ބޮލީވުޑް

ޝާހްރުކްގެ ބަތަލާ އަކަށް އެންމެފަހުން އާލިއާ

May 10, 2017

މިދިޔަ އަހަރު ނިކުތް ފިލްމު "ޑިއާ ޒިންދަގީ" ގައި ޝާހްރުކް ޚާން އޭނާގެ އުމުރަށް ވުރެން ދެގުނަ ކުޑަ ބަތަލާ އާލިއާ ބަޓް އާއެކު ފެނި ވަނީ ބެލުންތެރިން ހައިރާންކޮށްލާފަ އެވެ.

ޝާހްރުކް ދެން އެންމެ އަވަހަށް ކުޅެން ފަށާ ޑައިރެކްޓަރު އަނަންދަ އެލް ރާއީގެ ފިލްމަކީ ދެބަތަލާއިން ފެނިގެންދާ ފިލްމެކެވެ. އެ ރޯލުތައް ދިޕިކާ ޕަދުކޯން އާއި ކެޓްރީނާ ކައިފް ކުޅޭ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އެންމެފަހު ވަގުތު ދިޕިކާ ވަނީ ސަންޖޭ ލީލާ ބިންސާލީގެ "ޕަދްމާވަތީ" ގެ ޝޫޓިންގައި ބިޒީވުމުން ވަގުތު ނެތް ކަމަށް ބުނެ މި ފިލްމު ދޫކޮށްލާފަ އެވެ.

ދިޕިކާ އެ ރޯލު ދޫކޮށްލުމުން ޑައިރެކްޓަރު އަނަންދް ވަނީ އާލިއާ އަށް އެ ރޯލު ހުށަހަޅާފަ އެވެ. ޝާހްރުކް ޑްވާފެއްގެ ރޯލުން ފެނިގެންދާ މި ފިލްމުގެ ބަތަލާގެ ރޯލު ކުޅެން އާލިއާ ނިންމާފައިވާ ކަމަށްވެ އެވެ.ނަމަވެސް އަދި ފިލްމު ކުޅެން ސޮއިނުކުރާ ކަމަށް ވެސްވެ އެވެ.

ދިޕިކާގެ ބަދަލުގައި އާލިއާ އަށް މި ބޮޑު ފިލްމުގެ އެއް ބަތަލާގެ ރޯލު ލިބިފައިވާ ކަމުގެ ވާހަކަތައް ދެކެވެމުން އަންނައިރު، މިދިޔަ މަހުގެ ތެރޭގައި އަނަންދް އާއި ޝާހްރުކާ އެކު އާލިއާ ދުބާއީގައި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަން ބައްދަލު ކުރުމަށްފަހު އެނބުރި އިންޑިއާ އަށް އައުމަށް ދުބާއީ އެއާޕޯޓުގައި ތިއްބައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

ބުނެވޭ ގޮތުގައި ދުބާއީގައި ވަނީ މި ފިލްމަށް އާލިއާ އާއި ޝާހްރުކްގެ ލުކް ޓެސްޓްތަކެއް ޝޫޓްކޮށްފަ އެވެ.

ޝާހްރުކް މި ފިލްމުގައި ޑްވާފެއްގެ ރޯލުން ފެނިގެންދާ ނަމަވެސް ކެޓްރީނާ އާއި އާލިއާ ފެނިގެންދާ ރޯލުތައް ހާމަކޮށްފައެއްނުވެ އެވެ. އަދި މިހާތަނަށް ފިލްމުގެ ނަން ވެސް ހާމަކޮށްފައެއްނުވެ އެވެ.

މިތިން ތަރިން މި ފިލްމަށް ތައްޔާރުވާން ފަށާނީ ކެޓްރީނާ މިހާރު ކުޅެމުން އަންނަ "ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިމުމުންނެވެ. މި ފިލްމުގެ ޝޫޓިން ފަށާނީ މިއަހަރުގެ ފަހުކޮޅު އެވެ.

މި ފިލްމަކީ ޝާހްރުކް އާއި ކެޓްރީނާ އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ. މީގެކުރިން އެ ދެތަރިން ވަނީ 2012 ވަނަ އަހަރު ނިކުތް "ޖަބްތަކް ހޭ ޖާން" އިން ފެނިގެން ގޮސްފަ އެވެ.