯކްގަ އެވެ. އަދި ނަމެއް ދީފައިނުވާ މި ފިލްމުގައި ސަންޖޭގެ އަންހެނުން މާނިޔަތާގެ ރޯލުން ފެނިގެންދަނީ ދީއާ މިރްޒާ އެވެ. އަދި މަންމަ ނަރްގިސްގެ ރޯލުން ފެނިގެންދާނީ މަނީޝާ ކޮއިރަލާ އެވެ.