ކުޅިވަރު

އިރާނުގެ "މެސީ" ހައްޔަރު ކޮށްފި!

May 9, 2017
2

އިންސާނީ ބައެއް ހައްގުތަކާއި، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށްފައި އޮންނަ އިރާންގައި، މީހަކު ހައްޔަރު ކޮށްފިއޭ ބުނަމުކުން، ހައިރާނެއް ނުވާނެ އެވެ. ނަމަވެސް، މިދިޔަ ހަފުތާ ބަންދުގައި، ޒުވާނަކު ހައްޔަރު ކުރި ވާހަކަ ޚަބަރު ލިބުމުން، ދުނިޔެ ހައިރާކަން ލިބިއްޖެ އެވެ. އެޒުވާނާ ހައްޔަރު ކުރީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ ވައްތަރުވެގެނެވެ.

ރެޒާ ޕަރަސްޓީޝް 25، މެސީއާ ވަރަށް ވައްތަރެވެ. ފަސަ ފަހަރުގެ މަތިން، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ، މެސީއާ ވައްތަރު ކަމުން، އިރާންގެ ހަމަޑެން ސިޓީގެ ފުލުހުންނަށް ޖެހުނީ، ރެޒާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާށެވެ. އޭނާގެ ކާރު ވެސް، ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. އޭނާގެ ސަބަބުން އާންމުންނަށް އުނދަގުލަކަށް ވެއްޖެ އެވެ.

ގާތްގަނޑަކަށް ހުރިހާ އެންމެ ކަހަލަ ގޮތަކަށް، ރެޒާ ހުއްޓުވުމަށްފަހު އެދެނީ އޭނާއާއެކު ފޮޓޯ ގަނޑެއް ނެގުމަށެވެ. އިރާންގައި އޭނާ އާދައިގެ ތަރި އަކަށް ވެއްޖެ އެވެ. ބީބީސީ އަށް މައުލޫމާތު ދެމުން ރެޒާ ބުނެފައި ވަނީ "މިޑިއާ އިންޓަވިއުތަކާއެކު ޝެޑިއުލް އޮތީ މުޅިން ފުލުކޮށް" ކަމަށާއި "އަދި މޮޑެލް ކޮށްދިނުމަށް ހުށަހެޅުންތައް ލިބިފައި" ވާކަމަށެވެ.

އޭނާ އަށް ކުއްލިއަކަށް ލިބުނު މަޝްހޫރު ކަމުގެ ފަހަތުގައި ވަނީ ކޮންބައެއް ހެއްޔެވެ؟ އޭގެ ފަހަތުގައި ވަނީ އޭނާގެ ބައްޕަ އެވެ. މީގެ 10 މަސް ކުރިން، ބާސާގެ 10 ނަންބަރު ޖޯޒީ ލެއްވުމަށްފަހު، ނެގި ފޮޓޯ، ސްނެޕްޗެޓަށް ލާފައި ވަނީ އޭނާގެ ބައްޕަ އެވެ. އެހިސާބުން މެސީއާ ވައްތަރު އެހެން މީހަކު ހުރިކަން އެނގުމުން، އޭނާގެ ވާހަކަ ހިނގަން ފެށީ އެވެ.

"މިހާރު މީހުން ބަލައިގަންނަނީ، އަހަންނަކީ އިރާންގެ މެސީ ކަމުގައި، އަދި މީހުން ބޭނުންވޭ މެސީ ކުރާ ހުރިހާ ކަމެއް އަހަރެއް ކުރަން." އޭއެފްޕީގައި ވާހަކަ ދައްކަމުން ރެޒާ ބުންޏެވެ. އެހެންވެ އާނާ ދަނީ ފުޓްބޯޅައިގެ ބައެއް ޓްރިކްތައް ދަސް ކުރަމުން ނެވެ.

"އަހަރެން ތަނަކުން ފެނިއްޖެއްޔާ މީހުން ބައެއް ފަހަރު ޝޮކްވޭ، އަހަރެން ވަރަށް ބޮޑަށް އުފާވޭ، އަހަރެންގެ ސަބަބުން އެމީހުން އުފާވާތީ، އަދި މިއުފާ ވެރިކަން އަހަންނަށް ވަރަށް ބޮޑު ހަކަތައެއް ލިބޭ."