ކުޅިވަރު

ލީގް ހޯދަން ޗެލްސީއިން އެއް ފިޔަވަޅާ ގާތަށް

May 9, 2017

މިޑްލްސްބަރާގެ މައްޗަށް 3-0 ން މޮޅުވެ، އެޓީމު ރެލިގޭޝަނަށް ވައްޓާލުމަށްފަހު، ލީގް ހޯދުމާ ތިން ޕޮއިންޓާ ގާތަށް ޗެލްސީ ޖެހިލައިފި އެވެ.

ޗެލްސީގެ ކޯޗް އިޓާލީގެ އެންޓޯނިއޯ ކޮންޓޭ ބުނީ، ޗެލްސީގެ ކުޅުންތެރިންނަށް ދެން ކުރިއަށް އަޅަން ޖެހޭނީ އެއް ފިޔަވަޅު ކަމަށެވެ. އަންނަ ހުކުރު ދުވަހުގެރޭ ވެސްޓްބްރޯމްވިޗާ ދެކޮޅަށްކުޅޭ މެޗުން މޮޅުވެގެން ޗެލްސީއަށް ލީގް ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެ އެވެ.

ޗެލްސީގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓްގައި، ސެސް ފެބްރިގާސް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ، ޑިއޭގޯ ކޯސްޓާ އެވެ. އޭރިއާ ބޭރުން ފެބްރިގާސް ނަގައިދިން ބޯޅަ ލިބުނީ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުހަށް ހުރި، ކޮސްޓާ އަށެވެ. ކޮސްޓާއަށް ހުރަސް އަޅަން، މިޑްލްސްބަރާގެ ކީޕަރު ބްރެޑްލީ ކުރިއަށް ނިކުތެވެ. ނަމަވެސް. ކޮސްޓާ އެބޯޅަ ގޯލް ތެރެއަށް ފޮނުވާލީ، ބްރެޑްލީގެ ފައި ދަށުން ނެވެ.

ދެ ވަނަ ލަނޑު 34 ވަނަ މިނެޓްގައި، މާކޯސް އެލޮންސޯ ކާމިޔާބު ކުރީ ގޯލްގެ އަރިމަތިން އުނދަގޫ ޕޮޒިޝަނެއްގައި ހުރެ ފޮނުވާލި ބޯޅައިން ނެވެ. ބޯޅަ ގޯލް ތެރެއަށް ވަނީ ކީޕަރު ބްރެޑްލީ ގައިގައި ޖެހިފަ އެވެ. ތިން ވަނަ ލަނޑު 65 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނިމެންޖާ މަޓިޗް އެވެ.

"ޓޮޓެންހަމް ބަލިވުމުގެ ފައިދާ އަހަރެމެންނަށް، މި މެޗުގައި ވަރަށް ބޮޑަށް ނެގިއްޖެ، ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް މޮޅު ކުޅުމެއް،" މެޗަށްފަހު ވާހަކަ ދައްކަމުން ކޮންޓޭ ބުންޏެވެ. "މިއީ އަހަރެމެންނަށް ކުރިއަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް، މިއި ބޮޑު މޮޅެއް، މިދިޔަ ސީޒަންގައި ވަރަށް ގޯސްކޮށް ދިޔައީ، އަދި ހަނދާން ނައްތާލަން ނުޖެހޭ، މިސީޒަން އަހަރެމެން ފެށީވެސް އުނދަގޫ ހާލަތެއްގެ ތެރެއިން، ވަރަށް އުނދަގު މައްސލަތައް ހުރި، މިހާރު އަހަރެމެން މިވަނީ ރަނގަޅު ސީޒަނަކަށް ހަދަން ފުރުސަތު ލިބިފައި، ނަމަވެސް އަދި އަހަރެމެންނަށް އެއް ފިޔަވަޅު ކުރިއަށް އެބައޮތް، އެއަށް ފަހު އަހަރެމެން އުފާ ފާޅު ކުރާނީ، މިހާރު މިއޮތީ އެ ހިސާބަށްދާން ވަރަށް ކައިރީގައި."

އޭނާ ބުނީ ސީޒަންގައި، ޗެލްސީއަށް އެންމެ އުނދަގޫ ހާލަތަކަށް ވެގެންދިޔައީ މިދިޔަ މަސް ކަމަށާއި، ޔުނައިޓާޑް އަތުން ބަލިވެ، ޓޮޓެންހަމް ހަތަރު ޕޮއޮންޓަށް ކައިރި ކުރުމުން އުނދަގޫ ހަލަތަކަށް ދިޔަ ކަމަށެވެ.