ބޮލީވުޑް

ސާރާ އާއި އާޔުޝް ބޮލީވުޑަށް ނެރެނީ ސަލްމާން

May 10, 2017

މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނަން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ އަހަރެއް ވަނީ އެވެ. މިހާތަނަށް ވެސް ސާރާ ބޮލީވުޑަށް ނިކުންނަކީ ކޮން ޑައިރެކްޓަރެއްގެ ކޮން ފިލްމަކުންކަން އޮތީ ނޭނގިފަ އެވެ. ހައްތަހާ ވެސް އަރަނީ އަޑުތަކެވެ.

އެއްބަޔަކު ސާރާ ބޮލީވުޑަށް ނިކުންނަނީ ކަރަން ޖޯހަރުގެ ބެލުމުގެ ދަށުން ކަމަށް ބުނަމުން އަންނައިރު، އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި، ޔާޝް ރާޖްގެ ބޮޑު ފިލްމު "ތަގްސް އޮފް ހިންދޯސްތާން" ގެ ބަތަލާގެ ރޯލަށް އޮޑިޝަން ދިން ނަމަވެސް ސާރާ އަށް އެ ރޯލު ވަނީ ގެއްލިފަ އެވެ.

ނަމަވެސް ސާރާ ބޮލީވުޑަށް ނެރެން ސަލްމާން މަސައްކަތްކުރަމުން އަންނަ ކަމުގެ އަަޑު މިވަނީ އަރާފަ އެވެ.

ބުނެވޭ ގޮތުގައި ޅިޔަނު އާޔުޝް ޝަރްމާ އާއެކު ސާރާ ވެސް ބޮލީވުޑަށް ނެރެން ސަލްމާން ވަނީ މަސައްކަތް ފަށާފަ އެވެ. އެގޮތުން ސަލްމާން ވަނީ މިފަހުން ސާރާ އާ ބައްދަލުކޮށް އެފިލްމުގެ ބަތަލާގެ ރޯލު އޭނާ އަށް ހުށަހަޅާފަ އެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމުގެ ސްކްރިޕްޓް ސާރާ އަށް ސަލްމާން އިއްވާފައިވާ ކަމަށް ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ވަނީ ބުނެފަ އެވެ.

ކުރިން ކަރަން ޖޯހަރު މި ފިލްމު ޕްރޮޑިއުސްކުރާ ގޮތަށް އޮތް ނަމަވެސް މިހާރު ފިލްމު ޕްރޮޑިއުސްކުރަން ނިންމާފައިވަނީ ސަލްމާންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިންނެވެ.

މި އަހަރުގެ ނޮވެމްބަރުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން މި ފިލްމު ކުޅޭނަމަ ސާރާ ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށްވެ އެވެ.

ސަލްމާން އެންމެފަހުން ބޮލީވުޑަށް ނެރުނު ދެތަރިންނަކީ ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީ އާއި އަދިތްޔަ ޕަންޗޯލީގެ ދަރިފުޅު ސޫރަޖް ޕަންޗޯލީ އެވެ.