ލައިފްސްޓައިލް

ދިރާގުން އައިޑޮލްއަށް ހާއްސަ ސްޓިކާތަކެއް

ވައިބާ ދިވެހިންގެ ތެރޭގައި ފެތުރިގެން ދިޔަތާ އެތައް ދުވަހެއް ފަހުން ދިވެހި ސްޓިކާތަކެއް ތައާރަފް ކުރުމާއެކު ރޮކެޓެއް ހެން އަރައިގެން ދިޔަ އެވެ. އޭގެ ތަރުހީބު އެހާވެސް ބޮޑެވެ. ވައިބާގެ ފޯރި ގަދަ ކޮށްލާފައި ވަނިކޮށް ދިރާގުން ވެސް މިވަނީ ދިވެހިންނާ ގުޅޭ ހާއްސަ ސްޓިކާއެއް ތައާރަފްކޮށްފަ އެވެ. ދިރާގުގެ ސްޓިކާ ސެޓު ހާއްސަކޮށްލީ މި ދުވަސްވަރު ގައުމުގައި އެންމެ ގަދަވެގެން އުޅޭ އެންމެ ގަދަ އަޑު ކަމަށްވާ މޯލްޑިވިއަން އައިޑޮލް އަށެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ގްރޭންޑް ފިނާލޭއަށް ތައްޔާރުވެފައި ވަނިކޮށް ސްޓިކާތައް ހިލޭ ދޫކޮށްލުމަކީ އައިޑޮލް އަށް މީހުންގެ ޝައުގުވެރިކަން އިތުރު ކުރުވި ކަމެކެވެ. މި ސްޓިކާތަކުގެ ތެރޭގައި ޖަޖުންގެ އެންމެ ހާއްސަ ބަސްތަކާއި ބައިވެރިންގެ އެންމެ ހާއްސަ ބަސްތައް ހިމެނެ އެވެ. އަދި މީގެ އިތުރުން މޯލްޑިވިއަން އައިޑޮލްގެ ސްޕޮންސާ އިޝްތިހާރު ތަކުގެ ތެރޭގައި ދައްކާ ދިރާގުގެ ފޯޖީ އިޝްތިހާރު ރިޕްރެޒެންޓް ކޮށްދޭ "ލައްވާލީވަ 4ޖީ" ސްޓިކާވެސް ހިމެނެ އެވެ.

ޖަޖު މަރިޔަމް އުނޫޝާގެ "އޮބިނެސް ޓު ދަ މެކްސް" އާ އިބްރާހިމް އަލީ (ކުޑަ އިއްބެ) ގެ "ތަފާތު" ސްޓިކާ އެބައިނެވެ. ޖަޖު އިސްމާއިލް އައްފާން އަށް "މަހަށް ދޭބަލަ" ވެސް އެބައިނެވެ.

މިދިޔަ ސީޒަނުން ވިދާލި ޝަލަބީ އިބްރާހިމްގެ "މީ ނާނާ" ސްޓިކާ އާއި މުހައްމަދު އިޝާން ސިފާ ކުރާ "ސަޅި މީހާ" ސްޓިކާވެސް އެބައިނެވެ. ގިނަ ބައިވެރިންގެ ދުލު ކުރީގައިވާ "ލޯބިވޭ" ވެސް ނޫ ކުލައިގެ ހިތަކާއެކު އެބައިނެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން އެެއްގެ ތައްޓާއެކު ލައިޝާ ޖުނައިދު އިންނަ "ޔޫ އާ އަ ވިނާ" ވެސް އެބަ އިނެވެ.

މީގެ އިތުރުން މި ސީޒަންގެ ޓޮޕް ތިނެއްގެ ބައިވެރިން ފެންނަ ސްޓިކާތައްވެސް އެބަ ހުއްޓެވެ. އިތުރަށްވެސް ގިނަ ސްޓިކާތަކެއް ހުރި އިރު ސްޓިކާތަކުގެ ތަފްސީލެއް ދެން ނުދޭނަމެވެ. ޑައުންލޯޑް ކޮށްލައިގެން ބަލައިލާ އާއިލާގެ މީހުންނަށް އަދި ރައްޓެހިންނަށް ފޮނުވާ ވައިބާގެ ފޯރި ގަދަކޮށްލާށެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ގެ ގަދަ ތިނެއް މިހާރު ޔަގިން ވެފައިވާއިރު މި ފަހަރުގެ ގަދަ ތިނެއްގައި ހިމެނެނީ މުހައްމަދު ތަސްނީމް (ބޮބް)، ހަމޫދު އަހްމަދު އަދި ޝަމްވީލް މުހައްމަދު އެވެ. މި ސީޒަންގެ ގްރޭންޑް ފިނާލޭ އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނާނެވެ. ބައިވެރިންގެ ރީތި ހުށަހެޅުންތަކެއް ފެންނައިރު ގިނަ ސަޕްރައިޒްތަކެއްވެސް ބެލުންތެރިންނަށާއި ފޭނުންނަށް ލިބިގެންދާނެ އެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ އެއް ވަނަ ހާސިލް ކުރާ ބައިވެރިޔާ ހޮވާކަށް މާ ގިނަ ދުވަހެއް ނެތެވެ. އިންތިޒާރު ކޮށްލާށެވެ. ހުކުރު ދުވަހުގެ ރޭގެ ޕާފޯމަންސް އަށް ފަހު ފޭވަރިޓް ބައިވެރިޔާއަށް އެސްއެމްއެސް ކުރާށެވެ. އެއް ވަނަ ހޮވުމުގެ 50 ޕަސަންޓު ބާރު އޮތީ ތިބޭފުޅުންގެ އަތްމަތީގަ އެވެ.