ބޮލީވުޑް

އަކްޝޭގެ "ޓޮއިލެޓް" އާއެކު މޯދީ ހެވިފައި

May 10, 2017

ސުޕަސްޓާ އަކްޝޭ ކުމާރާއި ބުމީ ޕަޑްނޭރްކަރް އެކުގައި ފެނިގެންދާ ފިލްމު "ޓޮއިލެޓް" އަކީ އިންޑިއާގެ ސާފުތާހިރުކަން އިތުރުކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފައްޓަވާފައިވާ ކެމްޕެއިނާ ގުޅުވައިގެން ޑައިރެކްޓަރު ޝްރީ ނާރަޔަން ސިންގް އުފައްދާފައިވާ ފިލްމެކެވެ.

ޖޫން މަހުގެ 2 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމާ ގުޅޭގޮތުން ބޮޑުވަޒީރު މޯދީގެ ހިޔާލު ހޯދާލުމުގެ ފުރުސަތު އަކްޝޭ އަށް ވަނީ ލިބިަފ އެވެ. އެކަމަށް މޯދީ އާއެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުން ނިންމާލުމަށްފަހު އަކްޝޭ ވަނީ މޯދީއާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓްކޮށްފަ އެވެ.

ފިލްމުގެ ނަން އަޑުއިވިފައި މޯދީގެ މޫނުމަތިން ފެނުނު ހިނިތުންވުމަކީ އޭނާ އަށް ލިބުނު ހިތްވަރަކާއި އުފާވެރިކަމެއް ކަމަށް އަކްޝޭގެ ޓްވީޓްގައި ބުނެފައިވެ އެވެ.

'މޯދީ އާ ބައްދަލުކޮށް "ޓޮއިލެޓް" ފިލްމުގެ ވާހަކަ ހިއްސާކުރަން ފުރުސަތު ލިބުނު، ފިލްމުގެ ނަން އަޑުއިވުމުން މޯދީ ހިނިފުޅުވެޑުވުމުން އަހަންނަށް ހިތްވަރާއި އުފާވެރިކަން ލިބުނު" އަކްޝޭ ލިޔެފައިވެ އެވެ.

މި ފިލްމަކީ އިންޑިއާގައި ދިމާވަމުން އަންނަ ވަރަށް ބޮޑު މައްސަލައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެގޮތުން އިންޑިއާގައި އަލަށް ކައިވެނިކޮށްގެން ފިރިމީހާގެ ގޭގައި ދިރިއުޅެންދާ އަންހެންކުދިންގެ ތެރެއިން ގިނަކުދިން އެގޭގައި ފާހާނާގެ ދަތިކަން ބޮޑުކަމުން އަނބުރާ ގެއަށްދާއިރު، މިފިލްމުގައި ވެސް ފެނިގެންދާނީ އެފަދަ ހާދިސާއެއް ކަމަށްވެ އެވެ.

އިންޑިއާގެ ރަށްފުށުގެ ގިނަ ސަރަހައްދުތަކެއްގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ޝްރީ މުޅިން އަލަށް ޑައިރެކްޓްކުރި ފިލްމެކެވެ. އަދި މިފިލްމަކީ ބަތަލާ ބޫމީގެ ދެވަނަ ފިލްމުވެސްމެ އެވެ.