ބޮލީވުޑް

"ޑަންގާލް" އަށް ޗައިނާގައި ވެސް ބޮޑު ތަރުހީބެއް

May 9, 2017

ކުރީގެ ރެސްލިން ތެޅުންތެރިޔާ މަހާވިރް ސިންގް ޕޯގަތްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "ޑަންގާލް" ޗައިނާގައި ރިލީޒްކޮށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ސުޕަސްޓާ އާމިރް ޚާން ލީޑްރޯލުން ފެނިގެން ގޮސްފައިވާ "ޑަންގާލް" ޗައިނާގައި ރިލީޒްކުރި ފުރަތަމަ ހަފްތާ ބަންދުގައި ވަނީ 72 ކްރޯޑް (11.30 މިލިއަން ޑޮލަރު) ރުޕީޒް ލިބިގެން ގޮސްފަ އެވެ.

މުޅިން އާ ދެތަރިން ކަމަށްވާ ފާތިމާ ސަނާ ޝައިހް އާއި ސަނާޔާ މަލްހޯތުރާ ރެސްލިން ތެޅުންތެރިން ކަމަށްވާ ގިތާ ޕޮގަތް އާއި ބަބީތާ ޕޮގަތްގެ ރޯލުން ފެނިގެން ގޮސްފައިވާ މި ފިލްމަށް ތިން ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީ ހިއްސާކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ "ޑަންގާލް" އަށް ޗައިނާއިން ލިބެމުން އަންނަ ތަރުހީބު އިންތިހާ ރަނގަޅު ކަމަށް ބުނެފަ އެވެ.

މިިދިޔަ ޑިސެމްބަރުގައި ރިލީޒްކުރި މި ފިލްމު ޗައިނާގައި ރިލީޒްކޮށްފައިވަނީ ބެއިޖިން ފިލްމު ފެސްޓިވަލްގަ އެވެ. އާމިރް އާއި ފިލްމުގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ ވަނީ ފިލްމުގެ ޕްރިމިއާ އަށް ޗައިނާ އަށް ގޮސްފަ އެވެ. ޗައިނާގެ 9000 ސްކްރީނެއްގައި މި ފިލްމު ދައްކަން ފަށާފައިވަނީ ހުކުރު ދުވަހު އެވެ.

އިންޑިއާގައި މިހާތަނަށް އުފެއްދި ކާމިޔާބު ފިލްމުގެ މަގާމު ހޯދާފައިވާ "ޑަންގާލް" ބޮކްސް އޮފީހުގެ ހުރިހާ ރެކޯޑްތައް މުގުރައި، އެންމެ ބޮޑު އާމްދަނީ ލިބުނު ހިންދީ ފިލްމުގެ ރެކޯޑް ވަނީ މުގުރާލާފަ އެވެ. މި ފިލްމަށް މިހާތަނަށް އިންޑިއާ އާއި ބޭރު ދުނިޔެއިން ވަނީ 800 ކްރޯޑް (8000 މިލިއަން) ރުޕީޒް ލިބިގެން ގޮސްފަ އެވެ.

މި ފިލްމުގައި ގީތާ ކުޑައިރުގެ ރޯލުން ފެނިގެން ގޮސްފައިވާ ޒާއިރާ ވަސީމް އަށް ގައުމީ އެވޯޑް ވެސް ލިބިފަ އެވެ.